އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުގައި އެތަނުގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު 25 ދައުވާއެއް އުފުލައިފި އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތުގެ 25 ދައުވާ އެވެ. އެ ދައުވާތައް އުފުލީ 25 ރަށެއްގެ މައްސަލާގަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ އައިޝަތު ބިޝާމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު މައްސަލަ ހުށަހެޅި ކަމަށާއި އެ މައްސަލާގައި ދައުވާ ވެސް ތައްޔާރުކުރި ކަމަށެވެ. ނަމަވެސް ދައުވާ އުފުލުން މަޑު ޖައްސާލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލާގެ ތަހުގީގީ ރިޕޯޓު ޕީޖީ އޮފީހަށް ހުށަހަޅަންދެން ކަމަށެވެ. ބިޝާމް ވިދާޅުވީ، ރަސްމީކޮށް އަދިވެސް އޭސީސީގެ ރިޕޯޓް ޕީޖީ އޮފީހަށް ހުށަނާޅާ ކަމަށެވެ.
ބިޝާމް ވިދާޅުވި ގޮތުގައި ފުލުހުން ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 55 ރަށުގެ މައްސަލަ އެވެ. އެ 55 ރަށުގެ ތެރެއިން ދައުވާއެއް އުފުލޭ ވަރަށް ލިޔެކިޔުން ލިބިފައިވަނީ 25 ރަށާ ގުޅޭ ގޮތުންނެވެ. އެ 25 ރަށުގެ މައްސަލާގައި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ހިޔާނާތުގެ ދައުވާކޮށްފަ އެވެ. ދައުވާ އުފުލާފައިވަނީ ކޮންމެ ރަށަކަށް ވަކިވަކިންނެވެ.
އޭސީސީއިން ތަހުގީގުކޮށްފައިވަނީ 58 ރަށުގެ މައްސަލަ ކަމަށާއި އެ ބެލިބެލުމުގައި އެއްވެސް އިސްލާހެއް ގެންނަން ނެތި ތަހުގީގުގެ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކަމަށް ފާހަގަވީ ނުވަ ރަށެއްގަ ކަމަށް ޕީޖީ ވިދާޅުވި އެވެ. ކުރީގެ ނައުބު ރައީސް އަހުމަދޔ އަދީބަށް ވަނީ އެ ނުވަ ރށުގެ މައްސަލާގައި މަގާމުގެ ބޭނުން ނަހަމަގޮތުގައިކޮށް ނާޖައިސް ފައިދާއެއް ހޯދައިދިނުމުގެ ދައުވާ އުފުލާފަ އެވެ.