ހަބަރު

"ޔޮންޑާ"އިން ރާއްޖޭގައި މިޔުޒިކް ސްޓޫޑިއޯއެއް ހަދަނީ

ޔޮންޑާ މިއުޒިކުން ރާއްޖޭގައި ބައިނަލްއަގުވާމީ މިއުޒިކް ސްޓޫޑިއޯއެއް ހަދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޔޮންޑާ މިއުޒިކް އެޕްލިކޭޝަންގައި ދިވެހި ލަވަތައް ހިމެނުމަށް ފުލްމޫން ރިސޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އެޑަމް ކިޑްރޮން ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ މިއުޒިކް ސްޓޫޑިއޯއެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ، މި ސްޓޫޑިއޯ މި އަހަރުގެ ފަހުކޮޅު ހުޅުވާނެ ކަމަށެވެ.

"މި ސްޓޫޑިއޯ ވެގެންދާނީ ދިވެހި ލަވަތައް ފެންވަރު ރަނގަޅުކޮށް ރެކޯޑު ކުރަން ހުޅުވޭ ދޮރަކަށް،" އެޑަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސްޓޫޑިއޯ ހަދާނީ ފުލްމޫން ރިސޯޓުގައި ކަމަށާ، ސްޓޫޑިއޯ ޑިސެމްބަރު މަހު ހުޅުވާން މަސައްކަތް ކުރާނެ ކަމަށެވެ.

ޔޮންޑާ މިއުޒިކުން ވަނީ ދިވެހި ކްލެސިކް އަލްބަމް "ޒީރޯޑްރީ" އެޓޯލް އަލްބަމްގެ ބައެއް ލަވަތައް ހިމެނޭ ގޮތަށް ޑޮމިއުމެންޓްރީއެއް ހަދަން ފަށާފަ އެވެ. ޔޮންޑާއަކީ ގާތްގަނޑަކަށް 20 މިލިއަން ލަވަ ހުންނަ އެޕްލިކޭޝަނަކެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން ލަވަތައް ޑައުންލޯޑް ކުރުމުގެ އިތުރުން ސޯޝަލް މީޑިޔާތަކުގައި ހިއްސާ ކުރެވެ އެވެ.