ރިޕޯޓް

އެކި ގައުމުގެތަކުގެ ކާނާ: ދިވެހިންނާ ދޯޅު!

ދިވެހިންގެ އަބަދު ވެސް ފޭވަރިޓަކީ އިންޑިޔަން ފުޑޭ ބުނެވިދާނެ އެވެ. ހާއްސަކޮށް އިންޑިޔާ ކެއުންތަކުގައި ހިމެނޭ ރިހައިގެ ބާވަތްކާއި ނާނު އަދި ފަރާޓާ އެވެ. މި ބާވަތްތައް ރަނގަޅަށް މޮޑެލައިގެން، އެއަށް ފާޑުފާޑުގެ އެއްޗިހި އަޅައި މީރު ކޮށްލައިގެން ކައިލުމަކީ އާދަ އެވެ. އެހެން ނޫނީ ބޭރު އެއްޗެއް ކެވޭ ކަމަށްވެސް ނުވާނެ އެވެ. ދުވަސްތައް ބަދަލުވެއް މިވަނީ މުޅިންއާ ކަންތައްތަކެއް ދިވެހިންގެ ކެއުމުގެ ވައްޓަފާޅިއަށް ލައްގާފަ އެވެ. ބަދަލާއެކު މިހާރު ކާންދާނެ ރެސްޓޯރެންޓުތައް ގިނަ ވެއްޖެ އެވެ. ހާއްސަކޮށް އެކި ގައުމުތަކުގެ ކެއުންތަކަށް ހާއްސަ ތަންތަން ގިނަ ވެއްޖެ އެވެ.

ރާއްޖޭގައި ގައުމުތަކުގެ ހާއްސަ ކާނާތައް ވިއްކާ ރެސްޓޯރެންޓުތައް މިހާރު އެބަހުއްޓެވެ. މި ބަދަލާއެކު ފެންނަ އެއް ކަމަކީ އިންޑިޔަން ފުޑަށް އޮތް "ޑިމާންޑަ"ށް ބަދަލު އައުމެވެ. ކުރިން އިންޑިޔާގެ ކައުންތަކަށް އޮތް ފޯރި ތަންކޮޅެއް ކުޑަވެ، ފަހަކަށް އައިސް ރާއްޖޭގައި އުފެދިގެން ގޮސްފައިވަނީ އަވަށްޓެރި ސްރީލަންކާގެ ކާނާގެ ބާވަތްތަކުގެ ފޯރިއެވެ.

ސްރީލަންކަން ފުޑް - ކޮއްތު ރޮށި

ސްރީލަންކާގައި މަގުބޫލު ބްރޭންޑުތަކުގެ ތަންތަން މިވަނީ ރާއްޖޭގައި ހުޅުވާފަ އެވެ. މިގޮތުން އެއް ތަނަކީ "ޕިލާވޫސް" އެވެ. ސްރީލަންކާގެ ކޮއްތު ރޮށީގެ ރަހަތައް ދިވެހިންނަށް ގެނެސްދިން މިތަނުގެ އިތުރުން ހުޅުވި އަނެއް ތަނަނީ "ކޮއްތު ހަޓެވެ." ސްރީލަންކާގެ ތަފާތު އެކި ކާނާތަކުގެ ރަހަތައް ގެނެސްދޭ މިތަން ހުޅުވުންވެސްވީ ދިވެހިންގެ ގިނަ ބަޔަކަށް ސްރީލަންކާގެ ކާނާތައް އިތުރަށް ލިބުނު ކަމަށެވެ.

އަވަށްޓެރި ގައުމުތަކުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓުތަކުގެ އިތުރުން ރާއްޖޭގައި ތައިލެންޑުގެ "ތައި- ފުޑް" ގެ މީރު ރަހަތައް ވެސް ވަނީ އިތުރުވެފަ އެވެ. މިގޮތުން މިފަހުން މަޝްހޫރުވި ބައެއް ތައި- ރެސްޓޯރެންޓުތަކުގެ ތެރޭގައި ބާން - ތައި އާއި ތައިވޮކް ފަދަ ތަންތަން ހިމެނެ އެވެ. މި ތަންތަން އައުން ވެގެން ދިޔައީ ތައި - ފުޑުގެ ތެރޭގައި ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ބާވަތް ކަމަށްވާ ތޮމްޔޮން ސޫޕެވެ.

