ހަބަރު

ސަމީރު ޕޮލިހަށް ހާޒިރު ކުރަނީ

ޖުމްހޫރީ ޕާޓީގެ ސެކެޓަރީ ޖެނެރަލް އަހުމަދު ސަމީރު ޕޮލިހަށް ހަޒިރުވާން އަންގައިފި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ބުނީ ޖުމްހޫރީ ޕާޓީގެ އޮފީސް ބަލާ ފާސް ކުރުމަށް ހުރަސް އަޅާކަމަށް ބުނެ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ސަމީރަށް އަންގާފައިވާ ކަމަށާއި އެކަން ފުލުހުން ކޮށްފައިވަނީ އެއްވެސް ހަމައެއް ނެތި، ސުލްހަވެރި ހަރާކާތައް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

"މި ދަނޑިވަޅުގައި ޖުމްހޫރީ ޕާޓީގެ އޮފީސް ބަލައި ފާސްކުރުމަށް އެ ޕާޓީގެ ސެކެޓަރީ ޖެނެެރެލް އަހުމަދު ސަމީރު ހުރަސް އަޅާ ކަމަށް ބުނެ ފުލުސް އޮފީހަށް 27 ޖުލައި ގައި ހާޒިރުވުމަށް އަންގާފައިވަނީ އެއްވެސް ހަމައެއް ނެތި، ސިޔާސީ ޕާޓީ ތަކުގެ ވެރިންނަށް ބިރު ދެއްކުމަށާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ކުރަސް އެޅުމަށް" އިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަަދު ސޯލިހު (އިބޫ) ވެސް މިއަދު ޕޮލިހަށް ހާޒިރުވާން ވަނީ އަންގާފަ އެވެ. ފަލާހު ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު ފަހު ތިނެއް ޖަހާއިރު އެވެ. އަދި އިބޫ ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު އެވެ.