ހަބަރު

މާރާމާރީތަކާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފި

ފުލުހުން މިރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 12 މީހަކު ހައްޔަރުކޮށްފި އެވެ. އެ އޮޕަރޭޝަނަކީ މިފަހުން މާލޭގައި ހިނގި މާރާމާރީތަކާ ގުޅިގެން ކުރިއަށް ދިޔަ އޮޕަރޭޝަނެކެވެ.

މާރާމާރީތަކާ ގުޅިގެން ހޯދަން އިއުލާންކުރި މީހުން ހޯދުމަށް މ. އަސަރީހިޔާގެ ބަލާ ފާސްކޮށް ޖުމްލަ 12 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ.

މާރާމާރީތަކާ ގުޅިގެން ފުލުހުން ހޯދުމަށް އިއުލާންކުރީ 34 މީހެކެވެ. އޭގެ ތެރެއިން ހަ މީހަކު ކުރިން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ދެ މީހެއް 15 ދުވަހަށާއި ހަތަރު މީހުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މާރަމާރީތަކާ ގުޅިގެން 23 މީހުން ހޯދަން އިއުލާން ކުރުމުގެ ކުރިން ވެސް ހައްޔަރުކޮށްފައިވެ އެވެ.

މާރަމާރީއާ ގުޅިގެން އިތުރު ބަޔަކު ހައްޔަރު ކުރުމަށް ފުލުހުން މާލެ ތެރޭގައި އޮޕަރޭޝަނެއް ކުރިޔަށް ގެންދާ އިރު ގްރޫޕްތައް ނިސްބަތްވާ ހިސާބުތަކަށް ގޮސް އެކި ފަހަރުގެ މަތިން ސުވާލު ކުރެ އެވެ. އަދި ބައެއް ތަންތަން ބަލާ ފާސްކޮށް މާރަމާރީ ހިންގުމަށް ބޭނުން ކުރެވޭ ތޫނު ހަތިޔާރު ފަދަ ތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވަޅިން ހަމަލާ ދިނުމުގެ ގިނަ މައްސަލަތަކެއް ވަނީ ހިނގާފަ އެވެ. އަދި އެކަމުގެ ތެރޭގައި ދެ ޒުވާނަކު ވެސް ވަނީ މަރާލާފަ އެވެ.