ހަބަރު

އެކްސިޑެންޓްވި މީހާ މަރުވެއްޖެ

އައްޑޫ ސިޓީގައި މިރޭ އެކްސިޑެންޓެއް ހިނގައި ބޮލަށް އަނިޔާވި މީހާ މަރުވެއްޖެ އެވެ. އެކްސިޑެންޓް ހިނގާފައިވަނީ މަރަދޫފޭދޫގަ އެވެ. އެކްސިޑެންޓްގައި މަރުވެފައިވަނީ ސ. މަރަދޫ، ވަލިގޭ، އަލީ ހަނީފް އެވެ. އޭނާގެ ބޮލަށް ވަރަށް ބޮޑަށް ޒަހަމްވެފައިހުރި ކަމަށް މައުލޫމާތު ލިބެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މައުލޫމާތު ލިބޭ ގޮތުގައި މަރަދޫ "1000 ބީސީ" ރެސްޓޯރަންޓް ކުރިމަތީގައި އޮންނަ ސްޕީޑް ބްރޭކާ މައްޗަށް ބާރު ސްޕީޑްގައި އައި ސައިކަލެއް އެރި ވަގުތު އެ ސައިކަލް ކަހާލައިގެންނެވެ. މަރުވި އަލީ ހަނީފްއަކީ އެ ސައިކަލް ދުއްވަން އިން މީހާއަށެވެ.

އެކްސިޑެންޓްވެ ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް 56 އަހަރުގެ އަލީ ހަނީފް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި އެކްސިޑެންޓްގައި އިތުރު މީހަކަށް އަނިޔާއެއް ނުވެ އެވެ.