ވިޔަފާރި

ދިރާގުގެ "މަމެން": ބޭނުން މޮބައިލް ޕްލޭނެއް ހެދޭނެ

ދިރާގުން ލޯންޗުކުރުމަށް ހަމަޖެހިފައިވާ "މަމެން" އެޕްގެ ކުޑަ ތައާރަފެއް ދީފި އެވެ. މި އެޕަކީ ދިރާގުން އަންނަ މަހު ވަރަށް ކުލަގަދަ ގޮތެއްގައި ތައާރަފްކުރުމަށް ވިސްނަމުންދާ އެޕެކެވެ.

ދިރާގުން ބުނީ، "މަމެން"އަކީ ފޯނު ބޭނުންކުރާ ގޮތް މުޅިން ބަދަލުކޮށްލާނެ އެޕެއް ކަމަށެވެ. މި އެޕަކީ މޮބައިލް ޕްލޭން ކޮންޓްރޯލްކޮށްލެވޭނެ އެޕެއް ކަމަށެވެ.

"މަމެން" ބޭނުންކޮށްގެން އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، ޓެކްސް ހަމަޖެއްސޭނެ އެވެ. މަދުން ޑޭޓާ ބޭނުންވާ މީހުންނަށް އެކަން އަމިއްލައަށް ކުރެވޭނެ އެވެ. އެމީހަކު ބޭނުންވާ ގޮތަށް މޮބައިލް ޕްލޭން އެމީހަކަށް އަމިއްލަަށް "މަމެން" ބޭނުންކޮށްގެން ހެދޭނެ އެވެ. އެކި މަހު އެކި ޕްލޭންތައް ވެސް ހަދާލެވޭނެ އެވެ.

އަދި އެޕް ބޭނުންކޮށްގެން ޑޭޓާ، ވޮއިސް އަދި ޓެކްސް ބޭނުންކުރަމުންދާ ގޮތާއި ބޭނުން ކުރެވޭ މިންވަރާއި ބާކީ ހުރި މިންވަރު ވަގުތުން ވަގުތަށް ފެންނަމުންދާނެ އެވެ.

މިހާރު އޮންނަ އެންމެ ބޮޑު ޝަކުވާއަށް މީގެ ސަބަބުން ނިމުން އަންނާނެ އެވެ. ޑޭޓާ ހުސްވެގެންދާ ގޮތް ނޭނގުމެވެ. "މަމެން"އިން ޑޭޓާ ބޭނުން ކުރެވެމުންދާ ގޮތް ވަގުތުން ވަގުތަށް ފެންނަން ހުންނާނެ އެވެ.