ލައިފްސްޓައިލް

ޔުމްނާ މައުމޫން: އެހާމެ ސާދާ، ވަރުގަދަ ނަމެއް

"ޔުމްނާ މައުމޫން"، މިއީ ރާއްޖޭގައި ސިޔާސީ މައިދާނުގައި މީގެކުރިން މާ ބަސްވިކޭ ހަރުނަމެއް ނޫނެވެ. މި ނަން އަބަދުވެސް އިވެމުން ދިޔައީ ރައީސް މައުމޫންގެ މަގުބޫލްގެ ކަމުގެ ތެރެއިން އެމަނިކުފާނުގެ ދަރިކަނބަލެއްގެ ގޮތުގަ އެވެ. ރައީސް މައުމޫންގެ އެހެން ބޭފުޅުން އާންމުންނަަށް އެނގޭ މިންވަރަށް ވެސް ޔުމްނާއެއް ނޭނގެ އެވެ. ޔުންމާ ހުންނެވީ ވަރަށް ބޮޑަށް ފަރުދާގެ ފުރަގަހުގަ އެވެ. ސިފަ ކުރެވެމުން ދިޔައީ "ޝާހީ" ބޭކަނބަލެއްގެ ގޮތުގަ އެވެ. ގަނޑުވަރު ތެރޭ ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް ހަގީގީ ޔުމްނާ މި ފެންނަނީ އަދި ކިރިޔާ އެވެ. ފަރުދާ ކަހާލައި ޔުމްނާ ނުކުމެވަޑައިގެންނެވީ އަދި ކިރިޔާ އެވެ.

ސިޔާސީ މައިދާނަށް އައި ބޮޑު ބަދަލާއެކު ޔުމްނާ މައުމޫން މިހާރު ވެގެން ގޮސްފައިވަނީ ސިޔާސީ "ބޮޑު" ނަމަކަށެވެ. އިދިކޮޅުގެ ވަރުގަދަ އަޑަކަށެވެ. ހިޔާލު ތަފާތުވެފައިވާ ފަރާތްތަކަށް ރިވެތި ގޮތުގައި ހޫނު ހަމަލާތައް ދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ސަރުކާރު ބޭފުޅުންނަށް އެންމެ އަވަހަށް އެންމެ ރީތި ގޮތުގައި ރައްދު ދެއްވައި ފާޑުވިދާޅުވާ އިދިކޮޅު ފަރާތަކީ މިހާރު ޔުމްނާ އެވެ. ސިޔާސީ ހޫނުގައި ޔުމްނާ ވަނީ ރަނގަޅަށް ވެސް ޖެހިފަ އެވެ. މަގުމަތީ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ހުންނަވާ ބޭފުޅަކަށް ޔުމްނާ ވަނީ ވެފަ އެވެ. ޓްވިޓާގައި ވެސް އެހާމެ ދޫހަލުވި އެވެ. މީގެކުރިން ވެސް މުޒާހަރާތަކުގައި ޔުމްނާ ބައިވެރިވި ނަމަވެސް ކުރީ ސަފަށް އަރައިވަޑައެއް ނުގަންނަވަ އެވެ. މިހާރު އެހެނެއް ނޫނެވެ. މަންޒަރު ބަދަލުވެއްޖެ އެވެ.

މަގުމަތީ ހިނގާލުމެއް އެއްވުމެއް ބޭއްވިޔަސް އެތަނަކުން ޔުމްނާ ފެނެ އެވެ. ކޯޓުތައް ދޮށުން ޔުމްނާ ފެނެ އެވެ. ފުލުހުންގެ އިދާރާ ކައިރިން ޔުމްނާ ފެނެ އެވެ. ޖަލަށް ވެސް ވަޑައިގަންނަވަ އެވެ. މިފަދަ ހަރަކާތްތަކުގައި އެންމެ ގިނައިން ބައިވެރިވާ ފަރާތަކަށް ވެސް ޔުމްނާ މިހާރު ވާނެ އެވެ. މިއީ މީގެކުރިން ޔުމްނާގެ ފަރާތުން ފެންނާނެ ކަމަށް އުއްމީދުކުރެވުން ކަންކަމެއް ވެސް ނޫނެވެ. އެކަން އެހެން ވަނީ ޔުމްނާގެ "ސިފަ" ކުރެހިފައި އޮތް ގޮތުން ކަމަށްވެސް ވެދާނެ އެވެ.

