ހަބަރު

އަދީބު ހުމާމާ ބައްދަލުކުރި މައްސަލަ ބަލަނީ

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެފައިވާ ހުސައިން ހުމާމް ބަންދުގައި ހުއްޓާ އޭނާ ގަވައިދާ ހިލާފަށް ޖަލުން ނެރެ ރިސޯޓެއްގައި އޭނާއާ ބައްދަލުކުރި ދައުލަތުގެ އިސް ބޭފުޅެއްގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެއީ ކޮން ބޭފުޅެއް ކަމަށް ރައީސް ވިދާޅުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.

ޕީޕީއެމްއަށް އަލަށް މެންބަރުންތަކެއް ގުޅުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު ތަހުގީގެއް ފަށާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވަނީ އެމަނިކުފާނަށް ލިބިވަޑައިގަތް މައުލޫމާތަކާ ގުޅިގެން އެމަނިކުފާނު އެދިވަޑައިގަންނަވައިގެން ކަމަށެވެ.

"އަފްރާޝީމްގެ މަރުގެ މައްސަލާގައި އަޅުގަނޑަށް ލިބިގެން މިއުޅޭ މައުލޫމާތަކީ، މި މައުލޫމާތައް ހެކި ދޭ ނުވަތަ ދަލީލުކޮށްދޭ ކަންތައްތައް ވެސް އެބަހުރި، ދިވެހި ދައުލަތުގެ އޭރުގެ އިސް ބޭފުޅަކު ވަރަށް އިސް ބޭފުޅަކު ހުމާމު ޖަލުގަ ހުއްޓަ ގާތިލް ކަމަށް ބުނެވޭ މީހާ ޖަލުގަ ހުއްޓާ ޖަލުން ބޭރަށް ނެރެގެން އޭނާއާ ބައްދަލުކޮށްފި، އޭނާއާ ބައްދަލުކުރި ކަމުގެ މައުލޫމާތު އެ ރިސޯޓްގެ އެވަގުތު ތިބި މާފުށީ ޖަލުގެ ދެ ގާޑުން ހެކި ބަސް ދީފި، ސްޓޭޓްމެންޓެއް އެބަ އޮތް ނަންގަވާފަ މިހާރު ޕޮލިސްގަ، އަޅުގަނޑު ބޭނުންވެގެން އެ ސްޓޭޓްމެންޓް ނެންގެވީ ވެސް އެކަން ހިނގިކަން އަޅުގަނޑަށް އެނގިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ އެވަރުގެ އިސް ބޭފުޅަކު ގައިދީއެއް ބަންދުގައި ހުއްޓާ ނެރެގެން ބައްދަލުކުރީ ކީއްވެތޯ ބަލަން ޖެހޭ ކަމަށެވެ.
އެ ބެލީމަ ހުމާމް މަރާލަން އެންމެ ޝައުގުވެރިކަމެއް ހުރި މީހުން ވެސް އެނގިގެންދާނެ ކަމަށެވެ. ނޫނީ އެކަމާ ގުޅޭ މައުލޫމާތު އެނގޭ މީހުން ވެސް އެނގިގެންދާނެ ކަމަށެވެ.

"އެ ތަހުގީގު އެބަ ހިނގާ، އެ ތަހުގީގު ކުރިއަށްދާ މިންވަރަކީ ދެ ގާޑުންގެ ތެރެއިން އެއް ގާޑް ސްޓޭޓްމެންޓެއް އެ އޮތީ ދީފަ، އަނެއް ގާޑްގެ ސްޓޭޓްމެންޓެއް ވެސް ބޭނުންވޭ، އޭނާގެ ސްޓޭޓްމެންޓް ލިބޭ އިރަށް، އޭރު އެކަން ކުރެއްވި ބޭފުޅާއަށް ތަހުގީގު ހިންގާނެ، މިކަހަލަ ކަންކަން ބަލަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

މިފަދަ ކަންކަން މިހެން ހިނގާފައިވުމަކީ އާންމު ރައްޔިތުން ސިޔާސީ ލީޑަރުންނާމެދު ވިސްނަންޖެހޭ ސަބަބު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ކޮންމެ ސިޔާސީވެރިޔަކީ ވެސް އަމިއްލަ އެދުން ހުންނާނެ މީހެއް ކަމަށާއި އެމީހުންގެ އެ އަމިއްލަ އެދުމަކީ އަބަދު ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ.