ރިޕޯޓް

ފުލުފުލުގައި މާރާމާރީ: ހުއްޓުވަން ފުލުހުން ކޮބާ؟

Jul 30, 2017
23

އެންމެން ދައްކަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ދެމެދު ބޮޑު ހިނގާ ކޯޅުންގަނޑުގެ ވާހަކަތަކެވެ. ރަނގަޅާ ނުބައި އެނގެން ދަތިވާ ވަރަށް އޮޅުން ބޮޅުންވެ ގޮށްޖެހިފައިވާ ސިޔާސީ މަސްހަރުގައި ހިނގާ ކަންކަމުގެ ވާހަކަ އެވެ. އެ ނޫން ކަމަކަށް އެއްވެސް ސަމާލު ކަމެއް ނެތެވެ.

ރާއްޖެ ހަލަބޮލިވެފައިވާ މި ދަނޑިވަޅާ ދިމާކޮށް "ގޭންގު" ތައް ހޭލައި ވަނީ މަގުތައް ނާމާންކޮށްލާފަ އެވެ. މަގުތަކުުގެ އަމާންކަން ކަށަވަރު ކުރަން ތިބޭ ފަރާތްތައް ސިޔާސީ މީހުން ފަހަތުން ދުވާ އިރު، އާންމުން "ކޮށަމުން" ދާ ހަރަކާތް ވެސް ކުރިޔަށް އެބަދެ އެވެ. ސިޔާސީ ކަންކަމުގެ ތެރޭގައި އެ މައްސަލައަށް ވަނީ ހިޔަނި އެޅިފަ އެވެ.

ނުރައްކާތެރި ކުށްވެރިން ގޭންގުތައް ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭތާ 15 އަހަރަށް ވުރެ ގިނަވާނެ އެވެ. ފުލުހުން ތަފާތު ގިނަ މަސައްކަތްތައްކޮށް ކުށް މަދުކޮށް މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ. ނަމަވެސް އެ ގޭންގުތައް މުޅިން "ސައިޒަށް" ގެނައުމަކީ އަދިވެސް ނުވެ އޮތް ކަމެކެވެ. ރާއްޖޭގައި 30 އަށްވުރެ ގިނަ ގޭންގް އޮޕަރޭޓް ކުރާއިރު އެ ގޭންގުތަކުގައި ބައިވެރިވެ ގުޅިގެން އުޅޭ ޒުވާނުންގެ އަދަދުވެސް ދަނީ އިންތިހާއަށް އުފުލެމުންނެވެ.

ޒުވާނުންގެ އިތުރުން ކުޑަ ކުދިންގެ ބައިވެރިވުން ވެސް އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އަދި މިއާ އެއްވަރަށް އެއް ގުރޫޕް އަނެއް ގްރޫޕް ދެމެދު ހިނގާ މަރަމާރީތަކާއި ޖެހޭ މައްސަލަތައް އިތުރުވެ އެތައް ބަޔަކަށް އޭގެ ހިތި ރަހަ ދަނީ ލަމުންނެވެ.

މި ދުވަސްވަރު ޖެހިގެން އުޅޭ މައްސަލަތަކަކީ ވެސް މި އެވެ. ސިޔާސީ ހަލަބޮލި ކަމުގެ އިތުރުން ނުރައްކާތެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާ ގޭންގުތައް މާލެ ތެރޭގައި ވަނީ ހަލަބޮލިވެ މާރަމާރީތައް ފަށައިފަ އެވެ. މި މަސް ތެރޭގައި ވެސް އުމުރުން 18 އަހަރު ނުފުރޭ ހަތަރު ކުއްޖެއް ގަޔަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވެ އެވެ. އަދި އޭގެ ފަހުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މާރަމާރީ ހިންގޭ ގޭންގުތައް ދެމެދު ވަޅިން ހަމަލާތައް ބަދަލު ކުރެ އެވެ. އެގޮތުން މި މަހު 19 ވަނަ ދުވަހު ދެ މީހެއްގެ ގަޔަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ އިރު 22 ވަނަ ދުވަހު ވެސް ވަނީ މީހަކަށް ވަޅިން ހަމަލާދީފަ އެވެ.

މިދިޔަ ހަފުތާ އަންގާރަ ދުވަހު ފުލުހުންން އެންމެ ގިނަ އެއް ހިސާބު ކަމަށްވާ ސުޕްރީމް ކޯޓު ކައިރިން ވެސް ޒުވާނެއް ގަޔަށް ވަޅި ހެރި އެވެ. އޭގެ އިތުރުން އޭއެމްޑީސީ ކައިރީ ހުރި ގެޔަކަށް ވަދެ ދެމަފިރި އަކަށް ވެސް ވަޅިން ހަމަލާދީ ޒަހަމްކޮށްލި އެވެ. އަދި ރޭ ވެސް ވަނީ ޒުވާނަކަށް ވަރަށް ބޮޑަށް ވަޅިން ހަމަލާދިނުމުން މާވެޔޮމަގަށް ވެއްޓިފައި އޮއްވާ ފެނިފަ އެވެ.

މި ދަރަޖައަށް ގޮސްފައިވާ އިރު ވަޅި ހަރައިގެން މިދިޔަ ބުރާސްފަތި ދުވަހު އޭޑީކޭގައި ފަރުވާ ދެނިކޮށް ސިކުނޑި މަރުވި، 22 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ. މި ކަމަކީ އިތުރު މާރަމާރީތަކަށް މަގުފަހިވެ ގޭންގުތަކުގެ ރުޅިގަނޑު ފަޅައިގެން ދިޔުން އެކަށީގެން ވެސް ވާ ކަމެކެވެ. މިހާތަނަށް މާލޭގައި ކަން ހިނގާފައި އޮތީ ވެސް މިހެނެވެ.

މި ހުރިހާ މައްސަލަތަކުގައި މިހާތަނަށް ހަ މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެ އެވެ. މަރާމާރީތައް ގިނަވެފައިވާއިރު ހިތަށް ފިނިކަމެއް އަންނާނެ ފަދަ ވާހަކައެއް އަދި ނާދެ އެވެ.

އެހެން ނަމަވެސް ސިޔާސީ މީހުންގެ ކަންކަން ބަރާބަރަށް އެބަ ހިނގަ އެވެ. މީހުން ހާޒިރު ކުރުމާއި ޝަރީއަތް ފެށުމާއި ބަޔާން ނެގުމާއި ކިތަންމެ ކަމެކެވެ. ސިޔާސީ ފަރާތްތަކުގެ މައްސަލަތަކުގައި ކަންކަން ހިނގާހާ ބާރަކަށް އެހެން ކަމެއް ނުހިނގަ އެވެ.

ރައްޔިތުންނަށް މިވަގުތު އެންމެ މުހިންމީ ސިޔާސީ ފަރާތްތައް ފަހާ ދުވުން ހެއްޔެވެ؟ ނުވަތަ މާރަމާރީތައް ހުއްޓުވާ ނުރައްކާތެރި ކުށްވެރިން ހިފެހެއްޓުން ހެއްޔެވެ؟