އިއްޒަތާއި ޝަރަފުގައި މުޅި ދިރިއުޅުން ހޭދަކުރެއްވި، ޔުމްނާ މައުމޫން މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވި ނަމަވެސް ޔުމްނާއަކީ މީހުންނާ އެހާ އެކުވެރި ރަށްޓެހި މޫނަކަށް ވެގެންދާނެ ކަމަކަށް ނުބެލެވުނެވެ. އެކަމަކު އެކަން ވެސް މިއޮތީ މުޅިން ދޮގަކަށްވެފަ އެވެ. ޔުމްނާ ފާހަގަވެފައިވަނީ ކޮންމެ މީހަކާ ވެސް ގުޅޭ ވަރަށް އެކުވެރި މޫނެއްގެ ގޮތުގަ އެވެ. އެއްވެސް މީހަކާ ބީރައްޓެހި ކަމެއް ނޯވެ އެވެ. ފެނިގެން ދަނީ ހިތްހެޔޮ ކަމާއި އެކު ޓީމްވޯކް އެންމެ ފުރިހަމަޔަށް އަދާ ކުރައްވާތަނެވެ.

ގަނޑުވަރު ތެރޭ އުޅެ ބޮޑުވި ނަމަވެސް ޔުމްނާގެ ފަރާތުން ފެނިގެން ދަނީ ވަރަށް ސާދާ ކަމެވެ. އާންމު ރައްޔިތުންނާއެކު، ބާޒުމަތީ ފިހާރަތަކުގެ އޮޅިގަނޑުމަތީގައި ވެސް މިހާރު އެކަމަނާ އިށީންދެވަޑައިގަންނަވަ އެވެ. މާރުކޭޓަށް ވަދެވަޑައިގެން، އާންމު ރައްޔިތެއްހެން އުޅުއްވަ އެވެ. ފެންނަހާ މީހަކާ ހީ ސަމާސާ ކުރައްވަ އެވެ.

ރައީސް މައުމޫނަށާއި އެ އާއިލާއަށް ވަރަށް ބޮޑަށް މީގެކުރިން ފާޑިވިދާޅުވެފައިވާ ބޭފުޅުންނާ ވެސް ޔުމްނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ އެކުވެރިކަމާއެކު އެވެ. ޔުމްނާ މިހާރުވެފައިވަނީ އެ ބޭފުޅުންގެ ވެސް އެކުވެރިޔަކަށެވެ. އެ ބޭފުޅުން އެ އާއިލާއާމެދު މީގެކުރިން ދެއްކެވި ވާހަކަތަކަކީ މުޅިން ތެދު ނޫން ކަމަށް އެ ބޭފުޅުން ވެސް މިހާރު ގަބޫލުކުރައްވާނެ އެވެ.

ސިޔާސީ މައިދާނުގައި ހިތްވަރު ގަދަ އަންހެން ބޭފުޅުންގެ ގޮތުގައި ފެނުނު މާރިޔާ ދީދީ، އީވާ އަބްދުﷲ، ރޮޒައިނާ އާދަމް ފަދަ މަދު ނަމެއް އިވިގެންދާއިރު އެ ބޭފުޅުންނާއެކު ޔުމްނާ މައުމޫންގެ ނަން ވެސް މިހާރު ވަނީ ހިމެނިފަ އެވެ. އެ ބޭފުޅުންނާއެކު ޔުމްނާ ވެސް ވަނީ އެއީ ހިތްވަރުހުރި އަންހެން ކަނބަލެއްކަން ސާބިތުކޮށްފަ އެވެ. ޔުމްނާ ވިދާޅުވީ، އެ ހިތްވަރު ލިބެނީ ރައްޔިތުންގެ ފަރާތުން ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ ހައްގަށް ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

