ރިޕޯޓް

ޝަހީރު: އެސްޓީއޯގެ ޒަމާނީ "ސިކުނޑި"

Apr 20, 2015
2

އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ކުރީގެ ޓްރޭޑް މިނިސްޓްރީގަ އެވެ. ޒުވާން އުމުރުގަ އެވެ. އޭރު އުމުރަކީ އެންމެ 19 އަހަރެވެ. ކޮނޑުގައި ގިނަ މަސްއޫލިއްޔަތުތަކެއް އަޅައިގެންނެވެ. ޓްރޭޑް މިނިސްޓްރީގައި މަސައްކަތް ކުރެއްވީ ބޭރުގެ ވިޔަފާރިތައް ބެލެހެއްޓުމަށެވެ. ފޮރިން އިންވެސްޓްމަންޓުގެ ބައިގަ އެވެ. މި ތަޖުރިބާއާ އެކު އޭނާ އެސްޓީއޯއާ ގުޅިވަޑައި ގަތެވެ. އެއަށް ފަހު އެ ކުންފުނީގެ ގިނަ މަގާމުތަކެއް ފުރުއްވި އެވެ. އެސްޓީއޯ އަށް އާ ވިޔަފާރިތައް ގެނެސްދިނެވެ. އެއީ އެސްޓީއޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އޭނާ ފާހަގަ ކުރެވެނީ ޒަމާނީ އެސްޓީއޯގެ "ސިކުނޑީ" ގެ ގޮތުގަ އެވެ.

"ކުރީގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީގައި މަސައްކަތް ކުރި އިރު ބެލެހެއްޓީ ފޮރިން އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުމުގެ މަސައްކަތް. އޭރު ބެލެހެއްޓިގެން ރާއްޖޭން ތެޔޮ ހޯދުމަށް، ޝެލް ކުންފުނިން ހިންގި މަޝްރޫއުގެ މަސައްކަތް ވެސް. އެގޮތަށް އުޅެނިކޮށް ލިބުނު ސްކޮލާޝިޕެއްގައި ފަސްޓް ޑިގްރީ ހަދައިގެން އައިސް އެސްޓީއޯއާ ފުރަތަމަ ގުޅުނީ،" އެސްޓީއޯ ގުޅުނު ގޮތް ޝަހީރު ވިދާޅުވި އެވެ.

އެއީ 1994 ވަނަ އަހަރު އެވެ. އޭރު އެސްޓީއޯގެ ޗެއާމަނަކީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އެވެ. އަދި މެނޭޖިން ޑިރެކްޓަރަކީ ޕެންޝަން އޮފީހުގެ މިހާރުގެ ސީއީއޯ މުހައްމަދު މަނިކެވެ.

އެސްޓީއޯގެ ގިނަ މަގާމު ތަކެއް ޝަހީރު ފުރުއްވާފައިވެ އެވެ. އެސްޓީއޯ އަށް ގުޅިވަޑައިގަތީ ވެސް މެނޭޖަރެއްގެ ގޮތުގަ އެވެ. އެސްޓީއޯގެ ރިޕެއާ އެންޑް މެއިންޓަނަންސް ޑިޕާޓްމަންޓުގައި ވެސް އޭނާގެ ހިދުމަތް ފާހަގަ ކުރެވެ އެވެ. ސޭލް ޑިޕާޓްމަންޓުގައި ވެސް އުޅުއްވި އެވެ. އައިޓީ ޑިޕާޓްމަންޓުން ވެސް އޭނާގެ މަސައްކަތް ފެނެ އެވެ. އަދި ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ މަގާމުތައް ވެސް ފުރުއްވި އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރިއިރު ޝަހީރު ހުންނެވީ ބިޒްނަސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.

ޝަހީރު ވިދާޅުވީ އެސްޓީއޯއާ ގުޅިވަޑައިގެންނެވިއިރު، އެ ކުންފުނި އޮތީ ވަރަށް "ދަށުގައި" ކަމަށެވެ.

