ވިޔަފާރި

ކްރެޑިޓް ގެރެންޓީ ސްކީމުން 24 މިލިއަން ރުފިޔާ ދޫކޮށްފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ރަހުނަކާ ނުލައި ލޯނު ލިބޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމްކުރި ސްކީމުން 24 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުމްތާޒު ވިދާޅުވީ މި ސްކީމުން މިހާތަނަށް 43 ފަރާތަކަށް 24 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އެމްއެމްއޭގައި ގާއިމްކޮށްފައިވާ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ކްރެޑިޓް ގެރެންޓީ ސްކީމް ދިނުމުގައި އިސްކަން ދޭނީ ޓޫރިޒަމްއާ، މަސްވެރިކަމާ، ދަންޑުވެރިކަމުގެ އިތުރުން ކޮންސްޓަކްޝަން އަދި ދަތުރު ފަތުރުގެ ހިދުމަތްދޭ ވިޔަފާރިތަކަށް އިސްކަމެއް ދޭނެ އެވެ. މި ސްކީމުގެ ދަށުން 100،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރެ އެވެ.

ކްރެޑިޓް ގެރެންޓީ ސްކީމް ފުރަތަމަ ގާއިމްކުރީ 50 މިލިއަން ރުފިޔާއިންނެވެ. ނަމަވެސް މިހާރު މި ފަންޑު ވަނީ 100 މިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ.