ހަބަރު

ޗައިނާގެ "ސިލްކް ރޯޑް" ދެކެ ބިރުން އިންޑިއާ އިން "ކޮޓަން ރޫޓް" ހަދަނީ

ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ޗައިނާ އިން ގާއިމުކުރާ "ސިލްކް ރޯޑް" ގެ ސަބަބުން އިންޑިއާ އަށް ކުރިމަތިވެދާނެ މައްސަލަތައް ކުޑަކުުރުމަށް އިންޑިއާ އިން ވެސް ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް "ކޮޓަން ރޫޓް" ހަދަން މަޝްވަރާތައް ފަށައިފި އެވެ.

ޗައިނާގެ ސިލްކް ރޯޑު މަޝްރޫގައި، އޭޝިއާގެ އެކި ގައުމުތަކާއި އެފްރިކާ ބައްރުގެ ގައުމުތައް ވެސް ހިމެނޭ ގޮތަށް ވިޔަފާރި ފުޅާކުރުމަށް ހާއްސަ އުސޫލުތަކެއްގެ ތެރެއިން މުދަލާއި ހިދުމަތުގެ މުއާމަލާތްތައް ކުރުމަށް ގައުމުތަކުގެ މެދުގައި އެއްބަސްވެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާނެ އެވެ. ސިލްކް ރޯޑްގައި ޗައިނާގެ އެވޭލާ ޒަމާނުގެ ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި ތިބި ގައުމުތައް ހިމަނާފައިވެ އެވެ.

އިންޑިއާ އިން ކޮޓަން ރޫޓާ ބެހޭ މަޝްވަރާތައް ފަށައި މިހާރު ދަނީ އެކަމާ ބެހޭ ހާއްސަ ކޮންފަރެންސަކަށް ތައްޔާރުވަމުން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެ އެވެ. ކޮޓަން ރޫޓަކީ އިންޑިއާގެ ފޭރާމުގެ އުފެއްދުންތައް ކަނޑުމަގުން އިރުމަތީ އަދި ހުޅަނގުގެ ގައުމުތަކަށް އުފުލުމަށް ކުރީ ޒަމާނުގައި ބޭނުންކުރި މަގުތަކެވެ. މީގެ އިތުރުން ވެސް އިންޑިއާގެ އެވޭލާ ވިޔަފާރީގެ މުހިންމު މަގުތައް ދެނެގަނެ އެ މަގުތައް އަލުން ބޭނުންކުރުމަށް ގައުުމުތަކާ އެކު އެއްބަސްވެވިދާނެ ގޮތްތައް ދެނެގަތުމުގެ ދިރާސާތައް އިންޑިއާ އިން ފަށާފައިވާ ކަމަށް މިކަމުގައި ބައިވެރިވެ ވަޑައިގަންނަވާ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ އެކި ނޫސްތަކުގައި ބުނެފައިވެ އެވެ. އެވޭލާ ވިޔަފާރީގެ މަގުތައް ދެނެގަނެ އެ މަގުތައް އިޔާދަ ކުރުމުގެ މަޝްރޫއަށް ދީފައިވާ ނަމަކީ "ޕްރޮޖެކްޓް މައުސަމް" އެވެ.

އޮފިޝަލުން ވިދާޅުވެފައި ވަނީ ކޮޓަން ރޫޓްގެ މަސައްކަތް އަދި ވަނީ ވަރަށް ވެސް ޅަފަތުގައި ކަމަށާއި މިކަން އަދި ވަރަށް ބޮޑަށް ފުޅާވެގެން ދާނެ ކަމަށެވެ.

ޗައިނާ އިން 2013 ވަނަ އަހަރު ސިލްކް ރޯޑް ޕްރޮޖެކްޓް ފަށައި މިހާރު ވަނީ އިންޑިއާގެ އެންމެ އަވަށްޓެރި ގައުމުތައް ކަމަށްވާ ދިވެހިރާއްޖެ އާއި ސްރީ ލަންކާ ވެސް އޭގައި ބައިވެރިކޮށްފަ އެވެ. އަދި އިންޑިއާ އަކީ ވެސް ބައިވެރިއެކެވެ. ސިލްކް ރޯޑުން އެތައް ގައުމެއް ވިޔަފާރީގެ ގޮތުން ގުޅި އެ ގައުމުތަކުގައި ޗައިނާގެ ބިޔަ އިންވެސްޓްމަންޓްތައް ކުރުމަށް ނިންމާފައި ވާއިރު މިކަމުގެ ސަބަބުން އިންޑިއާގެ ނުފޫޒަށް ހިޔަނި އެޅިގެން ދާނެތީ އިންޑިއާ ވަނީ ކަންބޮޑުވެފަ އެވެ.