ހަބަރު

ބޮމެއް އޮތް ކަމަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި އެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ލ. ކައްދޫ އެއާޕޯޓުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޮމެއް ދަބަހުގައި އޮތް ކަމަށް ބުނެ މިއަދު ލ. ކައްދޫ އެއާޕޯޓްގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުތައް ބެހެއްޓި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 42 އަހަރުގެ ފިރިހެނެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެމީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް އެމީހާ ބުނި ނަމަވެސް އެމީހާ ބަލާފާސްކުރިއިރު އެފަދަ އެއްޗެއް އެމީހާގެ ދަބަހުން ފެނިފައެއް ނުވެ އެވެ. ބޮމެއް އޮތް ކަމަށް އޭނާ ބުނެފައިވަނީ އަތް ދަބަސް ޗެކްކުރި ގަޑީގައި ކަމަށް މައުލޫމާތު ލިބެ އެވެ.