ހަބަރު

އަދީބަށް އިތުރު ދައުވާއެއް، ޝަރީއަތް މާދަމާ ފަށަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުރު ދެ ދައުވާއެއްކޮށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. އެ މައްސަލަ ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

މި ދެ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ. އަދީބަށް ކޮށްފައިވާ ދެ ދައުވާއަކީ ވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އެވެ.

އަދީބުގެ އާ ދެ ދައުވާއެއް ޕީޖީ އޮފީހުން ކޯޓަށް ފޮނުވާފައިވާއިރު އެ ދެ ދައުވާއަކީ ވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން އަދީބަށް ކޮށްފައިވާ ދެ ދައުވާ އެވެ.

މީގެކުރިން ވެސް ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ނުވަ ދައުވާއެއް އަދީބަށް ކުރި އެވެ. އެ ދައުވާތައް ކުރިމިނަލް ކޯޓަށް ފޮނުވާފަިއވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އެ ދައުވާތަކުގެ ޝަރީއަތް ވެސް މި މަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ޝަރީއަތް ކުރިއަށް ގެންދިޔައީ އަށް ދައުވާއެއްގެ އެވެ.

އަދީބުގެ މައްޗަށް އާ ދައުވާތަކެއް އުފުލާފައިވާއިރު، މިހާރު ވެސް އަދީބު ގެންދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އާ ދައުވާ ތައް ސާބިތުވެއްޖެނަމަ 25 އަހަރަށްވުރެ ބޮޑު ޖަލު ހުކުމެއް އަދީބަށް އަންނާނެ ކަމަށް ބެލެވެ އެވެ.