ހަބަރު

ފުލުހުންނަށް ހަމަލާދިނުން ބަލައެއް ނުގަންނަން: އިދިކޮޅު ޕާޓީތައް

ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންއަށް ހަމަލާދިން ފަރާތްތަކަށް ގާނޫނޫގައި ކަނޑައެޅިފައިވާ ހައްގު އަދަބު ދިނުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ގޮވާލައިފި އެވެ.

އެ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކ. މާފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ގައުމީ ވާޖިބު އަދާކުރަމުންދިޔަ ފުލުހަކަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ރާއްޖޭގައި ދިރިއުޅޭ އެންމެހާ މީހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމުގެ ގައުމީ ވާޖިބު އަދާކުރަމުންދާ ފުލުހުންނަށް ހަމަލާ ދިނުމަކީ ގުޅިފައިވާ ޕާޓިތަކުން އެއްވެސް ގޮތަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

"ދިވެހި ފުލުހުންނަކީ ރާއްޖޭގެ ކުށުގެ ވެށީގެ ހާލަތު ގޯހުން ގޯހަށްދާއިރު، ކުށް ކުރުން ހުއްޓުވުމަށް އަތުކުރި އޮޅާލައިގެން ދިވެހި ރައްޔިތުންނަށް އަމާން ވެއްޓެއް ހޯދައިދިނުމަށްޓަކައި އެބޭފުޅުންގެ ހުވަޔާއި އެއްގޮތައް ގާނޫނު އަސާސީގެ އިމުގެ ތެރޭގައި ވާޖިބު އަދާކުރުން މަތީ ތިބޭން ޖެހޭނެ ބައެކެވެ. އަދި އެގޮތުގެ މަތިން އެބޭފުޅުން އެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަންވެސް ފާހަގަކުރަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ޕާޓީތަކުން ބުނީ، ފުލުހުންނަށް ދޭންޖެހޭ އެކަށީގެންވާ ތަމްރީނާއި ހުނަރުދީ، ފުލުހުންގެ ގާބިލުކަން އިތުރު ކުރުމުގެ ބަދަލުގައި، ސަރުކާރުގެ ސިޔާސީ މަގުސަދު ހާސިލު ކުރުމަށް ދިވެހި ފުލުހުން ބޭނުން ކުރުމުން ގެންދާ ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ ބޭނުން ސަރަކާރުން ހިފަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ގޯނާ ކުރުމަށާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅާ، ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ކުރެވޭ އިސްލާހީ މަސައްކަތް ހުއްޓުވަން ކަމަށެވެ.

"ފުލުހުންގެ ޕްރޮފެޝަނަލިޒަމް އިތުރުކޮށް ފުލުހުންނަށް ލިބެންޖެހޭ އެކަށީގެންވާ ތަމްރީނު ފުލުހުންނަށް ހޯދައި ދިނުމަށްވެސް މިފުރުސަތުގައި ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

އަނިޔާވި ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންގެ ހިތްވަރު ފާހަގަކޮށް ގުޅިފައިވާ ޕާޓީތަކުން އޭނާއަށް ތައުރީފްކޮށްފަ އެވެ. އޭގެ އިތުރުން އޭނާއަށް ހަމަލާދިން ފަރާތްތަކުގެ މައްސަލަ ވީއެންމެ އަވަހަކަށް ތަހުގީގުކޮށް، ގާނޫނުގައި ކަނޑައެޅިފައިވާ ހައްގު އަދަބު ދިނުމަށް ވަނީ ގޮވާލާފަ އެވެ.