މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ކުރާ ތަހުގީގުގައި އޭނާއާ ސުވާލު ކުރުމަށް ދޫނިދޫއަށް ގޮސްގޮސްފި އެވެ. ފާރިސް ބަންދުކޮށްފައި ހުރީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ.
ފާރިސްގެ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވީ ތަހުގީގަށް ސުވާލު ކުރުމަށް ފާރިސް ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފާރިސްއާ ބައްދަލު ކުރުމަށް ވަކީލުންނަށް ވެސް ފުރުސަތެއް ނުދެއްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
މިިދިޔަ އަނގާރަ ދުވަހު ފާރިސް ދިރިއުޅުއްވާ ގެއިން އޭނާ ހައްޔަރު ކުރުމަށް ފަހު ފުރަތަމަ ގެންގޮސްފައި ވަނީ ވެސް ދޫނިދޫއަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލަށް ވަނީ ބަދަލުކޮށްފަ އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ގާނޫނާ ހިލާފުކަމެއް ކަމަށް ބުނެ ފާރިސްގެ ވަކީލުން ވަނީ ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އާދަމް އާރިފަށް ސިޓީ ވެސް ފޮނުވާފަ އެވެ.