އީދާ ދިމާކޮށް މާލެ ފަޅުވުމަކީ އާ ކަމެއް ނޫނެވެ. ޒަމާންވީ ސަގާފަތެކެވެ. އެކަން މިހާރު ވެސް މިދަނީ ފެންނަމުންނެވެ. މާދަމާއަކީ ބޮޑު އީދު ދުވަހަށްވާއިރު މީހުންތައް ފުރަފުރައިގެން އެމީހެއްގެ ރަށަށް ދިޔުމަށް އެ ވަނީ ފުރާފަ އެވެ. އަނެއް ބަޔަކަށް ޗުއްޓީއަށް ކޮންމެވެސް ރަށަކަށް ޖައްސާލަން އެވަނީ ދަތުރު ހަދާފަ އެވެ.
ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން މާލޭގައި ދިރިއުޅޭއިރު އޭގެތެރެއިން ދެބައި ކުޅަ އެއްބައި ކަހަލަ ގޮތަކަށް ވަނީ އީދަށް މި ލިބުނު ފަސް ވަރަކަށް ދުވަހުގެ ބަންދަށް މާލޭގެ ހަލަބޮލިކަމާއި ދުރަށް ގޮސް ސިކުނޑި ހަމައަކަށް އަޅުވާލެވޭ ހިސާބެއްގައި ބަނދަރު ޖަހާފަ އެވެ.
އެންމެ ފާހަގަވާ ކަމަކީ މިހާރު ދިވެހިން އީދު ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ބަދަލުގައި ރަށްރަށަށް ވެސް ދާ ކަމެކެވެ. އަމިއްލަ އުފަން ރަށަށް ގިނަ ބަޔަކު ދިޔަ ނަމަވެސް ރަށްރަށުގެ ގެސްޓް ހައުސްތަކާއި ރިސޯޓްތައް ދާ ދިވެހިން ވެސް ވަރަށް ގިނަ އެވެ. އެ ތަންތަން އޯވާ ބުކްވެފައި އޮތުމުން އެކަން ވަރަށް ރަނގަޅަށް ސާފުވެ އެވެެ.
ބޮޑެތި ބޯޓްފަހަރުތައް ފުރާ ބަރާވެ، މީހުނުން ތޮއްޖެހިގެން މާލެ ފަޅުން ނުކުންނަ ތަން މި ދުވަހު ފެންނަލެއް ވަރަށް ގިނަ އެވެ. މާލޭ ފަޅު ވެސް މިހާރު ދަނީ ވަރަށް ބޮޑަށް ހުސްވަމުންނެވެ. މާދަމާއަށް އަލިވިލޭއިރު މާލޭ ފަޅުގައި އެއްވެސް ބޯޓެއް އޮންނާނެ ކަމަށް ނުބެލެވެ އެވެ.
ރަށްރަށުގެ ބޮޑެތި ބޯޓްފަހަރު އީދަށް މީހުން އުފުލަމުންދާއިރު މަތީގެ އުދުންތައް ވެސް އުޅެނީ ވަރަށް ފުލްކޮށެވެ. ގިނަ އެއާލައިންތަކުން ބުނެފައިވާ ގޮތުން އީދު ބަންދާ ދިމާކޮށް ހުރިހާ ފްލައިޓެއް ވެސް ވަނީ ފުލްވެފަ އެވެ.
އެކި ސަބަބުތަކާހުރެ މާލެއިން ބޭރު ނުވެވޭ މީހުން ވެސް ތިބޭނެތާ އެވެ. އެމީހުންނަށް ވެސް މިއީ ވައި އީދަކަށް ވާނެ ހެނެއް ހިއެއް ނުވެ އެވެ. އެއީ މި އަހަރު ހުޅުމާލޭގައި ސަގާފީކޮށް އީދު ފާހަގަކުރުމަށް ވަރަށް ގަދައަށް ތައްޔާރީތައްވަމުންދާތީ އެވެ. އީދު ބަންދުގެ ފަސް ދުވަހު މާލެއަށް ފަޅުކަން އައި ނަމަވެސް ހުޅުމާލެއިން އެ ބަދަލު ފެންނާނެހެން ހިއެއް ނުވެ އެވެ.