ރަޝިއާ އަންހެނެއް ކަމަށްވާ އެންޖެލީނާ ޕްރުތޯވާ ރާއްޖޭގައި ހައްޔަރުކޮށްފައި ހުރިކަން އެނގުނީ އޭނާގެ ހަބަރެއް ނުވެގެން އާއިލާ އިން އޭނާ ހޯދަން ކުރި މަސައްކަތުންނެވެ. ސްޓައިލިސްޓެއް ކަމަށްވާ، އުމުރުން 25 އަހަރުގެ އެންޖެލީނާ ޖެނުއަރީ 27، 2014 ގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އޭނާގެ ދަބަހުގައި ޑަބަލްކޮށް އަޅާފައިވާ ފުލުގެ ދަށުން 2.2 ކިލޯގެ ކޮކެއިން ފެނިގެންނެވެ. އެންޖެލީނާގެ މައްޗަށް ދައުވާކޮށް އެކަމަކުު، ރަޝިއާ ބަހުގެ ތަރުޖަމާނަކު ނުލިބިގެން ޝަރީއަތް ކުރިއަށް ނުގެންދެވިގެން އުޅެނިކޮށް މިދިޔަ އަހަރުގެ އޯގަސްޓް މަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުންގެ ބަންދުގައި ހަތް މަސް ދުވަހު ހުރުމަށް ފަހު އަމިއްލަ ގައުމަށް ދެވޭ ގޮތް އެންޖެލީނާ އަށް މެދުވެރިވީ ނަސީބަކުންނެވެ. އެކަަމަކު ރާއްޖޭގައި ހައްޔަރުވާން ޖެހުނީ ގަމާރުވުމުން ކަމަށް އެންޖެލީނާ ވަނީ ރަޝިއާ ނޫހަކަށް ބުނެފަ އެވެ. އޭނާ ބުނަނީ ލަނޑު ލިބުނީ ހަގީގަތް ނޭނގި މީހެއް ދެކެ ލޯބިވެވި އެ މީހާ އަށް އިތުބާރު ކުރެވުމުން ކަމަށެވެ.
އެންޖެލީނާ ބުނަނީ އޭނާ އަށް ލަނޑު ދިނީ ސޯޝަލް ނެޓްވޯކަކުން ދިމާވި ނައިޖީރިއާ މީހެއް ކަމަށްވާ ލެންޒް ކޮލިންސް ކަމަށެވެ. އެއީ ތައިލެންޑުގައި އުޅޭ މީހެކެވެ. އެންޖެލީނާ ވެސް 2012 ވަނަ އަހަރު ތައިލެންޑުގެ ޕުކެޓަށް ގޮސް އުޅެމުން ދިޔައީ ސްޓައިލިސްޓެއްގެ ވަޒީފާގަ އެވެ. އެންޖެލީނާ ބުނެފައިވާ ގޮތުން ނަމަ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހު ލެންޒްއާ ދިމާވެ ދެ މީހުން ފޯނު ނަންބަރު ބަދަލުކޮށް އެކަކު އަނެކަކަށް ގުޅާ ބައްދަލުކޮށް އުޅޭތާ ދުވަސްތަކެއް ފަހުން ލޯބިވެވުނީ އެވެ.
"ޖުމްލަކޮށް ބުނާ ނަމަ އަހަރެން އޭނާއާ ހެދި މޮޔަވީ،" އެންޖެލީނާ އެ ގުޅުން ސިފަކުރަނީ މިހެންނެވެ.
ލެންޒްގެ ހުރިހާ ވަގުތެއް އެންޖެލީނާ އަށް ހުސްކޮށް، އެންޖެލީނާ ކައިގެން ހުރިތޯ ވެސް ކޮންމެ ވަގުތަކު ބަލަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. ހަދިޔާ ފޮނުވުމާއި ލޯބި ބަސްތަކުން ހިތް ފުރާލަދިނުމަކީ ލެންޒަށް ހިތް ބަންޑުންވި ބައެއް ސަބަބުތައް ކަމަށް ބުންޏެވެ.
ކުރިން ހަފުތާ ބަންދުގައި ދިމާވަމުން ދިއުމަށް ފަހު ލެންޒްގެ އެދުމަށް އެންޖެލީނާ ބެންކޮކަށް ބަދަލުވީ ދެ މީހުން އެކުގައި އުޅެން ބޭނުންވެގެން ލެންޒްގެ އެދުމުގެ މަތިންނެވެ. ޑީޖޭއެއްގެ ގޮތުގައި އުޅެމުން ގަހަނާ ދެ ފިހާރައެއް ވެސް ހިންގާ ލެންޒް އެގޮތަށް ބޭނުންވީ ހަފުތާއަކު އެއްފަހަރު ދިމާވެގެން ހިތްހަމަޖެހޭ ވަރަށް ވުރެ މާބޮޑަށް ލޯބިވާ ކަމަށް ބުނެފަ އެވެ.
