ވިޔަފާރި

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ 26 ޕަސެންޓް ދަށަށް!

  • އަހަރީ އާއްމު ޖަލްސާ އޮތީ މާދަމާ ރޭ
  • ހިއްސާއަކަށް 24ރ. ބަހަން ހުށަހަޅާނެ
  • މިދިޔަ އަހަރު އިންވެސްޓްމަންޓްތަކެއް ކުރި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރު ސާފު ފައިދާ ކުރީ އަހަރާއި އަޅާ ބަލާއިރު 26 ޕަސެންޓް ދަށަށް ގޮސްފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުގައި، މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 115 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މި އަދަދަކީ އޭގެ ކުރީ އަހަރު ލިބުނު އަދަދާ އަޅާ ބަލާއިރު 41 މިލިއަން ރުފިޔާ ދަށްވުމެކެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް މިދިޔަ ދެ އަހަރު ތެރޭގައި ދެ ޕްރީމިއަމް ފެރީއާއި ޑަބަލް ޑެކާ ފެރީ ހޯދުމަށް 18 މިލިއަން ރުފިޔާ ހޭދަ ކުރިއިރު، އިމާރާތް ކުރާ ދާއިރާގެ މެޝިނަރީ ހޯދުމަށް 76 މިލިއަން ރުފިޔާ އިންވެސްޓް ކޮށްފައިވެ އެވެ.

އެމްޓީސީސީ އަށް މިދިޔަ އަހަރު ބޮޑު ގެއްލުމެއްވެފައިވާއިރު އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ މާދަމާ ރޭ އެވެ. މި ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމި 24 ރުފިޔާ ފާސް ކުރުން ވެސް އޮންނާނެ އެވެ.