ހަބަރު

ޒަހަމްވި ފުލުސް މީހާގެ ހާލު މިނިސްޓަރުން ބައްލަވާލައްވައިފި

ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލާފައިވާ ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންގެ ހާލު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ބައްލަވާލައްވައިފި އެވެ.

މިހާރު އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދާ ރައްޒާންގެ ހާލު ދެ މިނިސްޓަރުން ބައްލަވާލައްވާފައިވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށްފަހު އެވެ. މިނިސްޓަރުންގެ އިތުރުން ސީޕީ އަހުމަދު އަރީފް ވެސް މިއަދު ވަނީ ރައްޒާންގެ ހާލު ބައްލަވައި، އާއިލާއާ ބައްދަލުކުރައްވާފަ އެވެ.

ރައްޒާންއަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗިހިތަކެއް ވައްދަން އުޅެނިކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރުމުންނެވެ.

އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލް ލިބިފައިނުވީ ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފަ އެވ. ރައްޒާންއަށް ހަމަލާދިން ވަޅި ވަނީ ފުލުހުންނާއި ކަރެކްޝަންއިން ގުޅިގެން މޫދުން ހޯދާފަ އެވެ.

މި މައްސަލައާ ގުޅިގެން ރައްޒާންއަށް ހަމަލާދިން މީހާ އާއި އެ ލޯންޗުގެ ކެޕްޓަން އަދި އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މައްސަލަ ގެންދަނީ ފުލުހުން ތަހުގީގުކުރަމުންނެވެ.