"އެސްޓީއޯ އަށް ދިމާވި އެކި ސަބަބުތަކާ ހުރެ ކުންފުނީގެ ޓާގެޓު ގެއްލިފަ. މަގުސަދު އޮތީ އޮޅިފަ. ކުންފުނި ދާންވި މިސްރާބެއް ނޭނގޭ. ވަރަށް ބޮޑަށް އޮތީ ދަރަނިވެފައި އޮތީ. ކުންފުނީގެ ގިނަ އިމާރާތްތައް ވެސް ހުރީ ބާވެފައި. އޭރު ހަނދާން ހުރޭ އޭސީ ހުޅުވާލަން އުނދަގޫވާ ވަރަށް ފޮރިން ކަރަންސީ ސްޓޭޓަސް ދަށްކަން. އެކަމަކު އޭރުގެ ޗެއާމަން (ރައީސް ޔާމީން) އިންވޯލް ވެގެން ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވުނު. އެސްޓީއޯގެ އައުޓްލެޓްތަކާ އެއްޗިހި ރީ-ބްރޭންޑް ވެގެން ދިޔަ. ވަރަށް ކްލިއަ ޓާގެޓުތަކެއް ލިބިގެން ދިޔަ. ކުންފުނި ވަރަށް ރަނގަޅު ސްޓޭޖަކަށް ގެނެވުނު،" ޝަހީރު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ލިބެން ހުރި މޮޅު ލަފާޖު ސިމެންތި އާއި "އެމްއެސްބީ" ޓިނު އަދި "މޯލްޑިވް ގޭސް" އެސްޓީއޯ އަށް ތައާރަފު ކުރިއިރު ކުންފުނީގެ ވިޔަފާރި ކުރިއަށް ކޮއްޕުމުގައި ހުންނެވީ ޝަހީރެވެ. މި މަސައްކަތް ދިޔައީ ސީދާ އޭނާގެ ބެލުމުގެ ދަށުންނެވެ. ޝަހީރުގެ ޒުވާން ވިސްނުމުގަ އެވެ.

ޝަހީރު ވިދާޅުވީ އޭނާ އަށް ހަވާލު ކުރެވުނު "ޓާގެޓަކީ" އިމްޕޯޓު މަދުކުރުމަށް މަސައްކަތްތަކެއް ކުރުން ކަމަށެވެ.

"މައިގަނޑު ޕްރޮޖެކްޓްތަކަށް އަޅުގަނޑާ ހަވާލު ކުރެވުނީ މިކޮޅުގައި އިމްޕޯޓު މަދުކޮށް. މިކޮޅުގައި ޑިވްލޮޕްކުރެވޭނީ ކޮން ކަހަލަ ޕްރޮޑަކްޓްތަކެއް ތޯ ބެލުން. ރިސާޗު ހެދުން. އެގޮތުން ފުރަތަމަ އައި ޕްރޮޖެކްޓަކީ ލަފާޖު ޕްރޮޖެކްޓް، ދެވަނަ ޕްރޮޖެކްޓަކީ މޯލްޑިވް ގޭސް. ދެން އޮތް ޕްރޮޑަކްޓަކީ އެމްއެސްބީ ޓިނު. އެއީ އަޅުގަނޑު ޕާސަނަލީ ހިންގި ޕްރޮޖެކްޓް ތަކެއް،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލަފާޖު ސިމެންތި ގެނެސް ރާއްޖޭގައި ބަންދު ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް އެސްޓީއޯގައި ތިބި "ބައެއް ބޭފުޅުން" ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އޭރު ފެއްޓިއިރު ބައެއް ބޭފުޅުން ވެސް ހީކުރި ބޭރުން ސިމެންތި ގެނެސް، ޕެކްކޮށްގެން ކިހިނެއްބާ އޭ ވިއްކާނީ...؟" ޝަހީރު ވިދާޅުވި އެވެ.

