ހަބަރު

އިދިކޮޅު 12 މެންބަރުންގެ މައްސަލަ އެއް ޝަރީއަތެއްގައި ހިންގަނީ

  • 12 މެންބަރުންނަށް ވަނީ ލިޔުން ހަވާލުކޮށްފަ
  • ޝަރީއަތް ވަރަށް އަވަހަށް ފަށާނެ
  • މެންބަރުން ވިދާޅުވަނީ ފަހަތަށް ނުޖެހޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ ފުލުހުންގެ ސަފުތައް ފަޅާލާފަ ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ 12 މެންބަރުންގެ މައްސަލަ އެއް ގަޒިއްޔާގެ ދަށުން އެއް ޝަރީއަތެއްގައި ހިންގަން ނިންމާފައިވާކަން މެންބަރުންނަށް އަންގައިފި އެވެ.

މިއަދު ވަނީ މި މައްސަލާގެ ޝަރީއަތް ފެށުމަށް 12 މެންބަރަކަށް ލިޔުން ހަވާލުކޮށްފަ އެވެ. ލިޔުންތައް މިއަދު ހަވާލުކޮށްފައިވާއިރު ދުވަސްކޮޅެއްގެ ތެރޭގައި ޝަރީއަތް ފެށޭނެ އެވެ. ނަމަވެސް ޝަރީއަތް ފެށުމަށް ހަމަޖެހިފައިވާ ދުވަހެއް އަދި ސާފެއް ނުވެ އެވެ.

ބާރަ މެންބަރުންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ، ގާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސް އެޅި ކަމުގެ ދައުވާ އެވެ.

ދައުވާ އުފުލާފައިވާ މެންބަރުން

* ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)
* ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
* ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
* މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް
* ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
* ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
* ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)
* ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު
* މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
* ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)
* ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
* ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު

ލިޔުމާ ހަވާލުވުމަށްފަހު ކުރިމިނަލް ކޯޓުން ބޭރަށް ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ، މިހާ ގިނަ މެންބަރުންގެ މައްޗަށް ދައުވާކޮށް އެއް ފަހަރާ ޝަރީއަތް ކުރިއަށް ގެންދާ މިއީ ތާރީހުގައި ވެސް ފުރަތަމަ ފަހަރު ކަމަށާއި ކިތަންމެ ގިނަ މެންބަރުންގެ މައްޗަށް ދައުވާކުރި ނަމަވެސް އެ ބޭފުޅުންގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، އެ މެންބަރުންގެ މައްސަލަ ތަހުގީގުކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ މެންބަރުންގެ މައްޗަށް ދައުވާކުރުމުން އެނގިގެން ދަނީ ޕީޖީގެ ހަމަހަމަ ކަމެއް ނެތްކަން ކަމަށެވެ. އަދި ޕީޖީއަށް ސަރުކާރުގެ ނުފޫޒު އޮތްވަރު ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތްވަރަކަށް ބަދަލެއް ނާދޭ، އަޅުގަނޑުމެން މިކަމާ ކުރިމަތިލާނަން، މަޖިލީހަށް އެ ދުވަހު ވަނުމުގައި އަޅުގަނޑުމެން ގާނޫނު އަސާސީ އާއި ގާނޫނަކާއި އަމުރަކާ ހިލާފުވެފައެއް ނޯންނާނެ، އެހެންވީމަ ރައްޔިތުންގެ މަޖިލީހަށް އެ ދުވަހު ދިޔަ ދިޔުމާ ގުޅިގެން އަޅުގަނޑުމެން އެއްވެސް މީހެއްގެ މައްޗަށް ހުކުމެއް އަންނަންޖެހޭ ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މި މައްސަލަ ކުރިއަށް ގެންދަނީ ހަމައެއް އޮވެގެން އުސޫލުތަކާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ބާރަ މެންބަރުންގެ މައްސަލަ އެއް ގަޒިއްޔާގެ ދަށުން ކުރިއަށް ގެންދަނީ މައްސަލަ ފަޓާސްބަރިއެއްހެން ނިންމާލަން ކަމަށެވެ.

"އެއް ގަޒިއްޔާގެ ދަށުން ބާރަ މެންބަރުންގެ މައްޗަށް ޝަރީއަތް ކުރާނެ ގޮތެއް ނެތް، އެބަހުރި އެކި މެންބަރުންގެ ތެރޭގައި މެންބަރުންގެ ހެކި ތަފާތުކޮށް، އެހެންވީމަ އެއް ގަޒިއްޔާއެއްގެ ދަށުން މައްސަލަ އުފުލުން ވެސް އެއީ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ކުރެވިފައި އޮތް ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" އިބޫ ވިދާޅުވި އެވެ.

މި 12 މެންބަރުންގެ އިތުރުންރައްޔިތުންގެ މަޖިލީހުގައި ސިފައިންނާމެދު މާރާމާރީ ހިންގި ކަމަށް ބުނެ ވެސް ބައެއް މެންބަރުންގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ. އެގޮތުން އެ މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.