ފަހަކަށް އައިސް އައިސް އިންސާނީ ކަރާމާތަށާއި ދިރިހުރުމުގެ ހައްގަށް އުނިކަން ލިބޭފަދަ ޢަމަލުތައް އިތުރުވަމުންދާތީ އެޗްއާރްސީއެމުގެ ކަންބޮޑުވުންތައް ފުލުހުންނާ ބައްދަލުކޮށް ހިއްސާ ކޮށްފި އެވެ.
އެޗްއާރްސީއެމުން ބުނީ އިއްޔެ ބޭއްވި އެ ބައްދަލުވުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އެފަދަ އަމަލުތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެފަދަކަންކަން އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށެވެ.
މި ބައްދަލުވުމަށްފަހު، ރައްޔިތުންނަށް ރައްކާތެރި އަމާން ވެއްޓެއް ގާއިމުކުރުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާއެކު ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައިވާ ކަމަށާއި ދިރިހުރުމުގެ ހައްގާއި، ތިމާގެ ހަށިގަނޑާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 21 ވަނަ މާއްދާއާއި އިންސާނީ ހައްގުތަކުގެ އާންމު ގަރާރުގެ ތިން ވަނަ މާއްދާގެ ދަށުން ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށް ވެސް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.
މިދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނުރައްކާތެރި ބޮޑެތި މާރާމާރީތައް ހިންގައި ޒަހަމްވި ބައެއް މީހުން ވަނީ މަރުވެފައެވެ.