ހަބަރު

އަދުރޭ އާއި އަދީބުގެ ކޯލް: "އަނެކަތިކޮޅެއް ހޯދާލަންޖެހޭ"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފައިސާއިން ހަރަދުކޮށްގެން ރައްޔިތުންގެ މަޖިލީހަށް ގިނަ މެންބަރުންތަކެއް އިންތިހާބުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ، އަދީބުގެ އަރިހުން ކަމަކަށް "އަނެކެތިކޮޅެއް ހޯދަން" އެދިވަޑައިގަންނަވާ އޯޑިއޯއެއް ލީކްވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ލީކްވެފައިވާ އޯޑިއޯގައި އަބްދުލް ރަހީމް (އަދުރޭ) އެދިވަޑައިގަންނަވަނީ "އަނެއްކެތިކޮޅެއް" ހަމަޖައްސައިދެއްވުމަށެވެ. އެއީ ކޮން އެއްޗެއް ކަމެއް އެ އޯޑިއޯއިން ސާފެއް ނުވެ އެވެ. ބެލެވޭ ގޮތުގައި މި އޯޑިއޯއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރި ދުވަސްވަރުގެ ފޯނު ކޯލެއްގެ އޯޑިއޯ އެވެ.

އެ އޯޑިއޯއިން އިވޭ ގޮތުގައި އަދުރޭ އަދީބު ކައިރީގައި އެދެނީ އެހީއަކަށެވެ. އެ އެހީއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށް ފޮނަދޫ ދާއިރާގެ ދެ އާއިލާއެއް "އުފުރާލުމަށް" ހޯދާ އެހީއެކެވެ.

އަދީބު އިސްވެ ހުންނަވާ ބޭއްވި ސައިކަލެއް ބުރެއް ކަމުގޮސްގެން ކަމަށް ވިދާޅުވެ، އަދީބަށް އަދުރޭ ގުޅުއްވުމުން އަދީބު ވަނީ ފޮނަދޫ ދާއިރާގެ ކަންކަން ކިހިނެއްތޯ އައްސަވާފަ އެވެ. އޭގެ ޖަވާބުގައި އަދުރޭ ވަނީ، އިދިކޮޅު ކެމްޕެއިން ވަރަށް ވަރުގަދައަށް ހިންގަމުންދާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ.

"މިހާރު ވާ ގޮތަކީ ވާގޮތަކީ ބަނޑަހަ ޖަހައިގެން އެބަހުރި، އެމީހުންގެ ކުލަ އާއި ސަމާނުތައް އަޅައިގެން ވަކިވަކި ފަރުދުންނަށް ކުދިކުދި އެއްޗެހިތައް ވައްޓާލައިގެން މި ކަންކަން ކުރަނީ،" އަދުރޭ ވިދާޅުވެފައިވެ އެވެ.

އަދުރޭ އެހެން ވިދާޅުވުމުން "މުޅި އެތި ފުނޑާލެވޭނެތަ؟" މިހެން އަދީބު އައްސަވަ އެވެ. އެއާއެކު އަދުރޭ ވިދާޅުވަނީ ފުނޑާލެވޭނެ ކަމަށެވެ. އެކަމަކު ޝަކުވާއެއް ކުރެއްވި އެވެ. ބޮޑު ދެ އާއިލާއެއްގެ ތާއިދު ހޯދަންޖެހިފައިވާ ކަމަށް ވިދާޅުވެ އެވެ.

"މިހާރު އެބައުޅޭ ވަރަށް ވަރުގަދަ ދެ ފެމެލީއެއް ނަގަންޖެހޭ، އެ ދެ މީހުން އުފުރާލުމުގެ މަސައްކަތް އެބަ ކުރަން،" އަދުރޭ ވިދާޅުވެ އެވެ.

އަދުރޭ އެހެން ވިދާޅުވުމުން އަދީބު "އާނ އޯކޭ"އޭ ވިދާޅުވެ އެވެ. އެއާއެކު ފޯނު ކޯލް ކުރުކޮށްލަމުން އަދުރޭ ވިދާޅުވަނީ، "ކުޑަކޮށް އަނެކެތިކޮޅެއް ހޯދާލަންޖެހޭނެ މިކަންކުރަން އިނގޭ،" މިހެނެވެ. އެއާއެކު "އާނ އޯކޭ ކައޭ ގުޅާ"އޭ އަދީބު ވިދާޅުވެ އެވެ.