"މަގުމަތީ ހަރަކާތުގައި މި ބައިވެރިވީ އަލަކަށް ނޫން، ކުރިން ވެސް މުޒާހަރާގައި ބައިވެރިވިން، ނަމަވެސް ފުލުސް އޮފީހަށް ދިޔުމާއި ކޯޓަށް ދިޔުމާއި ކޮއްކޮއަށް ޒިޔާރަތްކުރަން ޖަލަށް ދިޔުން ފަދަ ކަންކަން މިއީ އާ ކަންތައްތައް، މިއީ އާ ތަޖުރިބާތަކެއް، މިއިން ކޮންމެ ކަމަކުން ވަރަށް ގިނަ ކަންތައްތަކެއް އެބަ ދަސްވޭ، އާންމުންގެ ފަރާތުން ހިތްވަރު ލިބޭ،" ޔުމްނާ ވިދާޅުވި އެވެ. "މިކުރާ މަސައްކަތަކީ ހައްގުގެ މަގުގައި ކުރާ މަސައްކަތެއް ކަމަށް ގަބޫލު ކުރާތީ ހިތްވަރާއެކު މަސައްކަތް ކުރަނީ،"

އެއްވުންތަކަށް ދިޔުމާއި ފުލުހުންގެ އިދާރާ ދޮށަށް ދާން ޖެހުމާއި ކޯޓު ކައިރިޔަށް ދިޔުމަކީ މިހާރު އިދިކޮޅު ފަރާތްތަކުގެ ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި ހިމެނޭ ކަންކަމެވެ. ނަމަވެސް ބައެއް ބޭފުޅުން ވަޑައިގަންނަވަނީ އެ ބޭފުޅެއްގެ މަސްލަހަތު އޮންނަ ބޭފުޅެއްގެ ކަމެއް އެތަނަކު ހިނގާނަމަ އެވެ. ނަމަވެސް ޔުމްނާ ފެނިގެން ދަނީ އެއާ ހިލާފަށް ވީއެންމެ ގިނައިން އެފަދަ ތަންތަނަށް ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި އެވެ. ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލަތަކުގައި ކުރިއަށް ދިޔަ ދިގު އަޑުއެހުންތަކަށް ވެސް ކޮންމެ އަޑުއެހުމަކަށްހެން ޔުމްނާ ވަޑައިގެންނެވި އެވެ. ކޯޓު ކައިރިއަށް ވެސް ވަޑައިގަންނަވަނީ ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން ހާޒިރުކުރާ ދުވަސްތަކުގައި އެކަންޏެއް ނޫނެވެ. މިފަހުން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހައްގުގައި ބޭއްވި އެއްވުމެއްގައި ވެސް ވަރަށް ކުރީ ސަފުގައި ޔުމްނާ ބައިވެރިވަޑައިގަންނަވާ އެ އާއިލާއަށް ހިތްވަރު ދެއްވާފައިވެ އެވެ.

ފާރިސްގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ޔުމްނާ މައުމޫން ގެންދަވަނީ ފާރިސްގެ ވިދާޅުވެފައިވާ ގޮތަށް ވަރަށް ބޮޑަށް އަމަލުކުރައްވަމުންނެވެ. ފާރިސް ވިދާޅުވެފައިވަނީ، މި ގައުމު ރައީސް މައުމޫންގެ ބޭފުޅުންނަށް ވަރަށް ރަނގަޅު ކަމަށާއި ގައުމަށް ހިދުމަތްކުރުން އެ ބޭފުޅުންނަށް ލާޒިމްވާ ކަމަށެވެ. ފާރިސް މައުމޫންގެ ލީޑަޝިޕް ދައްކަވައި މީހުން ބަލައިގަންނަފަދަ ބޭފުޅަކަށްވެވަޑައިގެންނެވި ފަހުން ޖަލަށް ގެންގޮސް ހައްޔަރުކޮށްފައިވާއިރު، ފާރިސް ދެއްކެވި ލީޑަޝިޕާއި ހިތްވަރު މިހާރު ޔުމްނާގެ ފަރާތުން އެ ދަނީ ފިސާރި ރަނގަޅަށް ފެންނަމުން އެވެ. ޝައްކެ ނެތް ގޮތުގައި "ޔުމްނާ މައުމޫން" މިވަނީ މިހާރު އިދިކޮޅު ވަރުގަދަ ނަމަކަށް ވެފަ އެވެ.