ރިޕޯޓް

ބައިވަރު ވާހަކަ ކިޔައިދޭ ފޮޓޯގަނޑެއް!

Aug 21, 2017
24

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރީ މިދިއަ މަހު އެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު ބަންދުގެ މުއްދަތުގެ މަޖިލީހަށް ހާޒިރު ކުރި އިރު ބައެއް މީހުން އޭނާ މިނިވަން ކުރަން ގޮވާލައި އޭނާގެ ފޮޓޯ ހިފައިގެން ކްރިމިނަލް ކޯޓް ހިމެނޭ ސަރަހައްދުގައި އުޅުނެވެ. އެ ހަރަކާތުގެ ފޮޓޯތައް ވެސް ބައިވަރު ނެގި އެވެ. އެ ފޮޓޯތައް އެބަ ދައުރުވެ އެވެ. އެ ހަރަކާތާއި ފޮޓޯތަކަށް މަހެއްވާން ދާއިރު ވަރަށް އާދަޔާހިލާފު، އެކަމަކު އަޅައި ނުގަންނަ ފޮޓޯއެއް ވެސް އޮވެގެން އެބަ ހިނގަ އެވެ. މަތީގައި އެވަނީ އެ ފޮޓޯ އެވެ. މިއީ ހަމަ އާދަޔާ ހިލާފު ފޮޓޯ އެކެވެ. ވަރަށް ބައިވަރު ވާހަކަ ކިޔައިދޭ ފޮޓޯއެކެވެ.

ފާރިސް މިނިވަން ކުރަން ގޮވާލައި ފާރިސްގެ ފޮޓޯގަނޑެއް ހިއްޕަވައިގެން އެ ހުންނެވީ އިނގިރޭސި ވިލާތުން މަތީ ތައުލީމް ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. ދިވެހި ދައުލަތަށާއި ގައުމަށް އަގު ހުރި އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ވަރަށް ހާއްސަ، އަދި ދިވެހި ރާއްޖެ ފަހުރުވެރިވާ ހިދުމަތްތެރިއެކެވެ. އަދިވެސް ރާއްޖޭގައި ނޫފެދޭ ވަރުގެ މޮޅު އިންޖިނޭރެކެވެ. ރައީސް އިބްރާހިމް ނާސިރުގެ އަރިސް އަދި ގާތް ރަހުމަތްތެރިއަކަށް ވެޑައިގެންނެވުމުގެ އިތުރުން އެ މަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރުގައި މާލޭގައި ހިނގި ޕްރޮޖެކްޓްތަކުގެ އިސް އާކިޓެކްޓެވެ. ހެންވޭރު ހިކަރީ އަހުމަދު އާދަމެވެ. ހާއްސަ ނަމެއް ހާއްސަ ބޭފުޅެއް ނޫން ހެއްޔެވެ؟

ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މިިނިވަން ކުރަން ގޮވާލައްވައި ފާރިސްގެ ފޮޓޯއެއް ހިއްޕަވައިގެން އަހުމަދު އާދަމް، ފާރިސްއަށް އިންސާފު ހޯއްދަވައި ދެއްވަން މަަގަށް ނުކުންނެވި ނަމަވެސް ފާރިސްގެ ބައްޕާފުޅުގެ ވެރިކަމުގައި އަހުމަދު އާދަމާމެދު ބޭއިންސާފު ކުރެވުނު މިންވަރާއި އެކަން ކަމާއި މަންޒަރުތައް ހަންދާން ހުރި މީހަކު ނެތެވެ. މި ފޮޓޯގައި އަޅައި ނުގަތީ އެހެންވެގެން ކަމަށް ވެދާނެ އެވެ.

ދީނީ އިލްމުވެރިޔާ ރައީސް މައުމޫން، ވެރި ކަމަށް ވަޑައިގެންނެވިތާ ދެމަސް ނުވަނީސް ރައީސް މައުމޫނާއި އެމަނިކުފާނުގެ ސަރުކާރު އިސްވެ އޮވެ، ކުރީގެ ރައީސް ނާސިރާއި އޭނާގެ ރަހުމަތްތެރިންގެ ކާޓޫނު، ހުތުރުހާ ސިފަ ސިފައިގައި ލައިފް ސައިޒަށް އުފައްދައި މާލޭގެ ބޮޑެތި މަގުތައް މަތީގައި ބެހެއްޓި އެވެ. އެތަންތަނަށް މާކަރީ ލައިޓް އަޅުވައި ދިއްލި އެވެ. ސަރުކާރުގެ ހަރަދުގަ އެވެ. ބޮޑެތި ތާޅަފިލި ބަހައްޓައި ފުރައްސާރަކޮށް މަލާމާތާއި އާޑަ ކިޔައި އީދު ކުޅިވަރަކަށް ހަދައިގެން އުޅުނެވެ. ސަރުކާރު އިސްވެ އޮވެ މުޒާހަރާތައް ފެށި އެވެ. ގަލޮޅު ބޯޅަދަނޑަކީ މައި މަރުކަޒެވެ. މި ހުރިހާ ކަމެއްގެ އިސް ސަފުގައި ވަޒީރުންނާއި ދީނީލް އިލްމުވެރިންނާއި އިސް ވެރިންނާއި ރައީސެވެ. މުޒާހަރާތައް ފެށީ މޭ 8، 1980 ވަނަ އަހަރު އެވެ.

