ކުނި އުކަން ރަޖިސްޓްރީ ކުރުން ލާޒިމު ކުރުމާއެކު މާލޭގެ ބައެއް ސަރަހައްދުތަކަށް ކުނި އަޅަމުންދާ ކަމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.
ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅާ ގޮތަށް ހަދާފައިވާ ގަވައިދަށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު "އަވަސް" އަށް ވިދާޅުވީ ކުނި އުކަން ރަޖިސްޓްރީ ކުރަން ލާޒިމް ކުރުމާއެކު ބައެއް ތަންތަނަށް ކުނި އަޅަމުންދާ ކަމަށެވެ. މިގޮތުން ޖަމްބު ގަސްދޮށުގޭގައި ހުންނަ ވެމްކޯގެ އޮފީހަށް ވެސް ރޭގެ ވަގުތެއްގައި ބަޔަކު ކުނި އަޅަން މަސައްކަތް ކުރިކަމަށް އޭނާ ވިދާޅުވި އެވެ.
"ކުނި އަޅަން ކުނި ކޮތަޅުތައް ހިފައިގެން އޮފީސް ހުންނަ ފްލޯއަށް ދިޔަތަކުން މުވައްޒަފުން ފުލުހުންނަށް ގުޅީ. އެ ވަގުތު ފުލުހުން ވަޑައިގެން އެމީހާ ހައްޔަރު ކުރީ،" ޝަފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ އިތުރުން މާލޭގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސިނަމާލެ، ފްލެޓުގެ ކުނި ގެންދާ ކުންފުނިން ކުނި އުކުން ހުއްޓާލުމާއެކު ފްލެޓު ސަރަހައްދަށް ވެސް ކުނި އަޅާފައިވާ ކަމަށެވެ.
"ސިނަމާލެ ސަރަހައްދަށް ކުނި އެޅުމުން ވެމްކޯގެ މުވައްޒަފުން ވަނީ އެތަން ވެސް ސާފުކޮށްފަ. މީގައި ހަގީގަތުގައި ވަރަށް ދެރަކެއް މިއީ. މިގޮތަށް އަމަލުކޮގެން ނުވާނެ،" ޝަފާއު ވިދާޅުވި އެވެ.
ސިނަ މާލެ އިން ކުނި އުކާލުމުގެ ހިދުމަތްދޭން މާލެ ސިޓީ ކައުންސިލުން ހަދާލުކޮށްފައިވާ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުނި އުކާލަން ޖެހޭނީ އެ ފްލެޓުތަކުން އަމިއްލައަށް ކަމަށެވެ. އަދި ބަދަލު ކުރަން ޖެހުނީ ކުނި އުކާލުމުގެ އުސޫލަށް ގެނެވުނު ބަދަލާއި ގުޅިގެން އެ ކުންފުންޏަށް އެކަން [ކުނި އުކާލަން] ނެތުމުން ކަމަށެވެ. އަދި އެކަން މާލެ ސިޓީ ކައުންސިލުން ވެސް އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކުނި އުކުމުގެ ގަވައިދާ އެއްގޮތަށް ރަޖިސްޓްރީ ކުރަން ހުޅުވާލުމުން މިހާތަނަށް 10،000 އަށްވުރެ ގިނަ ގޭބިސީއިން ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެމްކޯއިން އިއްޔެ ބުނެފައިވެ އެވެ. ނަމަވެސް މާލޭގައި 27،000 ގޭބިސީ ހުރެ އެވެ.