ރިޕޯޓް

ގާނޫނުތައް އެއްޗަކަށް ނުވި، މުހިންމީ އޭޖީ "ދެކޭގޮތް"

  • ވަކީލުން ބުނަނީ ދައުލަތުން ހިމާޔަތްކުރަނީ ވަކި ބަޔަކުކަމަށް
  • އުސޫލުން ބޭރުންހުރި ކަންކަން ހިމާޔަތްކުރަން މަސައްކަތް ކުރޭ
  • ވަކީލުން ވިދާޅުވަނީ ދައުލަތުގެ ވާހަކަތަކުން ހައިރާންވާކަމަށް

"މިއީ ދައުލަތުން ދެކޭ، ދައުލަތަށް ފެންނަ ގޮތް،" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ކުރިއަށް ގެންދާ އަޑުއެހުންތަކުގައި އެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިއީ އެވެ.

މި ކަންބޮޑުވުން މެންބަރުންގެ ވަކީލުން ފާހަގަކުރަން ފެށީ، އެ ވަކީލުން ފާހަގަކުރާ ކަންކަމުގައި ޖަވާބު ދެއްވަމުން "ދައުލަތުން ދެކޭ ގޮތަކީ" ކަމަށް ވިދާޅުވެ ގިނަ ނުގުތާތަކެއް ދައުލަތުގެ ވަކީލުން ފާހަގަކުރައްވާތީ އެވެ. ގާނޫނެއް ނުވަތަ އުސޫލެއްގެ މައްޗަށް ބިނާކޮށް ނުކުތާތައް ދެއްކުމަށް އެދުމުން ވެސް ދައުލަތުގެ ވަކީލުން ވިދާޅުވަނީ "މިކަމުގައި ދައުލަތަށް ފެންނަ ގޮތަކީ އެއީ" ކަމަށެވެ.

"ދައުލަތުން ދެކޭ ގޮތަކީ އެއީ ރަނގަޅު ގޮތްތޯ ގާނޫނުގަ އޮތަސް ނެތަސް ބެލުމެއް ނެތްތޯ،" ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ޝަރީއަތުގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވަމުން ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވި އެވެ.

މި ކަންބޮޑުވުން އެންމެ ފުރަތަމަ ފެންމަތިވީ، ޕާޓީ މެންބަރަކު ވަކިވީކަމަށް ނިންމާނީ ޕާޓީތަކުގެ ދަފުތަރުން އެމީހެއްގެ އުނިކުރުމުން ކަމަށް ދައުލަތުން ދެކޭ ކަމަށް ވިދާޅުވެ ސީނިއާ ސްޓޭޓް އެޓާނީ މާޝާ ލުތުފީ ނެންގެވި ނުގުތާއަކާ ގުޅިގެންނެވެ. މާޝާ ވިދާޅުވީ، ގާނޫނުގައިވާ ގޮތުން ޕާޓީތަކުގެ ދަފުތަރަކީ އިލެކްޝަން ކޮމިޝަނުން ބަލަހައްޓަންޖެހޭ އެއްޗެއް ކަމަށެވެ. މެންބަރަކު ޕާޓީއާ ގުޅިއްޖެ ކަމަށް ބަލާނީ އެ މެންބަރެއްގެ ނަން ދަފުތަރުގައި ހިމެނުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ އުސޫލުގެ ދަށުން ދައުލަތުން ދެކޭ ގޮތުގައި މެންބަރަކު ޕާޓީއިން ވަކިވާނީ ވެސް ހަމަ ދަފުތަރުން އެ މެންބަރެއްގެ ނަން އުނިކުރީމަ ކަމަށް މާޝާ ވިދާޅުވި އެވެ. ވަކީލް އެގޮތަށް ވިދާޅުވީ އެއްވެސް ގާނޫނަކަށް ނޫނީ އުސޫލަށް ރިއާޔަތް ނުކުރައްވާ ދައުލަތުގެ އަމިއްލަ އޮޕީނިއަންގެ ގޮތުގަ އެވެ.

