ހަބަރު

އަދީބުގެ މައްޗަށް އިތުރު ނުވަ ދައުވާއެއް ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ނުވަ ދައުވާއެއް އުފުލައި ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. އޭނާގެ މައްޗަށް މި ދައުވާތައް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެންނެވެ.

އަދީބުގެ މައްޗަށް ކޮށްފައިވަނީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްގެން ނާޖައިސް ފައިދާއެއް ހޯދައިދިން ކަމުގެ ދައުވާ އެވެ. އެއީ ނުވަ ރަށެއްގެ މައްސަލާގަ އެވެ. އެ ރަށްތައް ދޫކުރުމުގައި ދައުލަތަށް ކޮންމެ ރަށަކުން 50،000 ރުފިޔާއަށްވުރެ ގިނަ ގެއްލުންވެފައިވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ އައިޝަތު ބިޝާމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު މައްސަލަ ހުށަހެޅި ކަމަށާއި އެ މައްސަލާގައި ދައުވާ ވެސް ތައްޔާރުކުރި ކަމަށެވެ. ނަމަވެސް ދައުވާ އުފުލުން މަޑު ޖައްސާލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލާގެ ތަހުގީގީ ރިޕޯޓު ޕީޖީ އޮފީހަށް ހުށަހަޅަންދެން ކަމަށެވެ. ބިޝާމް ވިދާޅުވީ، ރަސްމީކޮށް އަދިވެސް އޭސީސީގެ ރިޕޯޓް ޕީޖީ އޮފީހަށް ހުށަނާޅާ ކަމަށެވެ.

ބިޝާމް ވިދާޅުވި ގޮތުގައި ފުލުހުން ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 55 ރަށުގެ މައްސަލަ އެވެ. އެ 55 ރަށުގެ ތެރެއިން ދައުވާއެއް އުފުލޭ ވަރަށް ލިޔެކިޔުން ލިބިފައިވަނީ 25 ރަށާ ގުޅޭ ގޮތުންނެވެ. އެ 25 ރަށުގެ މައްސަލާގައި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ހިޔާނާތުގެ ދައުވާކޮށްފަ އެވެ. ދައުވާ އުފުލާފައިވަނީ ކޮންމެ ރަށަކަށް ވަކިވަކިންނެވެ.

އޭސީސީއިން ތަހުގީގުކޮށްފައިވަނީ 58 ރަށުގެ މައްސަލަ ކަމަށާއި އެ ބެލިބެލުމުގައި އެއްވެސް އިސްލާހެއް ގެންނަން ނެތި ތަހުގީގުގެ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކަމަށް ފާހަގަވީ ނުވަ ރަށެއްގަ ކަމަށް ޕީޖީ ވިދާޅުވި އެވެ. އަދީބަށް ދައުވާކޮށްފައިވަނީ އެ ނުވަ ރަށުގެ ލިޔެކިޔުންތައް ބެލުމަށްފަހު އެވެ.