ހަބަރު

ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭ ހައިކޯޓުގައި މަސައްކަތް ކުރަން އަންގައިފި

  • އެގޮތަށް އަމުރުކުރީ ހައިކޯޓުގެ މައްސަލަތައް އަވަސްކުރަން
  • ދެކުނު ގޮފީގެ ޝަރީއަތްތައް ވަނީ މެދުކެނޑިފަ
  • މިވަގުތު ދެކުނު ގޮފީގައި ތިއްބެވީ ދެ ފަނޑިޔާރުން

އައްޑޫ ސިޓީ، މަރަދޫފޭދޫގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން ކުރިއަށް އޮތް ތިން މަސް ދުވަހަށް މާލޭ ހައިކޯޓުގައި މަސައްކަތް ކުރުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ހަވީރު ނެރުނު އަމުރުގައި ބުނެފައިވަނީ އެކަށީގެންވާ އަވަސްމިނެއްގައި އަދުލު އިންސާފު ލިބިދިނުން ކަށަވަރުކުރުމަށްޓަކައި، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމޭ އަދަދާއި ހަލުވިމިނަށް ބަލައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ނިންމުމުގެ މިންގަނޑުން ބެލިއިރު، މި އަހަރުގެ މިހާތަނަށް ނުނިމި 500 އަށްވުރެ ގިނަ މައްސަލަ ހައިކޯޓުގައި ހުރިކަމާއި އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ، މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ކަނޑައެޅި ފައިވާ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީގެ 141 ވަނަ މައްދާ އާއި، 144 ވަނަ މާއްދާ އާއި 156 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 35 ވަނަ މާއްދާ އާއި ކޭސް މެނޭޖްކުރުމަށް ކަ ނޑައެޅިފައިވާ އުސޫލުތަކާއި ޝަރީއަތްކުރުމުގައި
އަމަލުކުރެވޭ އިޖުރާއާތުތަކަށް ރިއާޔަތްކޮށް، ހައިކޯޓު ދެކުނު ގޮތްޕަށް ހަމަޖައްސާފައިވާ ތިން ފަނޑިޔާރުން، އެ ފަނޑިޔާރުން ހަމަޖައްސާފައިވާ ހައިކޯޓުގެ ގޮތްޕަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް ބަލައި ނިންމުމަށް ހުރަސްނޭޅޭނޭ ގޮތެއްގެ މަތިން، އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ތިންމަސް ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މަސައްކަތް ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ އަހަރުގެ ނިޔަލަށް ނިންމަންޖެހޭ މައްސަލަތައް ބަލައި ނިންމުމަށް ހައިކޯޓުގެ އެންމެހައި
ފަނޑިޔާރުންނަށް އަންގައި، މި އެންގުމާ ގުޅިގެން އިދާރީގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސަންޖެހޭ ކަންތައްތައް، އެ ޑިޕާޓްމަންޓުންކުރަމުން ގެންދިއުމަށް އަންގައި އަމުރުކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރެފައިމިވަނީ ހައިކޯޓު ދެކުނު ގޮފީގައި މިވަގުތު ތިއްބެވި ދެ ފަނޑިޔާރުން މާލެ ގެންނަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. . މިހާރު ހައިކޯޓުގެ ދެކުނު ގޮފީގައި ތިއްބެވީ، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ދެކުނު ގޮފީގެ ފަނޑިޔާރުން މޭލެ ވަޑައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާއިރު ހައިކޯޓުގެ ޝަރީއަތްތައް ހުއްޓިފައިވާތާ ވަނީ ހަ މަސް ދުވަސްވެފަ އެވެ. ހައިކޯޓުގައި އިސްތިއުނާފު ކުރާ މައްސަލަތައް ތިން ފަނޑިޔާރުންނަށް ބެއްލެވޭއިރު އެ ހައިކޯޓުގެ ދެކުނު ގޮފީގައި ތިން ފަނޑިޔާރުން މިހާރު ނުތިއްބަވަ އެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ސުޖާއު އުސްމާނަށް އިންޒާރުތަކެއް ލިބުމާ ގުޅިގެން މާލެ ވަޑައިގެންނެވި ގޮތަށް އަދި ވެސް ހުންނެވީ މާލޭގަ އެވެ. ފަނޑިޔާރު ސުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތްތައް ހުއްޓިފައިވާއިރު ހައިކޯޓު އުތުރު ގޮފީގެ މަސައްކަތް އަދިވެސް ނުފެށެ އެވެ. އެ ގޮތްޕަށް ފަނޑިޔާރުން ވެސް ވަނީ ހަމަނުޖެއްސި އެވެ.