މި ނުކުތާއާ ގުޅިގެން މެންބަރު މުހައްމަދު އަމީތުގެ ގާނޫނީ ވަކީލް އިބްރާހިމް ރިފްއަތު ވަނީ، މެންބަރަކު ޕާޓީން ވަކިވާނީ ދަފުތަރުން އުނިކުރީމަ ކަމަށް ބުނެފައި އޮތީ ކޮން ގާނޫނެއްގަތޯ ސުވާލުކޮށްފަ އެވެ. ދައުލަތުން އަދި އެގޮތަށް ދެކުނަސް ގާނޫނެއްގައި އެހެން ލިޔެވިފައިނުވާނަމަ އެއަށް ބެލޭނެ ހަމައެއް ނެތް ކަމަށް އަމީތު ވިދާޅުވި އެވެ. ރިފްއަތު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގައިވާ ގޮތުން މީހަކު ޕާޓީން ވަކިވާން އެ ޕާޓީއަކަށް ހުށަހެޅިތާ 14 ދުވަސްވެއްޖެނަމަ އިލެކްޝަން ކޮމިޝަނުން އެމީހަކު ޕާޓީން ވަކިކޮށްދޭން ޖެހޭނެ ކަމަށެވެ. އެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ)ގައި އެހެން ބުނެފައިވާއިރު އެއީ އިލެކްޝަން ކޮމިޝަނަށް އިހްތިޔާރީ ކަމެއް ނޫން ކަމަށާއި ލާޒިމުވާ ކަމެއް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ ސީނިއާ ލީގަލް އޮފިސަރު ރިފްއަތު އަބްދުﷲ ވިދާޅުވީ، މީހަކު ޕާޓީން ވަކިވާން އެދިއްޖެނަމަ އެމީހަކު ޕާޓީން ވަކިވާން ޕާޓީއަށް ހުށަހަޅާފައިވާތާ 14 ދުވަސްވެފައިވޭތޯ ކަށަވަރުކުރަންޖެހޭ ކަމަށެވެ. ގަވާއިދުގައިވާ ގޮތުން މީހަކު ޕާޓީއިން ވަކިވާން ހުށަހަޅަންޖެހޭނީ އެ ޕާޓީއަކަށެވެ. ސާދަ ދުވަސް ތެރޭގައި އިލެކްޝަނަށް އެ ޕާޓީއަކުން ނާންގައިފިނަމަ، އިލެކްޝަން ކޮމިޝަނަށް ފޯމަކުން އެކަން ހުށަހެޅޭނެ އެވެ. އަމީތުގެ ވަކީލް ވިދާޅުވީ، އެ ފޯމް ހުށަހެޅުމުން އިތުރަށް ކަމެއް ކަށަވަރުކުރަންޖެހޭނެ ކަމަށް އެއްވެސް ގާނޫނެއްގަ ނެތް ކަމަށެވެ.

އެއަށް ރައްދު ދެއްވަމުން އިލެކްޝަންގެ ވަކީލް ރިފްއަތު ވިދާޅުވީ، ޕާޓީއަށް ހުށަހެޅިތާ 14 ދުވަސްވެފައިވާކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ލިޔެފައިނެތް ނަމަވެސް އެކަން ކުރުމަކީ ބުއްދީގެ ހަމަތަކުން ބަލާނަމަ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެކަން ޔަގީންނުކޮށް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅާ ކޮންމެ މީހެއްގެ މެންބަޝިޕް ބާތިލުކުރާނަމަ ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާނެ ކަމަށެވެ. "އެއީ މިއީ ދުވާލު ފަދައިން ފެންނަން އޮތް ހަގީގެއް" ކަމަށް ވަކީލް ވިދާޅުވި އެވެ.

އަމީތާއި ސައުދު އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކުރައްވާފައިވާ ސޮއި ނެގުމަށް އެންގުމުން އެ ސޮއި ނުނެގުމުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އެޅި ފިޔަވަޅެއްގެ މައްޗަށް ބަލާފަ އެވެ. އެ ސުލޫކީ މައްސަލަ ބެލިކަން ވެސް އެ މެންބަރުންނަށް އެނގުނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށް އެ މެންބަރުން ވިދާޅުވި އެވެ. އެ މައްސަލާގައި ޖަވާބުދާރީވާން ވެސް ފުރުސަތު ނުދޭ ކަމަށެވެ.

އެ މެންބަރުންގެ ވަކީލުން ވިދާޅުވާ ގޮތުގައި ޖަވާބުދާރީވާން ނުވެސް ޖެހޭނެ އެވެ. އެއީ އަމީތާއި ސައުދު އަދި ވައްޑެއަކީ މީގެކުރިން ސުލޫކީ ފިޔަވަޅެއް އަޅައި ޕާޓީން ވަކިކޮށްފައިވާ މެންބަރުން ކަމަށްވާތީ އެވެ. އެކަން އިލެކްޝަން ކޮމިޝަނަށް ވެސް އަންގާފައިވާއިރު ޕާޓީގެ ދަފުތަރުން އެ މެންބަރުންގެ ނަން އުނި ނުކޮށް އޮތުމަކީ އިލެކްޝަން ކޮމިޝަނާއި ޕީޕީއެމްއިން މަސްއޫލިއްޔަތު އަދާނުކުރުން ކަމަށެވެ. ވައްޑެ އަދި އަމީތުގެ ވަކީލް ހިސާން ހުސެއިން ވަނީ ޕާޓީން އެއް ފަހަރު ވަކިކޮށްފައިވާ މެންބަރަކު ޕާޓީއާ އަލުން ނުގެޅެނީސް ދެވަނަ ފަހަރަށް ވަކިކުރެވޭނީ ކޮން އުސޫލަކުންތޯ ދައުލަތު ކުރެން އައްސަވާފަ އެވެ.

