ރިޕޯޓް

އެ ގަތުލުގެ ސިއްރެއް ނުހޯދޭ، އެކަމަކު އެ ގަތުލު ސިޔާސީ ކުރެވޭ!

Apr 15, 2015
2

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަފްރާޝިމް އަލީއަށް ހަމަލާދީ އަވަހަރަކޮށްލި ހާދިސާއަކީ ފަހުގެ ތާރީހުގައި ހިންގި އެންމެ ހައި ޕްރޮފައިލް ޖަރީމާ އެވެ. އެ ހާދިސާއަށް ދެ އަހަރަށް ވުރެވެސް ގިނަ ދުވަސްވެފައިވާ އިރު، އެ މަރުގެ އެންމެ ފުނަށް ދިޔުމަށް ތަހުގީގު އިދާރާތައް ވެސް ވަނީ ނުކުޅެދިފަ އެވެ. އެއީ ކީއްވެ ކޮން ބަޔަކު ކޮން މަގުސަދެއްގައި ކުރި ކަމެއްކަން އަދިވެސް ތިލަކޮށްލެވިފައެއް ނުވެ އެވެ. އެކަމަކު ވެސް އެ މަރާ ގުޅޭ ގޮތުން ދައްކާ ސީރިއަސް ވާހަކަތަކަށް ވުރެ ސިޔާސީ ވާހަކަތައް އަދި މާގިނަ އެވެ. އެ މަރާ ގުޅޭ ގޮތުން އަނެއްކާ ވެސް މި ވަނީ އެހެން ވާހަކައެއް އުފަންވެފަ އެވެ.

އަފްރާޝިމް ގާތިލް ކަމަށް އަމިއްލައަށް އިއުތިރާފްވެ ޝަރީއަތަށް ސާބިތުވެފައިވާ، ހުސެން ހުމާމްގެ އިސްތިއުނާފް ޝަރީއަތުގައި އޭނާ ބުނެފައި ވަނީ، އެ މަރުގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ ރައީސް އަބްދުﷲ ޔާމީނާއި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ. މިއީ އެ ވާހަކައާ ގުޅިގެން އެނބުރޭ ސިލްސިލާ ވާހަކަތަކުގެ ތެރެއަށް އިތުރުވާ ބޮޅެކެވެ. އެ ސިލްސިލާގެ އެތައް ވާހަކައެއް އޭނާ ޝަރީއަތުގެ ތެރޭގައި އުފަން ކުރި އެވެ. 

ހުމާމްގެ އެންމެ ފުރަތަމަ، ޝަރީއަތުގައި އެއްބަސްވީ އޭނާ އަފްރާޝިމް މެރި ކަމަށެވެ. އަދި އެކަން ކުރުމަށް ބާރު އެޅީ އެމްޑީޕީން ކަމަށާއި ހާއްސަކޮށް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކުގެ އަތެއް އެކަމުގައި އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށް ހުމާމް ވަނީ ތަހުގީގު ބަޔާންތަކުގައި ބުނެފަ އެވެ. އެބުނާ ގޮތަށް އޭނާގެ ދަނބިދަރިއެއްގެ މައްޗަށް ދައުވާކުރަން އެމައްސަލަ ޕީޖީއަށް ވެސް ފުލުހުން ފޮނުވި އެވެ. އަދި އޭނާ އަކީ ފައިސާ ފޯރުކޮށްދިން މީހާކަމަށް އޮތީ ތުހުމަތު ވެސް ކޮށްފަ އެވެ. 

