ވިޔަފާރި

ރާޅު ބިސް ހޮވަން ފަށާ، ޔޫރަޕަށް ދާން ކުޅެންވީ މި ގޭމް

ޔޫރަޕް ދަތުރެއް އަޅާލަން ބޭނުން ހެއްޔެވެ؟ އަވަހަށް "ކަލޯ" ހޯދާށެވެ. "ކަލޯ" ދައްކާ ރާޅު ބިސް ހޮވަން ފަށާފަ އެވެ.

މިއީ މިރޭ ދިރާގުން ހުޅުވާލި ވަރަށް ސަޅި ފުރުސަތެކެވެ. ގޭމެކެވެ. ދިރާގުން މިރޭ ވަނީ ރާއްޖޭގެ ފުރަތަމަ އޭއާރް މޮބައިލް ގޭމް ލޯންޗުކޮށްފަ އެވެ. މިއީ ދިވެއްސަކު ހަދާފައިވާ ވަރަށް މަޖާ ގޭމެކެވެ. ނަމަކީ "އާރްބީ ކްއެސްޓް" އެވެ.

މި ގޭމްގައި ޖެހެނީ ރާޅު ބިސް ހޮވާށެވެ. އެކި ތަންތަނުން ރާޅު ބިސް ހޮވޭނެ އެވެ. ގޭމް އެޅުމަށްފަހު ރަޖިސްޓްރީވެލުމުން ގޭމް ކުޅެވޭނެ އެވެ. މީގައި އެންމެ މޮޅުވާ މީހަކީ އެންމެ ގިނައިން ރާޅު ބިސް ހޮވޭ މީހާ އެވެ.

މި ގޭމް ކުޅެންވެން ފެށޭނީ މިރޭ 12:00 ން ފެށިގެންނެވެ. އޭގެފަހުން ފަސް ދުވަސް ވަންދެން ގޭމްގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްދާނެ އެވެ. އެ ފަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ރާޅު ބިސް ހޮވާ ފަރާތަކަށް ޔޫރަޕް ދަތުރެއް ލިބޭނެ އެވެ. ދެ މީހަކަށް ޓިކެޓް ލިބޭ މި ދަތުރަކީ އަށް ދުވަހުގެ ހަތަރު ޔޫރަޕް ގައުމަކަށް ދެވޭ ދަތުރެކެވެ. ރާޅު ބިސް އެންމެ ގިނައިން ހޮވާ މީހުން ލީޑަ ބޯޑުން ފެންނަން ހުންނާނެ އެވެ.

ފަސް ދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ރާޅު ބިސް ހޮވާ މީހަކަށް ޑިޖިޓަލް ޕެކެއް ލިބޭނެ އެވެ. އަދި ތިންވަނައަށް އެންމެ ގިނަ ރާޅު ބިސް ހޮވާ ފަރާތަކަށް ޝެރަތަން ރިސޯޓް ދަތުރެއް ލިބޭނެ އެވެ. އެއީ ތިން ދުވަހުގެ ދަތުރެކެވެ.

ދިރާގުން އަބަދުވެސް ޓްވިޓާގައި ބޯނަސް ރާޅު ބިސް ހުންނާނެ ތަންތަން ވެސް އިއުލާން ކުރަމުންދާނެ އެވެ. މާދަމާ ހަވީރު ރަސްރަނި ބަގީޗާގައި ބޯނަސް ރާޅު ބިސް ހުންނާނެކަން ދިރާގުން ވަނީ އިއުލާންކޮށްފަ އެވެ. ބޯނަސް ރާޅު ބިސް ހޮވައިގެން ސްކޯ އަވަހަށް އިތުރު ކުރެވޭނެ އެވެ.

ކޮންމެ ދުވަހަކު އެންމެ ގިނައިން ރާޅު ބިސް ހޮވާ ފަރާތަށް ވެސް ވަނީ އިނާމެއް ކަނޑައަޅާފަ އެވެ. ފަސް ދުވަހު ކޮންމެ ދުވަހެއްގައި ވެސް އެންމެ ގިނައިން ރާޅު ބިސް ހޮވާ މީހާއަށް އެޕަލް ވޮޗެއް ލިބޭނެ އެވެ. އެޕް ސްޓޯ އަދި ޕްލޭ ސްޓޯއިން ވެސް މި ގޭމް އެޕް ލިބޭނެ އެވެ. ޑައުންލޯޑްކުރުމަށްފަހު ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. މި ގޭމް ދިރާގުގެ ކަސްޓަމަރުންނަށް ނޫނަސް ކުޅެވޭނެ އެވެ.

މިރޭ ގޭމް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ނޫސްވެރިންނާއި ޓްވިޓާގައި ފޯރި ނަގާ ޒުވާނުންގެ މެދުގައި މި ގޭމް ވަނީ ކުޅިފަ އެވެ. އަދި އެންމެ ގިނައިން ރާޅު ބިސް ހޮވި މީހާއަށް ވަނީ ޕީއެސް4 ޕްރޯއެއް ހަދިޔާ ކޮށްފަ އެވެ.