ހަބަރު

އަމީތާބުގެ ދަތުރު ބޮއިކޮޓްކުރުމަށް ގޮވާލައިފި

ބޮލީވުޑްގެ މެގަސްޓާ އަމީތާބު ބަޗަން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރު ބޮއިކޮޓްކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަން ފަށައިފި އެވެ. އަމީތާބު ރާއްޖެ ވަޑައިގަންނަވަނީ ދުނިޔޭގެ ސިއްހައްތު ޖަމިއްޔާއިން ބާއްވާ ކޮމެޓީ ބައްދަލުވުމަށެވެ.

އަމީތާބު އަކީ ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ގުޑްވިލް އެމްބަސެޑާ އެކެވެ. އަމީތާބު ވަނީ މީގެ ކުރިން ވެސް ރާއްޖެ އައިސްފައެވެ.

އެ ދަތުރު ބޮއިކޮޓްކުރުމަށް ގޮވާލައި މިއަދު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިދިކޮޅު ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށާއި ރާއްޖޭގައި ގާނޫނު އަސާސީން ލިބިދޭ ހައްގުތަކާއި މިނިވަންކަން ގެއްލުވާލާފައިވާ ކަމަށެވެ.

މަހުލޫފް އެގޮތަށް ޓްވީޓް ކުރައްވާފައިވަނީ އަމީތާބުގެ ރަސްމީ ޓްވިޓާ ޓެގް ކުރެއްވުމަށްފަހު އެވެ. މަހުލޫފްގެ އެ ޓްވީޓްގެ އިތުރުން އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ހިންދީ ބަހުން ޓްވީޓްކޮށް އަމީތާބުގެ ދަތުރު ބޮއިކޮޓްކުރުމަށް ގޮވަމުންނެވެ. އަދި، އަމީތާބު ކުޅެފައިވާ "އަންދާގާނޫން" ފިލްމްގެ ޕޯސްޓަރުތައް ވެސް ދަނީ ޓްވީޓް ކުރަމުންނެވެ. އެ ޓްވީޓްތައް ކޮށްފައިވަނީ އަމީތާބުގެ ޓްވިޓާ ޓެގްކުރުމަށްފަހު އެވެ.

ޑަބްލިއުއެޗްއޯ ގެ ފަރާތުން މިއަހަރު ރާއްޖޭގައި ބާއްވާ 70 ވަނަ ސައުތް އީސްޓް އޭޝިއާގެ ބައްދަލުވުމުގައި ހެޕްޓައިޓިސް އާއި ބެހޭ ގޮތުން އަމީތާބު ސެޝަންއެއް ދެއްވާނެ އެވެ. ނަމަވެސް އަމީތާބު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ކޮން ދުވަހަކުން ކަމެއް އަދި ސާފެއް ނުވެ އެވެ. އަންނަ މަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ކޮމެޓީ ބައްދަލުވުން އޮންނާނީ ޕެރެޑައިޒް އައިލޭންޑް ރިސޯޓްގައި އެވެ.