ދެން ޖެހިގެން އައި މަޖިލީހުގައި ހުމާމް ބުނީ ފުލުހުން ބިރުދެއްކުމުން، އެކަމަށް އެއްބަސްވީ ކަމަށާއި އަފްރާޝިމް މަރާނުލާ ކަމަށެވެ. އަދި ފުލުހުން އުޅެނީ އޭނާގެ ބޮލުގައި އެކަން އަޅުވަން ކަމަށް ބުނެ އެކަމަށް ކަނޑައެޅުގެން ދެކޮޅުހެދި އެވެ. އޭރުގެ ޕޮލިސް ކޮމިޝަނަރު ހުމާމާ ބައްދަލުކޮށް، ވަކި ގޮތަކަށް ވާހަކަ ދެއްކުމަށް ބިރު ދެއްކި ކަމަަށް ބުނެފައިވެ އެވެ. ނަމަވެސް ހެކިންނާއި ފޮރެންސިކް ހެކިތައް ހުމާމްގެ ކޮޅަށް ބުރަނުވުމުން، އޭނާއަށް އެކަމުން ބޯ ދަމައިގަނެވޭ ގޮތެއް ނުވި އެވެ. އެ މައްސަލައިގައި ހަމައެކަނި ހުކުމެއް ކޮށްފައި ހުރި މީހަކީ ހުމާމް ކަމަށްވާ އިރު، އިތުރު ބައެއްގެ ވާހަކަ މިހާރު އަޑުވެސް ނީވެ އެވެ. އެ ހުރިހާ ސަބަބަކާ ހުރެ ހަމައެކަނި އަޑު އިވެނީ ހުމާމް ދައްކާ ދެއުޅިއެއް ނުވާ ވާހަކަތަކެކެވެ.

އޭނާ އެ މައްސަލަޔާ ގުޅިގެން ތެދެއް ހަދާފާނެހެން ހީއެއްނުވެ އެވެ. ސަބަބަކަށް ވަނީ، އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއް ކަމަށް އޭނާގެ ވަކީލުން ވެސް ބުނާތީ އެވެ. އެންމެ ރަނގަޅަށް ހޭޖެހޭ މީހަކަށް އެއްވެސް އިރަކު އޭނާ ނުވާތީ އެވެ. މި މައްސަލައިގެ ތުހުމަތު ރައީސް އާއި އަދީބަށް އަނބުރާލުމާއި ހުމާމް ޝަރީއަތުގައި އުފަން ކުރި އެެހެން ވާހަކަތަކަކީ ބެލެވޭ ގޮތުގައި އޭނާގެ ދިފާއީ ވަކީލުން ބުނެ ކިޔައިދީގެން ދައްކާފައި ހުންނާނެ ވާހަކަތެކެވެ. އެކަމަކު ދިފާއީ ވަކީލުންގެ ބޭނުމަކީ ކުށްވެރިޔާ ބޭނުންކޮށްގެން އެއިރެއްގައި އޮންނަ ސިޔާސީ މަޝްރަހާ އެއް ބީޓަކަށް މައްސަލަ ގެންދިޔުމެއް ވެސް ނޫނެވެ. އެކަމަކު ބޮޑު ސުވާލެއް އެބަ އޮތެވެ. އަފްރާޝިމްގެ މަރުގެ ހަގީގަތަށް ފަސްއަޅައި ފޮރުވުނީ ކިހިނެތް ހެއްޔެވެ؟