ނަމަވެސް، ޝަހީރު ވަނީ މި ތަޖުރިބާ ވެސް ކާމިޔާބުކޮށްފަ އެވެ. ސުވިޒަލޭންޑުގެ މޮޅު ލަފާޖު ސިމެންތި ރާއްޖެ ގެނެސް ބަންދު ކުރަން ފެށުމާ އެކު ސިމެންތީގެ އަގު ރާއްޖޭގެ ބާޒާރުގައި ވެއްޓުނެވެ.

"ލަފާޖު ބަންދު ކުރަން ފެށިއިރު އިންޑޮނީޝިޔާ ސިމެންތި ގެންނަ ދެތިން ޕާޓީއެއް އުޅުނު. އޭރު ސިމެންތި ކޮތަޅެއް އަގު ހުރީ 90-80ރ. ވަރަށް. އެއީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބޫމްވާން ފެށި ދުވަސްވަރު. ލަފާޖު ގެނައުމުން އިރާދަކުރެއްވިއްޔާ 50ރ. ވަރަށް ސިމެންތި ކޮތަޅެއްގެ އަގު ވެއްޓުނު. އަޅުގަނޑު ނުބުނަން އިންޓަނޭޝަނަލް މާކެޓުގައި އިން ބިޓްވީން ބަދަލުތަކެއް ނާދެ އެކޭ! އެކަމަކު ހަމަ ގައިމު ވެސް ސިމެންތީގެ ކޮލިޓީ ހިފެހެއްޓުނު. އަޅުގަނޑަށް ހީވަނީ މިއީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްހެން،" ޝަހީރު ވިދާޅުވި އެވެ.

"ކައްކާ ގޭސް އޭރު އޮތީ ބޭސިކް ނެސެސިޓީއަކަށް ވެފައި. ކައްކަން ދަރު ނުލިބިގެން އުޅުނީ. އޭރު ވިލާ ނޫން އެހެން ބަޔަކު ވެސް ގޭސް ގެނޭ. ބޭރުގައި ވެސެލްއެއް ބާއްވައިގެން ގޭސް ބަންދު ކުރަނީ. ނަމަވެސް ވެސެލްއަކީ ޑޮގަށް (އެހެލަން) ދާންޖެހޭ އެއްޗެއް. ބޯޓް ޑޮކަށް ދިޔާމަ ގޭހުގެ އަގު ބޮޑުވަނީ. އެހެންވެ ސަރުކާރުން ނިންމެވީ އެކަން (ގޭސް ބަންދު) ކުރަން،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވި ގޮތުގައި އެސްޓީއޯގެ ގިނަ މަގާމުތަކެއް ފުރުއްވުމުން، އެ ކުންފުނީގެ ހިންގުމާ ހަވާލުވެވިދާނެ ކަމުގެ ޔަގީންކަން އޮތެވެ.

"މިހާ ދުވަހު އުޅެވުނީމަ އުންމީދު ވެސް ކުރެވުނު (ކުންފުނީގެ އެމްޑީއަކަށް ވުމަށް) އަޅުގަނޑަކަށް އޮތް ޔަގީންކަން މި މަގާމު ލިބިއްޖެނަމަ ހިންގޭނެކަން. ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ ހުރި އެކްސްޕީރިއަންސާއި އެޑިއުކޭޝަން ބަލާފައި ހިންގޭނެ. އެހެންވެ އުންމީދު ކުރިން އެމްޑީ ގޮނޑީގައި އިށީނދެފަ އޭ މި ކެރިއަ ނިންމާލާނީ،" ބައިނަލްއަގުވާމީ ވިޔަފާރި އާއި މެނޭޖުމަންޓުގެ ދާއިރާ އިން އޮސްޓްރޭލިޔާގައި މަތީ ތައުލީމް ހާސިލް ކުރެއްވި، ޝަހީރު ވިދާޅުވި އެވެ.