ހަބަރު

ދަންވަރު ސުޕްރީމް ކޯޓަށް ވަޑައިގަތުމުން އަނިލަށް ފާޑުކިޔުންތައް!

ރޭ ދަންވަރުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަޑައިގަތް މަންޒަރު ފެންނަ ފޮޓޯއެއް އާންމުވުމާއެކު ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން އަނިލް ސުޕްރީމް ކޯޓު ތެރެއިން ނުކުމެވަޑައިގަންނަވާ މަންޒަރު ފެނެ އެވެ. އަނިލް ސުޕްރީމް ކޯޓު ތެރެއިން ނުކުމެވަޑައިގަންނަވާ ކާރުކޮޅުގައި އެތަނުން ވަޑައިގެންނެވީ ގާތްގަނޑަކަށް ރޭ 12:15 ހާއިރު ކަމަށް ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލި މީހުން ބުނެފައިވެ އެވެ.

މި ފޮޓޯތަކާ ގުޅިގެން އަނިލްގެ ބަހެއް ހޯދުމަށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

އަނިލް ސުޕްރީމް ކޯޓުން ދަންވަރު ނުކުމެވަޑައިގަންނަވާ ފޮޓޯތައް އާންމުވެފައިވާއިރު އަނިލްއަށް ފާޑުކިޔުންތައް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. ދަންވަރުގެ ވަގުތުގައި އަނިލަށް ސުޕްރީމް ކޯޓަށް ވަދެވިގެން ނުވާނެ ކަމަށް ދަނީ ބުނަމުންނެވެ.

އޭޖީ އަނިލް ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯތައް

މީގެ ކުރިން ވެސް ނުރަސްމީ ގަޑީގައި އަނިލް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ. މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހުގެ ރޭ ވެސް އަނިލް ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމުގެ އަޑުތައް ފެތުރުނެވެ.

އަނިލްގެ އިތުރުން އެ ރޭ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށް އަޑު ފެތުރުނެވެ. އެކަން މިހާތަނަށް އެ ދެ ބޭފުޅުން ދޮގު ކުރައްވާފައެއް ވެސް ނުވެ އެވެ.

އަނިލް ދަންވަރު ސުޕްރީމް ކޯޓަށް ވަދެވަޑައިގެންފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އިއްވުން ލަސްވެފައިވާތީ އެކަމާ އިދިކޮޅުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ވެސް ބައްދަލުކުރެވޭ ގޮތް ނުވެފައިވާ ދަނޑިވަޅެއްގަ އެވެ.