"އެކަން ހިނގި ދުވަސްވަރަކީ ވަރަށް ސިޔާސީ ދުވަސްވަރެއް. ސަރުކާރު ވެއްޓިފައި މުޒާހަރާތަކާ އެއްޗިހި ކުރިއަށް ގޮސް ސިޔާސީ ބޮޑު ހާޖާނު ގަޑެއްގެ ތެރޭގައި ގައުމު އޮތީ. އެހެން އޮއްވާ މިކަމެއް މި ދިމާވީ. އެ ހިސާބުން އެ މައްސަލައަށް ވެސް ވަރަށް ބޮޑަށް ސިޔާސީ ކޮށް ބެލިގެން ގޮސްފައި އޮތީ،" ފުލުހުންގެ ބޭފުޅަކު ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރުގެ ހާދިސާޔާ އެންމެ ބޮޑަށް ގުޅުވީ އެމްޑީޕީއާ އެވެ. އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމަށް ޕްރެޝަރު ކުރަން އެމްޑީޕީ އިން އައީ މަގުމަތީ ހަރަކާތްތަކެއް ނުހުއްޓި ކުރިއަށް ގެންދަމުންނެވެ. އެ މަރު އައުމާ އެކުވެސް އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވެސް ތަފާތު މުނާސަބުތަކުގައި އެ މޭރުން ވާހަކަ ދައްކަވާފައިވެ އެވެ. އެމްޑީޕީ އިން މަގުމަތި ހަލަބޮލި ކުރުމުގެ ނަތީޖާ އަކީ އެއީ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވެ އެވެ. އަދި ރާއްޖެ އަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ތަނެއް ކަމަށް ދެއްކުމަށް، ސިޔާސީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ވެސް ދޭހަވާ ގޮތަށް އޮތީ ވާހަކަތައް ނުކުމެފަ އެވެ.

އެ ހުރިހާ ވާހަކަތަކެއް ޖުމްލަކޮށްލާ އިރު، އަފްރާޝިމްގެ މަރަކީ، ސިޔާސީ ގޮތުން ބޭނުން ކުރާ ހަތިޔާރަކަށް އޮތީ ހަދައިފަ އެވެ. މުޅި މައްސަލަޔާ މެދު ބެލިފައި އޮތީ ސިޔާސީ ނަޒަރަކުންނެވެ. އެއިރެއްގައި ސިޔާސީ ގޮތުން ނެގެން އޮތް ފައިދާއެއް އެމަރުގެ ވާހަކަ ދައްކައިގެން ނަގަނީ އެވެ. ނުފޮރަޅާނެ އެންމެ ގާ ބުރިއެއް ނުބާއްވާނެ ކަމަށް ވަކާލާތު ކުރިއަސް، އެ މައްސަލައިގެ އެންމެ ފުނަށް ނުދެވި ވަނީ ބުރަކި ޖެހިފަ އެވެ. އެ މަރާގުޅިފައިވާ ފޮރުވިފައިވާ ނުރައްކާ ހަގީގަތްތަކެއް ހުރިކަން ކަށަވަރެވެ. އެކަމެއް ރާވައި ހިންގި ބަޔަކު ނުހޯދޭ ނަމަ، އެކަހަލަ ކިތަންމެ ޖަރީމާއެއް ހިންގަން ހަމަ އެބަޔަކު ފަހެއް ނުޖެހޭނެ އެވެ. އެކަމަކު އަދިވެސް މައްސަލަ ސިޔާސީ ކުރާ މީހުން ތިބީ ހަމަ އެކަމަށް ފޫގަޅައިގެންނެވެ.

އަފްރާޝީމްގެ މަރުގެ ވާހަކަ އަލުން ތިލަކޮށްލައި މި ސަރުކާރާ ދެކޮޅު ހަތިޔާރަކަށް ބޭނުން ކުރަނީ، އެކަމުގެ އިލްޒާމް އެމްޑީޕީގެ ބޮލުގައި ވެސް އެޅުވި މީހުންނެވެ. މިސާލަކަށް ބަލާނަމަ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު، އެ ދުވަސްވަރު އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ހުރިހާ ވާހަކައެއް އެއްލީ އެމްޑީޕީއަށެވެ. މިހާރު ޕީޕީއެމް އިން ނިކުމެ، މި ސަރުކާރުގެ އިސް ފަރާތްތަކާ ދިމާލަށެވެ.

