ރިޕޯޓް

"މަހާ ޖައްރާފު" ރާއްޖެ ނުގެނެވި ލަސްވަނީ ކީއްވެ؟

  • އުޅަނދަށް ދައްކަން ފައިސާގެ ދަތިކަން ކުރިމަތިވި ކަމަށް ބުނޭ
  • މި އުޅަނދު ރާއްޖެ ގެންނަން ކުރިން އެކި ތާރީހުތައް ދީފައިވޭ
  • މި އުޅަނދާ ގުޅޭ ގޮތުން ފެތުރޭ ވާހަކަތައް ކުންފުނިން ދޮގުކުރޭ

ރާއްޖޭގެ ބިން ހިއްކުމަށް އިންގިލާބެއް ގެނުވާނެ އުޅަނދެއް ސަރުކާރު ހިއްސާވާ ކުންފުނި، އެމްޓީސީސީން ބަންނަމުންދާ ކަމަށް ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް އަބަދުﷲ ޔާމީން އެވެ. އޭރު ސަރުކާރުން ބުނެފައިވަނީ މި އުޅަނދު ގެނައުމާއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިވެ، ހަރަދު ވެސް ކުޑަވާނެ ވާހަކަ އެވެ. ލައްކައަކުން ނޫނެވެ. މިލިއަން ޑޮލަރުން ހެޔޮވެގެންދާނެ ވާހަކަ އެވެ. މިއާއެކު ރައްޔިތުންގެ ތިބީ ފޮނި އުންމީދެއްގަ އެވެ. ދެން ފެނުނީ މި އުޅަނދު ޗައިނާގައި ބަންނަން ފެށިތަނެވެ. އަދި އުޅަނދު ނިމި، ފެނަށް ބޭލި އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މި އުޅަނދު ރާއްޖެއާ ހަމައަކަށްނާދެ އެވެ. ސުވާލަކީ މި އުޅަނދު ރާއްޖެ ނުގެނެވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

"މަހާ ޖައްރާފު ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން. ދޮޅު މަހުގެ ތެރޭގައި އުޅަނދު ގެނެވޭނެ،" އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވި އެވެ.

އެމްޓީސީސީ މި އުޅަނދަށް ދިން ނަމަކީ "މަހާ ޖައްރާފު" އެވެ. ނަން ވަރު ގަދަ އެވެ. ހޮލެންޑުގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ "ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑު" ގައި ބަނދެފައިވާ މި އުޅަނދަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މިއުޅަނދު ވަނީ ބަނދެ ބާލާފަ އެވެ.

އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ އެވެ. މިއީ ބިން ހިއްކުމަށް ބޭނުން ކުރާ އެންމެ ޒަމާނީ އުޅަދަށް ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނީގެ ސީއީއޯ ޒިޔަތު ވިދާޅުވެފައިވާ ގޮތުގައި މި އުޅަނދު ރާއްޖެ ގެނައުމުން ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް ކުރެވޭނެވެ.

އޭގެ ފަހުން ދެން އެމްޓީސީސީ އިން ބުނެފައިވަނީ މި އުޅަނދު މި އަހަރުގެ އެޕްރީލް މަހު ރާއްޖެ ގެންނާނެ ކަމަށެވެ. ނަމަވެސް މަހާ ޖައްރާފު އަދި އަދަށްދާންދެން ވެސް ރާއްޖެ ގެނެވޭ ގޮތެއް ނުވެ އެވެ. އަދި މި މި އަހަރުގެ އެފްރީލް 11 ވަނަ ދުވަހު ޒިޔަތު "އަވަސް" އަށް ވިދާޅުވެފައިވާ ގޮތުގައި ޑްރެޖަރު ބާލައި ޓެސްޓްތައް ކުރަމުންދާ ކަމަށާއި އެޕްރީލް މަހުގައި ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކޮންސެލްޓެންޓުގެ ބަހަކަށް މިބަލަނީ. އެ އަށް ފަހު ގެނައުމުގެ މަސައްކަތް ފެށޭނެ،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންސަލްޓަންޓެންޓުންގެ ލަފާ ލިބުނުހާ އަވަހަކަށް، ޖައްރާފު ގެނައުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އަހަރު ނިމެންދާއިރު ވެސް އެމްޓީސީސީގެ ކޮންނަ ބޯޓު ރާއްޖެއާ ހަމައަށް ގެނެވިފައެއް ނުވެ އެވެ. ދެން މިއޮތީ މި ޖައްރާފާއަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަ ތަކެވެ. މިހާރު އަޑުތައް ފެތުރޭ ގޮތުގައި މި އުޅަނދަށް ދައްކަން ޖެހޭ ފައިސާގެ ބައެއް އެމްޓީސީސީއަށް އުޅެނީ ނުދެއްކެ ކުންފުނި ތާށި ވެގެން އެވެ.

ނަމަވެސް، އެމްޓީސީސީގެ އެމްޑީ ޒިޔަތު އަނެއްކާ ވެސް މިވަނީ "މުޅިންއާ ވާހަކަ އެއް" ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަހާ ޖައްރާފު ލަސްވަނީ ޗައިނާގެ ބައެއް ގަވާއިދު ތަކަށް ގެނައި ބަދަލު ތަކަކުން ކަމަށެވެ. އަދި ފައިސާގެ މައްސަލައެއް އެކަމުގައި ނުޖެހޭ ކަމަށެވެ.

"ޗައިނާގެ ބައެއް ގަވައިދުތަކަށް ގެނެސްފައިވާ ބަދަލުތަކުން މިހާރު ލަސްވެގެން އުޅެނީ. ނަމަވެސް މި ބަލަނީ ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި މަހާ ޖައްރާފު ރާއްޖެ ގެނެވޭތޯ!" ޒިޔަތު ވިދާޅުވި އެވެ.

ރާއްޖޭގެ ފަޅުތައް ހިއްކައި ނިންމަނީ އެވެ. މިހާރުގެ ސުވާލަކީ މި މަހާ ޖައްރާފު ރާއްޖެ ގެނެވޭނެ ބާ އެވެ؟ ނުވަތަ ގެނެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ ހަމަ ގައިމުވެސް މިއީ އެމްޓީސީސީގެ ހިއްސާދާރުންވެސް އުފައްދާނެ ސުވާލަކަށްވާނެ އެވެ. މިހާރު ވެސް އެ އުޅަނދަށް ބޮޑު ހަރަދެއް ވެސް އެ ކުންފުންޏަށް ކުރެވިއްޖެ އެވެ.