ހަބަރު

އިދިކޮޅުގެ އިންޒާރެއް ފިނޭންސް މިނިސްޓަރަށް

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް އިދިކޮޅު އެމްޑީޕީގެ އިންޒާރެއް އަމާޒުކޮށްފި އެވެ.

އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ އެ ޕާޓީތަކަށް ނުދީ، ގާނޫނާ ހިލާފަށް އެ ފައިސާތައް ފިނޭންސް މިނިސްޓަރު ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު ޖަވާބުދާރީކުރުވޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޫކުރަން ޖެހެ އެވެ. ނަމަވެސް މިދިޔަ އަހަރު ވެސް ތަފާތު އެކި ސަބަބުތަކާ ދައްކާ ޕާޓީތަކަށް ފައިސާ ދޫކޮށްފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މި އަހަރުގެ ހަތްވަނަ މަސް ހިނގަމުންދާއިރު މި އަހަރުގެ ފައިސާ ވެސް އަދި ޕާޓީތަކަށް ދުލެއް ނުކުރެ އެވެ. ޕާޓީތަކުން ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ހުރިހާ މަރުހަލާތަކެއް އެ ކޮމިޝަނުން ނިންމައި މިހާރު ފިނޭންސް މިނިސްޓްރީއަށް ފައިސާ ދޫކުރުމަށް ފޮނުވާފަ އެވެ. ފިނޭންސް މިނިސްޓްރީން ވެސް ބުނެފައިވަނީ، ޕާޓީތަކަށް ފައިސާ ދޫކުރުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފިނޭންސް މިނިސްޓަރަށް އިންޒާރެއް އިދިކޮޅުން ރައްދުކޮށްފައިވާއިރު އިދިކޮޅު ޕާޓީތަކުން ވަނީ އިލެކްޝަން ކޮމިޝަނުންގެ މެންބަރުން ވަކިކުރުމަށް ވެސް މަސައްކަތް ފަށާފަ އެވެ. އިދިކޮޅުން ބުނަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، މަގާމުން ދުރުކުރުމަށްފަހު މަޖިލީހުގެ ތެރޭގައި ބޮޑެތި ކަންތައްތަކެއް ނިންމަމުންދާނެ ކަމަށެވެ. އަދި ވުޒާރާތަކާއި މުއައްސަސާތައް ޖަވާބުދާރީ ވެސް ކުރުވާނެ ކަމަށެވެ.

އެކަމުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން އިދިކޮޅުން ހުށަހަޅާފައިވަނީ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނިންމި ނަމަވެސް އެންމެފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ. އެއީ ސުޕްރީމް ކޯޓުން ވަރަށް ފަހުން ކޮށްފައިވާ ހުކުމު އެހެން ބަޔާންކޮށްފައިވާތީ އެވެ. އެ ހުކުމްގައިވާ ގޮތުން މަޖިލީހުގައި އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.

އިދިކޮޅުގެ އިންޒާރެއް އަމާޒުވެފައިވާ ފިނޭންސް މިނިސްޓަރު މުނައްވަރަކީ ބަންޑާރަ ނައިބު އަނިލް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާއެކު އަނިލްގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާ މިނިސްޓަރެކެވެ. މިނިސްޓަރު މުނައްވަރު ވިދާޅުވެފައިވަނީ، ކެބިނެޓްގައި ހުންނެވި އެންމެ ގާބިލް އަދި އެންމެ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކީ އަނިލް ކަމަށެވެ. އަދި އަނިލް މަސައްކަތް ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. މުޅި ކެބިނެޓް އޮތީ އަނިލްއާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.