ހަބަރު

ހިތުގެ އޮޕަރޭޝަނަކަށް ފުރަން ގާސިމްގެ ޕާސްޕޯޓް ދޫކުރަން އެދެފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށާއި އެ އޮޕަރޭޝަން ރާއްޖެއިން ކުރެވެން ނެތުމުން ބޭރަށް ވަޑައިގެން އެ އޮޕަރޭޝަން ކުރުމަށް އެމަނިކުފާނުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ގާސިމް އިބްރާހިމްގެ ވަކީލުން މިއަދު ނެރެނު ބަޔާނުގައި ބުނެފައިވަނީ، ގާސިމަކީ ދިގު މުއްދަތަކަށް ހިތާއި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނު ޖަލުގައި ބެހެއްޓެވި ލާއިންސާނީ ހާލަތުގެ ސަބަބުން ބަލި ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅިގެން ހަދަންޖެހޭ ޓެސްޓްތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ދާން އޭޑީކޭ ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލުން އެމަނިކުފާނު ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. ނަމަވެސް އެ ހުއްދަ ލިބިފައިނުވާ ކަމަށެވެ.

"ގާސިމްގެ ބަލި ހާލަތު އިތުރަށް ގޮސްވުމުން އައިޖީއެމްއެޗްގެ ހިތުގެ ޑޮކްޓަރަށް ދެއްކުމުން އެ ޑޮކްޓަރު މިހާރު ލަފާ ދެއްވާފައިވަނީ އެމަނިކުފާނުގެ ހިތުގެ ކޮންޑިޝަނަށް ފަރުވާ ދިނުމަށްޓަކައި އީޕީއޭ + އާރްއެފްޕީ ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި އެ އޮޕަރޭޝަން ރާއްޖޭގައި ހެދެން ނެތަތީ އޮޕަރޭޝަން ކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަށެވެ،" ބަޔާނުގައިވެ އެވެ.

ގާސިމްގެ މައްޗަށް ހިންގަމުންދާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ޝަރީއަތާ ގުޅިގެން ކުރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ. ވަކީލުން ބުނީ، ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޖިނާއީ އަދުލު ނިޒާމްގައި ހިމެނޭ އެއްވެސް މުއައްސަސާއެއްގެ ހުށަހެޅުމަކާ ނުލާ މައްސަލަ ބައްލަވާ ގާޒީ ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ގޮތެއް ކަމަށެވެ. އެކަން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅުމުން ޕާސްޕޯޓް ހިފެއްޓި އަމުރަކީ ކުރިމިނަލް ކޯޓަށް މުރާޖާކުރެވޭނެ އަމުރެއް ކަމަށް ބުނެ އެ މައްސަލަ ހައިކޯޓުން ވަނީ ބަލައިގަތުމަށް އިންކާރުކޮށްފަ އެވެ.

ވަކީލުން ބުނީ، ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ވެސް ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އަމުރު މުރާޖައާކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި ޑޮކްޓަރުގެ ލިޔުންތައް ވެސް ޝަރީއަތަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ހިތުގެ އޮޕަރޭޝަންކުރުން ލަސްވެއްޖެނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ ކުރިމަތިވެދާނެތީ، ޕާސްޕޯޓް ހިފެހެއްޓި އަމުރު އަވަހަށް މުރާޖާކޮށްދިނުމަށް އެދި އިއްޔެ ކުރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށް ވަކީލުން ބުންޏެވެ. ނަމަވެސް އަދިވެސް އެކަމަށް ގޮތެއް ނިންމާފައިނުވާތީ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

ސަރުކާރުގެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި އެހެން ޑޮކްޓަރުން ވެސް ބޭރަށް ވަޑައިގެން އޮޕަރޭޝަން ކުރުމަށް ގާސިމަށް ލަފާ ދެއްވާފައިވަނިކޮށް އެކަމަށް ހުރަސްއަޅައި ޕާސްޕޯޓް ހިފަހައްޓާފައިވާތީ އެއީ މުއައްސަސާތަކުން ހިންގާ ގާނޫނާ ހިލާފު ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. އަދި އެކަން ޕްރޮސިކިއުޓާ ޖެނަރަލާއި ހިއުމަން ރައިޓްސް ކޮމިޝަނުން ބަލައިދިނުމަށް ވަނީ އެދިފަ އެވެ.