އެންޖެލީނާ ރައްޓެހިވެގެން އުޅެނީ ނައިޖީރިއާ މީހަކާކަން އެނގުމުން އެންޖެލީނާގެ އާއިލާ އިން ވަނީ ސަމާލު ވުމަށް އިންޒާރު ދީފަ އެވެ. އެއީ ވަރަށް ލަނޑުދޭ ބައެއް ކަމަށް ބުނުމުން އެންޖެލީނާގެ ރައްދަކަށްވީ "ތިއީ ރޭސިސްޓް ވަނީ" އޭ އެވެ. އަނެއްކޮޅުން އެންޖެލީނާ ދިޔައީ ނައިޖީރިއާގައި ތިބި ލެންޒްގެ އާއިލާގެ މެންބަރުންނާ ސްކައިޕުންނާއި އެހެން ގޮތްގޮތުން ވެސް ވާހަކަ ދައްކައި ގުޅުން ބަދަހިކުރަމުންނެވެ. ފެންނަމުން ދިޔައީ ލެންޒާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅޭ ހުވަފެނެވެ. އެކަަަމަކު އެ ހިސާބަށް ދިޔައިރު ވެސް އެންގޭޖްމަންޓް އަނގޮޓި އިނގިއްޔަށް މަހާނުލާކަން ރެޔަކާލީ ރާއްޖޭގައި ހައްޔަރުވުމުންނެވެ.
އެންޖެލީނާ ބުނެފައި ވަނީ އޭނާ ރާއްޖެ އައުމަށް ކުރިން ހަމަޖެހިފައި ނެތް ކަމަށެވެ. އެކަމަކު 2014 ވަަނަ އަހަރުގެ ފެބްރުއަރީ އަށް ޕުކެޓްގައި ޗުއްޓީ ހޭދަކޮށްލަން ދާން ނިންމައިގެން ތިބުމަށް ފަހު ކުއްލިއަކަށް އަނެއްކާވެސް އެދުނީ ބްރެޒިލަށް ގޮސްދިނުމަށެވެ. ކުރިން ފަހަރު ދިޔަ ގޮތަށް، ލެންޒް ހަމަޖައްސައިދިން ދަތުރުގައި ބްރެޒިލަށް ގޮސް އެނބުރި ތައިލެންޑަށް ފުރަން އުޅެނިކޮށް ލެންޒް އެންގީ ރާއްޖެ އަށް ދިއުމަށެވެ. އެންޖެލީނާ ބުނާ ގޮތުން ފަހުން އެނގިފައި ވަނީ އެއީ އޭނާ އަށް ބްރެޒިލުން ޝައްކު ކުރުމުން އޮޅުވާލަން ކުރި ކަމެކެވެ. ލެންޒް ބޭނުންވީ އެންޖެލީނާ އޭޝިއާގެ ގައުމަކުން ތައިލެންޑަށް އެތެރެވުމަށެވެ. އެއީ ކީއްވެތޯ އޭރު ސުވާލު ކުރުމުން ލެންޒްގެ ޖަވާބަކީ އެގޮތް އެންޖެލީނާ އަށް މާ ރަނގަޅުވާނެ ކަމަށެވެ. ޝަކުވާ ކުރުމުުން އެކި ޖޯކުތައް ކިޔައި ހެއްވާ ހަދަމުން ލެންޒް ބުނި ކަމަށް ވަނީ ރާއްޖެ އަކީ ވަރަށް ރީތި ތަނެއް ކަމަށާއި އެތަން ބަލާލަފައި އައުން މާ ރަނގަޅު ވާނެ ކަމަށެވެ. އެހެންވެ އެންޖެލީނާ އެ މަގު ހިޔާރުކުރީ އެވެ.
އެންޖެލީނާ ހައްޔަރުކޮށްފައި ހުންނަތާ ދުވަސްތަކެއް ފަހުން، ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ވެލެރީ ސެލެޒްނޯވްގެ ފިރިހެން ދަރިއެއް ކަމަށްވާ ރޯމަން ވެލެރެވިކް ހައްޔަރުކުރި އެވެ. އެމެރިކާގެ އެތައް ބައެއްގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގައިގެން ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތަށް އޭނާ ހައްޔަރުކުރީ އެމެރިކާގެ ސީކްރެޓް ސާވިސްގެ މެންބަރުން ރާއްޖެ އަށް އައިސް އެއާޕޯޓުންނެވެ. މި މައްސަލާގައި ރަޝިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ގޯސްވެ އިންޒާރުގެ ބަހުރުވައިން ވާހަކަ ދައްކަން ފެށި އެވެ. އެންޖެލީނާ ބުނީ މިކަން މިހެން ދިމާވުމަކީ އޭނާ އަށް ލިބުނު ނަސީބު ކަމަށް ރަޝިޔާ ކޮންސަލް އިން ބުނި ކަމަށެވެ. ނުފޫޒުގަދަ ރަޝިއާ މީހެއްގެ ދަރިއަކު ހައްޔަރުކުރި މައްސަލާގައި އުފެދުނު ހިލާފްތަކާ އެކު ރާއްޖެ އިން ނިންމީ އެންޖެލީނާ ދޫކޮށްލާށެވެ.
"މިނިވަންކުރާކަން އޯގަސްޓް 17 ގައި އެނގިއްޖެ. އެކަމަކު ޑީޕޯޓްކުރުމާ ލިޔުންތަކުގައި 14 ވަނަ ދުވަހު ވަނީ ސޮއިކޮށްފައި. އަހަރެން މިނިވަންވާ ކަމެއް އާއިލާ އަކަށް ވެސް ނޭނގެ. އެކަމަކު ރާއްޖެއިން ފުރުވާލަންދެން ވެސް ބަހައްޓާފައި ހުރީ ހަމަ ފުރަތަމަ ވެސް ހައްޔަރުކުރި ތަނުގައި،" އޯގަސްޓް 27 ގައި އަމިއްލަ ގައުމަށް ދިޔަ އެންޖެލީނާ ބުންޏެވެ.
އެންޖެލީނާ ބުނީ އޭނާ އެ މީހަކާ ހެދި މޮޔަވި ލެންޒް އަދިވެސް އުޅެމުން ދަނީ މިނިވަންކަމާ އެކުގައި އުފަލުން ކަމަށެވެ.