ހަބަރު

މަންމަގެ ޖަނާޒާގައި ސައުދަށް ބައިވެރިވެވޭނެ: ފުލުހުން

ވިލިނގިލީ ދާއިރާގެ މެންބަރުން ކަމަށް ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާ ސައުދު ހުސެއިންގެ މަންމަގެ ޖަނާޒާގައި އޭނާއަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ، ސައުދުގެ މަންމަގެ ޖަނާޒާގައި ސައުދަށް ބައިވެރިވެވޭނެ ހުރިހާ އިންތިޒާމެއް ފުލުހުން ހަމަޖައްސައިދޭނެ ކަމަށެވެ.

ސައުދުގެ މަންމަ ނާސިރާ އަހުމަދު ނިޔާވެފައިވަނީ ފުރަމޭ ހަލާކުވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ނާސިރާ ނިޔާވި އިރު އޭނާގެ އުމުރުން ވަނީ 64 އަހަރެވެ. ނާސިރާގެ މޫނު ދެއްކުން މިއަދު މެންދުރުފަހު 2:30 އިން ފެށިގެން އާސަހަރާގައި ކުރިއަށްދާނެ އެވެ. ކަށު ނަމާދު ކުރެވޭނީ މިއަދު އަސަރު ނަމާދަށްފަހު ފުރުގާން މިސްކިތުގަ އެވެ.

ސައުދު މިވަގުތު ހުރީ މެންބަރުކަން ގެއްލިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލާގައި ހައްޔަރުކޮށްފަ އެވެ. ސައުދަށް ވަނީ ހައިކޯޓްގެ ފަނޑިޔާރު ސުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އެ މައްސަލާގެ ޝަރީއަތް ފެށުމަށް މިއަދު ސައުދު ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ލިޔެކިޔުންތައް ވަނީ ހަވާލުކޮށްފަ އެވެ.