މި މުޒާހަރާތަކުގައ ނާސިރުގެ އިތުރުން އެންމެ ބޮޑަށް މަލާމާތައި ފުރައްސާރަކޮށް ޝަހުސު ކަތިލައި ދެރަކޮށްލެވުނު އެއް ބޭފުޅަކީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ހައްޔަރު ކުރުމުން އެ ކަމާ ދެކޮޅު ހައްދަވައި އިންސާފަށް ގޮވާލައި ގެއިން މަގުމައްޗަށް ނުކުމެ ވަޑައިގެންނެވި މަޑުމައިިތިރި މިޒާޖުގެ އަހުމަދު އާދަމެވެ.

ރައީސް މައުމޫނުގެ ސަރުކާރުގައި ނާސިރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި "ބާޣީން" ގެ ލިސްޓެއް ހަދައި އޭގައި ހިމެނި ބޭފުޅުންގެ ތެރޭގައި އަހުމަދު އާދަމް ހިމެނި ވަޑައިގަންނަވަ އެވެ. އޭނާއަކީ "ބާޣީ" އަކަށް ހަދައި ޝަހުސު ގަތުލު ކޮށްލީ ކުރީގެ ރައީސް ނާސިރުގެ ކާޓުނު ކުރަހައި ފުރައްސާރަކޮށް އޭނާއާ ދެކޮޅަށް ހުތުރުހާ އެއްޗެހިގޮވައި ލަވަ ހަދައިގެން ކުރާ މުޒާހަރާތަކަކީ އިންސާފެއް ނޫނޭ "އެއީ ދިވެހިން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ" ވިދާޅުވެގެނެވެ. އަދި އެކަން ކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ދެކޮޅު ހެއްދެވުމުންނެވެ.

މައުމޫނުގެ ސަރުކާރުގައި އަހުމަދު އާދަމް ބަދަލުވީ "ބޯހުދޭ" އަދި "ބޯހުދު ބާޣީ" އަކަށެވެ. ދެން "ބޯ ހުދުވަގަ" ކަށެވެ. އެވަރު އެކަންޏެއް ނޫނެވެ. އޭނާގެ ގޭގެ ދޮށުގައު ހަޑި ހުތުރު ބަހުން މުޒާހަރާތައްކޮށް ހަޅޭކާއި އަވަގުރާނަ ގޮވައި ގެއިން ބޭރަށް ނުކުމެ ވަޑަތަ ނުދެއްވާ ހިފެހެއްޓި އެވެ. ގޭދޮށަށް ކަރުގޮހޮރު އަޅައި ޖެއްސުންކޮށް އޭނާއާ އާއި އާއިލާ ލަދު ގެންނެވި އެވެ. އެކި ގޮތްގޮތުން ފިއްތާ ދަތި އުނދަގުލާއި ދުއްތުރާތައް ކޮށް، އާންމުންގެ ކުރިމަތީގައި އަހުމަދު އާދަމަކީ "ކުށްވެރިއެއް" ގެ ގޮތުގައި ލޭބަލް ކުރި އެވެ.

އޭގެ ގާތްގަނޑަކަށް 37 އަހަރު ފަހުން ރައީސް މައުމޫންުގެ ދަރިކަލުން ޖަލަށް ލެވުމުން އޭނާ ޖަލަށް ލެވުނީ އިންސާފުން ނޫން ކަމަށާއި އޭނާ މިނިވަން ކުރަން ގޮވާލައި ފޮޓޯ ހިއްޕަވައި އެ ފޮޓީގަނޑު މޭގައި ލައްކޮށްލައްވައުގެން ހިނިތުންވުމާއެކު މަގުމައްޗަށް ނުކުމެ ވަަޑައިގެން އެ ހުންނެވީ އަހުމަދު އާދަމެވެ. މާޒީއާމެދު އެއްވެސް ޝަކުވާއެއް ކުރުމަކާ ނުލަ އެވެ. މިއީ ކޮންކަހަލަ ފޮޓޯ އެއް ހެއްޔެވެ؟ މީހުންނަކީ މިއީ ނޫން ހެއްޔެވެ؟