އެއަަށް ދައުލަތުގެ ވަކީލް މާޝާ ދެއްވަނީ އެއް ޖަވާބެކެވެ. އެ ސުލޫކީ ފިޔަވަޅާ ގުޅިގެން މެންބަރުން ޕާޓީން ވަކިކޮށްދޭން އިލެކްޝަން ކޮމިޝަނަށް ޕީޕީއެމް އިން އަންގާފައި ނެތް ކަމެވެ. އެހެންކަމުން އެކަމުގައި އިލެކްޝަން ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. ޕީޕީއެމްއިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ބެލި ސުލޫކީ މައްސަލައަށްފަހު ހަމަ އެ ދުވަހު ވަނީ ޕާޓީން އެ މެންބަރުން ވަކިކޮށްދޭން އެދިފަ އެވެ. ނަމަވެސް ކުރީގެ މައްސަލަތަކުގައި އެކަން ޕީޕީއެމްއިން އެތައް މަހެއްވީއިރު ވެސް ނާންގައި އޮތުމަކީ އެ ޕާޓީގެ ޒިންމާ އަދާނުކުރުން ކަމަށް ވަކީލުން ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ސަބަބުން މެންބަރުންގެ ހައްގަށް އުނިކަން އަންނަކަން ފާހަގަކުރެއްވި އެވެ. އެކަން ނުބަލައި، އިލެކްޝަން ކޮމިޝަނާއި ޕީޕީއެމްގެ ދިފާއުގައި ބަންޑާރަ ނައިބުގެ ފަރާތުން ވާހަކަ ދައްކަވާތީ ވެސް ވަކީލުން ކަންބޮޑުވި އެވެ.

"ބަންޑާރަ ނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދައެއް ނުކުރެވުނު، ޕީޕީއެމް އާއި އިލެކްޝަން ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ އޮތުމުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭނެ،" އަމީތުގެ ވަކީލް ރިފްއަތު ވިދާޅުވި އެވެ.

ދެވަނަ ފަހަރަށް މެންބަރަކު ވަކިކުރެވިދާނެތޯ އަދި، އެ މެންބަރު ވަކިވިކަން ނާންގައި އޮތް އޮތުމަކީ ޕީޕީއެމްއިން ޒިންމާ އުފުލަންޖެހޭނެ ކަމެއްތޯ ވަކީލުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއަށް ދައުލަތަށް ސީދާ ޖަވާބެއް ދެއްވިފައެއް ނުވެ އެވެ.

ދެން އެންމެ ބޮޑު މައްސަލައަކީ، ބަހުސް ކުރެވުނީ ލަތީފުގެ މައްސަލާގަ އެވެ. ލަތީފަކީ އަމިއްލަ ޕީޕީއެމްއިން ވަކިވާން އެދުނު މެންބަރެކެވެ. އެކަމަށް އެދި ޕީޕީއެމްއަށް އޭނާ ސިޓީ ފޮނުވީ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް ޖުލައި 18 ވަނަ ދުވަހާ ހަމައަށް ވެސް އޭނާ ޕާޓީން ވަކިކޮށްދީފައެއް ނުވެ އެވެ. ޖޫން 19 ގައި އެދުމުން ވެސް ޕާޓީން ވަކިކޮށް ނުދިނުމުން ލަތީފް ވާނީ 11 ޖުލައި ގައި އޭނާ ޕާޓީ ވަކިކޮށްދިނުމަށް އެދި އިލެކްޝަން ކޮމިޝަނުގައި އެދުނެވެ. އެއީ 14 ދުވަސް ތެރޭ ޕީޕީއެމްއިން އެކަން ކޮށްފައިނުވާތީ އެވެ. ޕާޓީން ވަކިވާން އެދިފައިވަނިކޮށް އެކަން ނުކޮށްދީ، ޕީޕީއެމްއިން ވަނީ ޖުލައި 3 ގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ކުރައްވާފައިވާ ސޮއި ނެގުމަށް އަންގާފަ ކަމަށެވެ.

