ވިޔަފާރި

"ޕާސް" އަންނަ މަހު، ޕާޓްނަރުންނާއެކު ސޮއިކޮށްފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ޕްރިންޓް އެންޑް އެޑްވަޓައިޒިން ސާވިސް ޝޯ (ޕާސް) އަންނަ މަހު ބާއްވަން ނިންމައި، ޕާޓްނަރުންނާއެކު މިއަދު ސޮއިކޮށްފި އެވެ.

ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ ޕާސްގެ މެއިން ސްޕޮންސަރަކަށް ހަމަޖެއްސީ، އެމްސެވަން އެވެ. އަދި ކޯ- ސްޕޮންސަރަކަށް ހަމަޖެއްސީ ޓޮޕް ޕްރިންޓާސް އާއި ނޮވެލްޓީ ޕްރިންޓާސް އަދި ޕްރިންޓް ލެބް އެވެ. މީގެ އިތުރުން އޮންލައިން ޕާޓްރަނަކަށް އަވަސް ހަމަޖެއްސިއިރު، ޕަބްލިކޭޝަން ޕާޓްނަރަކަށް ހަމަޖެއްސީ އައިލެންޑް ޗީފް އެވެ. އަދި ސެކިއުރިޓީ ޕާޓްނަރަކަށް ހަމަޖެއްސީ އޭއެސްއޭޕީ އެވެ.

މޫކައި ސުވިޓްސްގައި ބޭއްވި ރަސްމިއްޔާތަކަށްފަހު، ހައިރައިޒްގެ ޖީއެމް، މުހައްމަދު ޝާމިން ވިދާޅުވީ މި ޝޯގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކުން ބައިވެރިވާނެ ކަމަށެވެ.

"މި ދާއިރާއަކީ ވަރަށް ޕޮޓެންޝަލް އޮތް ދާއިރާއެއް. އެހެންވެ މި ފަދަ ޝޯއެެއް އިންތިޒާމު ކުރީ. މި ޝޯ ބާއްވަން އިއުލާނު ކުރުމާއެކު، ގިނަ އަދަދެއްގެ ކުންފުނި ތަކުން ބައިވެރިވާން ހުށަހެޅި. ނަމަވެސް ފުރުސަތު އޮތް ވަރަކުން ފުރުސަތު ދީފައިވާނީ،" ޝާމިން ވިދާޅުވި އެވެ.

ހައިރައިޒްއިން ރާއްޖޭގެ ފުރަތަމަ ރިންޓް އެންޑް އެޑްވަޓައިޒިން ސާވިސް ޝޯ ބާއްވާއިރު، އެ ކުންފުނިން ވަނީ ރާއްޖޭގެ ފުރަތަމަ ފަހަރަށް ވެކޭޝަންސް އެކްސްޕޯއެއްވެސް ބާއްވާފަ އެވެ.

ޕާސް އޮންނާނީ އަންނަ މަހުގެ 21-23 އަށް ނޭޝަނަލް އާޓްގެލަރީގަ އެވެ.