ހަބަރު

ހުޅުމާލޭގައި އެކްސިޑެންޓުވި ޒަހަމްވި މީހާ މަރުވެއްޖެ

މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މަރު ވެއްޖެ އެވެ. އޭޑީކޭ ހޮސްޕިޓަލުގެ އައިސިޔޫގައި ބާއްވައިގެން ފަރުވާ ދެމުން ގެންދަނިކޮށް އޭނާ މަރުވީ މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރު އެވެ.

އެ ހާދިސަގައި މަރުވެފައި ވަނީ އުމުރުން 64 އަހަރު އިބްރާހިމް ރަޝީދު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެކްސިޑެންޓުވީ ސައިކަލްގައި ދަރިއަކު ބަލައި ގޮސް ސައިކަލު ޕާކު ކުރަން އުޅެނިކޮށް ހުޅުމާލޭ ނިރޮޅުމަގުން ހަބީބް ބޭންކާ ދިމާލުން ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއް ގޮސް އެ މީހާގެ ސައިކަލްގައި ޖެހިގެންނެވެ. އަދި އެ ހާދިސާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލުން ބެލުމަށް ފަހު އޭނާ އޭޑީކޭއަށް ބަދަލުކުރި އެވެ.

އެކްސިޑެންޓްގައި ރަޝީދުގެ ކަކުލުގައި ރެނދުލާފައިވާ އިރު ބޮލަށް ވެސް ވަރަށް ބޮޑެތި އަނިޔާވި ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. އޭނާގެ ހާލު ސީރިޔަސްވެ، ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގެ އެހީ ގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި އެކްސިޑެންޓުވި ދެވަނަ ސައިކަލުގައި އިން މީހާ، ސައިކަލު ދޫކޮށްލުމަށް ފަހު އެ ސަރަހައްދުން ފިލާފައިވާ ކަމަށެވެ. އަދި މިހާތަނަށް އޭނާ ހައްޔަރު ކުރެވުނު ކަމެއް ސާފެއް ނުވެ އެވެ.

މި ހަފްތާގެ ތެރޭގައި އައްޑޫގައި ވެސް އެކްސިޑެންޓެއްވެ ޒުވާނަކު ވަނީ މަރުވެފަ އެވެ.