ހަބަރު

ބައި އިލެކްޝަނާ ދެކޮޅަށް އެ ރަށްރަށުގައި މުޒާހަރާކުރަން ގޮވާލައިފި

އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަނާ ދެކޮޅު ހެދުމުގެ ގޮތުން ރައްޔިތުން މަގު މައްޗަށް ނުކުމެ، މުޒާހަރާތައް ގިނަ ކުރުމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިރޭ ގޮވާލައްވައިފި އެވެ.

މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުން ވަރަށް ސާފުކޮށް އެނގެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައިނުވާކަން ކަމަށެވެ. ސުޕްރީމް ކޯޓުން ނިންމުން އޮޅުން ނުފިލާ، ނޭނގި ތިބެ އިލެކްޝަން ކޮމިޝަނުން ބައި އިލެކްޝަން އިއުލާން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ، ސާފުކޮށް ލިޔެފައި އޮތް ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފަށް އިލެކްޝަން ކޮމިޝަންގެ މެންބަރުން އަމަލުކުރަމުންދާއިރު އެއީ އެ ބޭފުޅުން ކުރައްވާ ޖިނާއީ ކުށެއް ކަމަށެވެ. އެ ކުށް އެ ބޭފުޅުން ކުރައްވާއިރު، ސަލާމަތީ ބާރުތަކުން ބަލަހައްޓައިގެން ތިބުމަކީ ގޯހެއް ކަމަށެވެ. މިހާރުން މިހާރަށް އިލެކްޝަން ކޮމިޝަނުންގެ މެންބަރުން ހައްޔަރުކުރުމަށް ޝިފާޒު ގޮވާލެއްވި އެވެ. އިލެކްޝަން ކޮމިޝަނުންގެ އަމަލުތައް ކުށްވެރިކޮށް އެކަމަށް ރައްޔިތުން އަޑުއުފުލަންޖެހޭނެ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިހުތިޖާޖުތައް ގިނަ ކުރަންވީ، އަޅުގަނޑުމެންނަށް އަމާން ބަނދަރަކަށް ދެވެންދެން މަގުމަތީގެ އިހުތިޖާޖުތައް އިތުރުކުރަންވީ، އަޅުގަނޑުމެން މުޒާހަރާތައް ގިނަ ގިނައިން ބާއްވާންވީ، ވަކިން ހާއްސަކޮށް މި ވަގުތު ގާނޫނާ ހިލާފަށް އިލެކްޝަން ކޮމިޝަނުން އެ ކުރައްވާ ކަންތައްތަކާ ދެކޮޅަށް އަޅުގަނޑުމެން ފާޅުގައި ބަސް ބުނަންވީ، އެއްވުންތައް ގިނަ ކުރަންވީ، އެ ވިދާޅުވާ ޣައިރު ގާނޫނީ ބައި އިލެކްޝަން ބޭއްވުމާ ފާޅުގައި ދެކޮޅު ހަދައި އެ ރަށްރަށުގައި އެ ދާއިރާތަކުގައި އިހުތިޖާކުތައް ގިނަ ކުރަންވީ،" ޝިފާޒު ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން ބައި އިލެކްޝަން އިއުލާން ކޮށްފައިވަނީ ވިލިނގިލި ދާއިރާ އާއި ތުލުސްދޫ ދާއިރާ އާއި މަޑުއްވަރީ ދާއިރާ އާއި ދިއްދޫ ދާއިރާ އާއި މައްޗައްގޮނޅީ ދެކުނު ދާއިރާ އަދި ދަނގެތީ ދާއިރާގެ އެވެ. އެ ދާއިރާގެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.