ޗައިނީސް އަދި ޖަޕާނުގެ ކެއުންތައް

މި ހުރިހާ ގައުމުގެ ކާނާގެ ބާވަތްތަކުގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ޗައިނާގެ - ޗައިނީސް ފުޑާއި ޖަޕަނީސް ފުޑަށް ހާއްސަ ރެސްޓޯރެންޓުތައް ވަނީ މިދަނީ ރާއްޖޭގައި ހުޅުވަމުންނެވެ. ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ބައެއް ހިއްސާކުރާ ޗައިނާ މީހުންނަށް ހާއްސަކޮށް ހުޅުވާފައިވާ މަޝްހޫރު ބައެއް ޗައިނީސް ރެސްޓޯރެންޓުތަކުގެ ތެރޭގައި ސިޗުއާން- ޗައިނީސް ރެސްޓޯރެންޓު ހިމެނެ އެވެ. މީގެ އިތުރުން ޖަޕަނީސް ފުޑްގެ މީރު ރަހަތައް ގެނެސް ދިނުމަށް "އޮއިޝީ" ގެ ނަމުގައި ވެސް ތަނެއް ހުޅުވި އެވެ. މިތަނުން ޖަޕަނީސް ފުޑްގެ އެންމެ ހާއްސަ އެއް ކާނާ ކަމަށްވާ ސޫޝީ ތައްޔާރުކޮށްދެ އެވެ. ހަމަގައިމުވެސް މި ރެސްޓޯރެންޓުތައް ވެގެން ދަނީ މިފަދަ ކެއުންތަކަށް ޝައުގުވެރިވާ މީހުންނަށް ލިބޭނެ އިތުރު އުފަލަށެވެ.

އަރަބި، ދެކުނު އެފްރިކާގެ ރަހަތައް

މި ގައުމުތަކުގެ ކެއުންތަކާ ހަމައިން ހަމައެކަނި ނިމުނީއެއް ވެސް ނޫނެވެ. ދިވެހިން ކުރިން އާއްމު ގޮތެއްގައި ރަހަ ނުބެލޭ އަރަބި ރަހަތައް ލިބޭ ރެސްޓޯރެންޓެއްވެސް މާލޭގައި މިހާރު އެބަހުއްޓެވެ. އެރެބިއަން ފުޑަށް ހާއްސަ "ސޫމް" އިން މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ މީހުންގެ މެދުގައި މަގުބޫލު އެތަށް އެއްޗެއް ލިބެ އެވެ. މިގޮތުން ޖަމަލު މަހުގެ ކެއުންތައް ތައާރަފު ކުރަން އެތަނުން މަސައްކަތް ކުރާއިއިރު މިތަނުގައި އެންމެންގެ މަގުބޫލު އެއްޗެއްގެ ގޮތުގައި ހިމެނެނީ އަރަބި ސަޔެވެ.

އަރަބި ރެސްޓޯރެންޓުތަކަށް ފަހު، ދެކުނު އެފްރިކާގެ ރަހަތައްވެސް މިވަނީ ގާދޫކޮލުން ރާއްޖެއަށް އެތެރެވެފަ އެވެ. ދެކުނު އެފްރިކާގެ ފްރެންޗައިޒެއް ކަމަށްވާ "ބާސެލޮސް" ރާއްޖޭގައި ހުޅުވުން ވެެގެން ދިޔައީ ކުކުޅު މަހުގެ ކެއުންތަކަށް ލޯބި ކުރާ މީހުންނަށް ލިބިގެންދިޔަ އުފަލަށެވެ. ހާއްސަކޮށް ތަފާތު އެކި ސޯސްތައް އަޅައިގެން ކެއުންތަކަށް އިންސާފު ކުރާ މީހުންނަށް މިވަރުގެ ކަމެއް ނެތެވެ.

ކޮންމެއަކަސް ޒަމާނަށް އައި ބަދަލާއެކު، ގިނަ ގައުމުތަކުގެ "ހާއްސަ" ކެއުންތައް ރާއްޖެއަށް އަތުވެއްޖެ އެވެ. މިއާއެކު ދިވެހިން މިހާރުވެފައިވަނީ ރާއްޖޭގައި ތިބެގެން އެކި ގައުމުތަކުގެ ކެއުންތަކާ ދޯޅު ބަޔަކަށެވެ.