އެކަން ކުރެވޭނެ ހަމައަކީ ކޮބައިތޯ ވަކީލުން ދައުލަތާ ސުވާލު ކުރެއްވި އެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން އެމީހަކު ޕާޓީން ވަކިވާން ސިޓީ ހުށަހަޅާ ހިސާބުން އެމީހަކު ޕާޓީން ވަކިވީ އެވެ. އެކަމުގައި ޕާޓީއަށް އިތުރު އިހުތިޔާރެއް ނެތެވެ. ގަދަކަމުން އޭނާ ޕާޓީގައި ބެހެއްޓުމެއްގެ އެއްވެސް ބާރެއް ޕާޓީއަކަށް ނޯންނާނެ އެވެ. އެއީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު ވެސް މުޅިން މަނާ ކުރާ ކަމެވެ. ޕާޓީން ވަކިވާން ސިޓީ ހުށަހަޅާފައިވާތާ އެއް ދުވަހެއް ފަހުން ލަތީފްގެ ސުލޫކީ މައްސަލައެއް ބަލައި، އޭނާ ޕާޓީން ވަކިކުރަން ޕީޕީއެމް ނިންމި އެވެ. މިއީ ކިހިނެއް ކޮން އުސޫލަކުން ޕީޕީއެމްއިން ކޮށްފައިވާ ކަމެއްތޯ އެވެ؟

މި ސުވާލަށް ވެސް ދައުލަތުގެ ޖަވާބެއް ނެތެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، ލަތީފް ޕާޓީން ވަކިކޮށްދޭން ޕީޕީއެމް އިން އިލެކްޝަނުގައި އެދިފައި ނެތް ކަމަށެވެ. އަދި ލަތީފް އިލެކްޝަނަށް ޕާޓީން ވަކިވާން ފޯމް ހުށަހެޅުމުން އެކަން ސާފުކުރުމަށް އިލެކްޝަނުން ޕީޕީއެމްއަށް ސިޓީ ފޮނުވި ކަމަށެވެ. އެ ސިޓީގެ ޖަވާބެއް ޕީޕީއެމްއިން ދީފައިވާ ކަމަކަށް ދައުލަތުން ނުބުނެ އެވެ. އޭގެ ބަދަލުގައި، ޕީޕީއެމްއިން އިލެކްޝަން ކޮމިޝަނަށް ޖުލައި 18 ގައި އަންގާފައިވަނީ ލަތީފްގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު އޭނާ ޕާޓީން ވަކިކޮށްދިނުމަށެވެ.

ބުއްދި ގަބޫލުކުރާ ހަމައަކީ ވެސް ޕާޓީން ވަކިވުމަށް ހުށަހަޅާފައިވާ މެންބަރަކު، ގަދަކަމުން ޕާޓީން ހިފަހައްޓާފައިވީ ނަމަވެސް އެއީ އެ ޕާޓީގެ މެންބަރަކަށް ނުވާނެ ކަމެވެ. އޭނާއަށް އެންގުންތައް ނޭންގޭނެ ކަމެވެ. އެކަން އިލެކްޝަން ކޮމިޝަނުން ސާފުކުރަން މަސައްކަތް ކުރި ކަމަށް ބުނެ ދައުލަތަށް ފުއްދާލެވޭނެތޯ ވަކީލުން ސުވާލު އުފައްދަ އެވެ. ދައުލަތުގެ ޒިންމާއަކީ އެކަން ހިނގާދިޔަ ގޮތް ބަލައި އެކަމުގައި އޮންނަ އުސޫލުތަކާ ހިލާފުވެފައިވާ ޕީޕީއެމްގެ މައްސަލަ ބެލުން ކަމަށް ވަކީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނާގާބިލުކަމުން މެންބަރެއްގެ ހައްގުތައް އުނިވެގެން ދިޔުމަކީ އަދި އެކަން ދިފާއުކޮށް ދައުލަތުން ވަކާލާތުކުރުމަކީ ލަދުވެތި ކަމެއް ކަމަށް ވަކީލުން ފާހަގަކުރެއްވި އެވެ. "ދައުލަތުން ދެކޭ ގޮތް" ކަމަށް ވިދާޅުވެ، ހަމައާ އުސޫލް ގަބޫލު ނުކުރެވޭ ކަންތައްތަކެއް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ދިފާއުކޮށްގެން ނުވާނެ ކަމަށް ވަކީލުން ދެކިވަޑައިގަންނަވަ އެވެ. ހުރިހާ ކަމެއް "ދައުލަތުން ދެކޭ ގޮތް" ނުވަތަ "ފެންނަ ގޮތަށް" ނިންމާ ނަމަ ގާނޫނުތަކުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ ދައުލަތުން ދައްކަވާ ވާހަކަތަކުން "ހައިރާންވާ" ކަމަށް މެންބަރުންގެ ވަކީލުން ތަކުރާރުކޮށް ވިދާޅުވި އެވެ. އަޑުއަހަން ވަދެ ތިބޭ ބޭފުޅުން ވެސް ވިދާޅުވަނީ "ސަހަރޯއޭ" އެވެ.