ކުލަގަދަ ގޮތެއްގައި ހުޅުމާލޭގައި ބޮޑު އީދު ފާހަގަ ކުރުމަށް ކާމިޔާބު ހަރަކާތްތަކެއް އިއްޔެ ބާއްވައިފި އެވެ. އިއްޔެ ހުޅުމާލޭގައި އީދާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ގިނަ ހަރަކާތްތަކަށް ލިބުނު ތަރުހީބު ވެސް ބޮޑެވެ.
ހުޅުމާލޭގައި އެންމެ ފުރަތަމަ އެޗްޑީސީއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމެވެ. އެއަށްފަހު އެކުވެރިކަން އާލާ ކުރުމަށް އިހު ޒަމާނުންސުރެ ރަށްރަށުގައި އީދު ދުވަހު ހެނދުނު ބާއްވާ އެންމެ ކުގައި ހެނދުނުގެ ސައި ބުއިން ވެސް އެޗްޑީސީއިން އިއްޔެ ވަނީ ހުޅުމާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.
އަލްހާ އީދު ނުވަތަ ބޮޑު އީދަކީ ގުރުބާނުގެ އީދު ކަމަށްވާތީ، އިއްޔެ އެޗްޑީސީއިން އިންތިޒާމްކޮށްގެން އުލްހިޔާ ކަތިލުމުގެ ހަރަކާތް ވެސް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އެވެ. ވަރަށް ފޯރީގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަކަރި ކަތިލާފައިވެ އެވެ. އަދި އެތަކެތި ވަނީ ސަދަގާތް ކޮށްފަ އެވެ. ދައުލަތުން ބަލަހައްޓާ ކުޑަ ކުދިން ބައިތިއްބާ، ފިޔަވަތިއަށް ވެސް ވަނީ އެ ސަދަގާތް ދީފަ އެވެ.
އިއްޔެ ހަވީރު ވަނީ ސަގާފީ ޕެރޭޑެއް ވެސް އެޗްޑީސީއިން ބާއްވާފަ އެވެ. އެ ޕެރޭޑްގައި ސަގާފީ ގިނަ ކުޅިވަރުތަކެއް ދައްކާލި އެވެ. އެގޮތުން މާލި، ކޯޑި، ދޯނި، ބޮޑުމަސް ފަދަ ކުޅިވަރުތައް ކުރިއަށްދިޔަ އެވެ. އޭގެ އިތުރުން ރާޅުގަނޑު ބޮޑުބެރު ގުރޫޕްގެ ބޮޑުބެރާއި ރަސްމަޓަސް ޑާންސް ގްރޫޕްގެ ސަގާފީ ނެށުންތައް ވެސް އިއްޔެ ހަވީރު ސްޓޭޖްގައި ވަނީ ހުށަހަޅާދީފަ އެވެ.
އޭގެ އިތުރުން ވެސް ގާޒީ ސްކޫލާއި ރެހެންދި ސްކޫލް ދަރިވަރުންގެ ހަރަކާތްތަކެއް ދައްކާލި އެވެ. މި ހަރަކާތްތައް އިއްޔެ ފެށީ ހަވީރު 4:00 ގަ އެވެ. ހަރަކާތްތައް 6:00 އާ ހަމައަށް ކުރިއަށް ދިޔައިރު، ހުޅުމާލޭ ބޮޑެތި މަގުތަކުގައި މި ކުޅިވަރުތައް ދައްކާލި އެވެ. ނިންމާލާފައިވަނީ ސެންޓްރަލް ޕާކަށެވެ.
ރޭ ވެސް ވަނީ އީދުގެ އުފަލުގައި ސެންޓްރަލް ޕާކްގައި މިޔުޒިކް ޝޯއެއް ކުރިއަށް ގެންގޮސްފަ އެވެ. އެ މިޔުޒިކް ޝޯގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މޫޝާން މުބާރިކް، ލައިޝާ ޖުނައިދުގެ ހުށަހެޅުންތައް ފެނިގެން ދިޔަ އެވެ. އޭގެއިތުރުން ރާޅުގަނޑު ބޮޑުބެރު ގްރޫޕާއި ވޫޑޫ ބޭންޑްގެ ހުށަހެޅުންތައް ވެސް ކުރިއަށް ދިޔަ އެވެ.
މިއަދު ހަވީރު އެޗްޑީސީއިން ވަނީ އަލް ހިޖްރަ ޖަމިއްޔާއާ ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ހަވީރު މިހާރު ވަނީ ފަސްކޮށްފަ އެވެ. އެ ހަވީރު ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ އެވެ.
މިފަދަ ސަގާފީ ހަރަކާތްތަކަކާއެކު ހުޅުމާލޭގައި އެޗްޑީސީއިން އީދު ފާހަގަކުރުމުގެ މަގުސަދަކީ ސަގާފީ އީދެއް މިހާރުގެ ޒުވާނުންނަށާއި ކުޑަކުދިންނަށް ދައްކުވައިދީ، މުޖުތަމައުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރުކުރުމެވެ.