ހަބަރު

ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކުރުވައިފި

ރައްޔިތުން މަޖިލީހުގެ ތިން މެމްބަރެއްގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލައިގައި އެބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާތީ އެ މައްސަލައިގެ ބަޔާންތަކުގައި ސޮއި ކުރުމަށް އެ ތިން މެންބަރުން މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކުރުވައިފި އެވެ.

މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކުރީ، ފުލުހުންގެ ބަންދުގައި ހުރި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެ އެވެ.

މި މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. ވަރަށް އަވަހަށް ހުކުމް އިއްވުމަށް އަޑުއެހުން ތާވަލުކުރާނެ ކަމަށް ބެލެވެ އެވެ.

މި ތިން މެންބަރުންގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދުގެ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފަ އެވެ. އެ މައްސަލާގެ ބަޔާންތަކުގައި ސޮއިކުރަން ލަތީފް ހާޒިރުކޮށްފައިވާ ކަމެއް ނޭނގެ އެވެ.

ލަތީފް ނޫން އަނެއް ތިން މެންބަރުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވަން ކަމަށް ބުނެ އެވެ. އެއީ މަޖިލިސް މެންބަރުންތަކެއް ނޫން ބަޔަކު ފުލުހުންގެ ސަފުތައް ފަޅާލައި، ވަނުން މަނާ ތަނަކަށް ވަނުމުގެ ތުހުމަތުގަ އެވެ. އަދި ފަނޑިޔާރަކު އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ . މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.