"މަހްލޫފް ޕީޕީއެމްގައި ހުރެ އެވާހަކަ ދެއްކެވީ އެމްޑީޕީއާ ދިމާލަށް. މިހާރު ޕީޕީއެމްއާ ދިމާލަށް އަނބުރާލައިގެން މި އުޅެނީ. އެހެން ވީމާ މި މަރު ކޮންމެ ބަޔަކު ވެސް މި ބޭނުން ކުރަނީ ސިޔާސީ ކަމަކަށް ހަދައިގެން. އޭގެ އަސްލަށް ދާކަށް އެއްވެސް ބަޔަކު ނޫޅޭ،" ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ. "ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ވެސް އެވާހަކަ މީގެ ކުރިން ދެއްކެވީ އެހެން. ސިޔާސީ ކޮށްލައްވައިގެން. ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކޮށްލަން އެންމެ ފަސޭހަ ހަތިޔާރަކަށް މި ނަގަނީ އެ މަރުގެ ވާހަކަ،"

ގޭންގްތަކުގެ ހަން ފެތުރިފައިވާ މިންވަރާއި އެ މީހުން ސްޕޮންސަކުރާ ފައިސާވެރިންތަކެއް ތިބޭ ކަމަށް ދެކެވޭ ވާހަކަތައް، އަފްރާޝިމްގެ މަރާއެކު ޔަގީނާ ގާތްވި އިރު، ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުންގެ ވިހަ ފެތުރިފައިވާ މިންވަރު ވެސް އެ މަރުން ތިލަކޮށްދޭ ކަަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކަށް ވަނީ އަފްރާޝިމްއަކީ، ދީނީ ގޮތުން މެދުމިން އުސޫލުތަކަށް ފާޅުގައި ބަސް ވިދާޅުވި ބޭފުޅަކަށް ވުމުން ދީނީ ގޮތުން އެ ހިޔާލާ އިދިކޮޅު ފަރާތްތަކުގެ ހަމަލާވެސް އޭނާއަށް އަމާޒު ވުމަކީ ދުރުކަމެއް ނޫނެވެ.

އެ ހުރިހާ ސަބަބުތަކެއް އެހެން ހުއްޓާ ވެސް، އެމަރުގެ ހުރިހާ ފައިދާއެއް ނަގަން މި އުޅެނީ އެއިރެއްގައި ނަގާ ސިޔާސީ މީހުންނެވެ. އެމަރުގެ ހަގީގަތް ދެނެގަތުމަށް ޕްރެޝަރު ކުރުމަށް ވުރެ ބޮޑަށް އެކަމުގެ އިލްޒާމް ކޮންމެވެސް މީހެއްގެ ބޮލުގައި އެޅުވޭތޯ މަސައްކަތް ކުރަނީ އެވެ. އެއިރެއްގައި އެމްޑީޕީ އެވެ. އަނެއް ބައިފަހަރު ޕީޕީއެމްއަށެވެ. އެކަމަކު މިއީ ސިޔާސީ ކޮށްލާވަރުގެ ކަމެއް ނޫނެވެ. އަފްރާޝީމްގެ އަނިޔާވެރިވި ބަޔަކު އެކަމެއް ކުރީ ވަރަށް މޮޅަށް ރާވައިގެންނެވެ. އޭގައި ކޮންމެވެސް ނިޔަތެއް ވެސް އޮންނާނެ އެވެ. އެބަޔަކު މި މުޖުތަމައުގައި ފިލައިގެން ތިބެވޭ ނަމަ، އެއީ މުޅި މުޖުތަމަޔަށް އޮތް ނުރައްކަލެކެވެ. އެ ގާތިލުންނަށް ފިލައި އެ ތިބެވެނީ، ސިޔާސީ ވާހަކަތައް ނިވާފަތްގަނޑަކަށް ހަދައިގެން ކަމަށްވުން ކައިރި އެވެ. މައްސަލައަކީ އެމަރު މާބޮޑަށް ސިޔާސީ ކޮށްލުމެވެ. ހަގީގަތާ ހިސާބަށް ވާސިލްވުން ހުއްޓުވަނީ، އެ މަރު ސިޔާސީ ހަތިޔާރަކަށް ހަދާތީ އެވެ.