ފޯނު ކޯލް ނިންމާލަމުން އަދުރޭ ވިދާޅުވަނީ، "އޯކޭ މިކަން ކުރިއަށް ގެންދާނަން" ކަމަށެވެ.

މި އޯޑިއޯއާ ގުޅޭ ގޮތުން މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭއާ ސުވާލު ކުރުމުން އެއީ އޭނާގެ އޯޑިއޯއެއް ނޫން ކަމަށް ސީދާ ވިދާޅުވެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ، އެ އޯޑިއޯގައި ހިމެނެނީ ކާކުގެ އަޑެއްކަން އެނގޭނީ އެ ލީކްކޮށްލި ބަޔަކަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ އެތައް އޯޑިއޯއެއް ލީކްވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

""އަޅުގަނޑު މި ދަންނަވަނީ އެ ލީކްކުރި ބަޔަކަށޭ އެންމެ ރަނގަޅަށް އެނގޭނީ ކާކުގެ އަޑުކަމެއް، އެއީ އެކަމުގައި އަޅުގަނޑު ދޭން އޮތް ޖަވާބު،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އޭނާގެ އެފަދަ އޯޑިއޯތަކެއް އޭނާ އިދިކޮޅުގައި ހުންނެވިނަމަ ނުނުކުންނާނެ ކަމަށެވެ. އިދިކޮޅުގައި ހުންނެވިނަމަ އޭނާހާ ސާފު، ރަނގަޅު މީހެއް ނުހުރީސް ކަމަށް ވެސް ވިދާޅުވި އެވެ.

އަދީބުގެ ފައިސާއިން އިންތިހާބުވި މެންބަރަކު ޕީޕީއެމްގައި ނުހުންނާނެ ކަމަށް ވެސް މިއަދު އަދުރޭ ވިދާޅުވި އެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވެފައިވަނީ، "ކޮންމެހެން ހޮވަންޖެހޭ" މެންބަރުން ހޮވުމަށް އަދީބުގެ ފައިސާއިން ހަރަދުކޮށްފައިވާ ކަމަށެވެ. އެ މެންބަރުން އިސްތިއުފާ ދެއްވައި އަމިއްލަ ފައިސާގައި އިންތިހާބުވާން ވެސް ރައީސް ގޮވާލެއްވި އެވެ.

އަދުރޭ ވިދާޅުވެފައިވަނީ، އަދީބުގެ ފައިސާ ބޭނުން ކުރެއްވި ގޮތާއި، މެންބަރުން ހޮވުނު ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އަދީބުގެ ފައިސާއަކީ ހިޔާނާތުގެ ފައިސަ ކަމަށް ވިދާޅުވާ ބޭފުޅުންނަށް ކަމަށެވެ. އަދި ސިޔާސީ މަސައްކަތްތަކަށް އެހީތެރިވި ފަރާތްތަކުން ރައީސް ޔާމީންއަށް ދެއްވި ފައިސާތައް ބެހެއްޓެވީ އަދީބުގެ އަތުގައި ކަމަށާއި މަޖިލީސް މެންބަރުން އިންތިހާބު ކުރުމަށް އަދީބު ބޭނުން ކުރީ އެ ފައިސާ ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ މަސައްތަކަށް ލިބުނު ފައިސާ ރައީސް ބެހެއްޓީ އަދީބުގެ އަތުގައި، މަޖިލީހުގެ މެންބަރުން އިންތިހާބު ކުރުމަށް ހަރަދުކޮށްފައި ވަނީ އެ ފައިސާއިން، އެއީ އަދީބު ކޮރޮޕްޝަނުން ހޯދާފައިވާ ފައިސާއެއް ނޫން، އަދީބުގެ ކޮރޮޕްޝަންގެ ފައިސާއިން އިންތިހާބުވި މެންބަރަކު ޕީޕީއެމްގައި ނުހުންނާނެ،" އަދުރޭ ވިދާޅުވި އެވެ.