ހަބަރު

ނޮޅިވަރަމްފަރުގައި ބޮޑު މަސް އެރީ މޫދުން!

ހދ. ނޮޅިވަރަމްފަރުން : ނާޒިމް ހަސަން
Sep 4, 2017
2

އީދު ކުޅިވަރު ތެރޭގައި ބޮޑު މަސް ބޭނުމަކީ ޒަމާނުންސުރެ ގިނަ ރަށްރަށުގައި ކުޅެމުން އަންނަ ކުޅިވަރެކެވެ. އެ ކުޅިވަރަކީ ރަށުގައި އޮންނަ އެންމެ ބޮޑު ހުސް ބިމުގައި ގިނަ ބަޔަކަށް ބަލަންތިބެވޭ ގޮތަށް އިންތިޒާމްކުރާ ކުޅިވަރެކެވެ. ނަމަވެސް ހދ. ނޮޅިވަރަމްފަރުގައި މި އަހަރު މި ކުޅިވަރު ކުރިއަށް ގެންގޮސްފައިވަނީ ކުޑަކޮށް ތަފާތުކޮށެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ މިގޮތަށް އެ ރަށުގައި ބޮޑު މަސް ބޭނި ދެވަނަ އަހަރެވެ.

ނޮޅިވަރަމްފަރުގައި ބޮޑު މަސް އަރާފައިވަނީ މޫދުންނެވެ. ކުޅިވަރު ކުޅިފައިވަނީ ގޮނޑުދޮށުގަ އެވެ. ބޮޑު މަސް ބޭނުމަށް ދޯނީގައި ތިބި ފަޅުވެރިން ކިޔެވެލި ކިޔަވަން ފެށުމުން ބޮޑު މަސް އަރައިގެން އައީ ރަށުގެ އެއް ކޮޅު މޫދުންނެވެ. ބޮޑު މަސް ތައްޔާރުކޮށްފައިވަނީ ވެސް ވަރަށް އަސްލާ އެއްގޮތަށެވެ.

އިއްޔެ ހަވީރު ނޮޅިވަރަމްފަރުގައި ބޮޑު މަސް ބޭނުމުގެ ކުޅިވަރު ކުރިއަށް ދިޔައިރު ކުޅިވަރު ބެލުމަށް އެ ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ޖެޓީ ދޮށަށް އެއްވި އެވެ.

މޫދުން އަރައިގެން އަައި ބޮޑު މަހެއް ނޮޅިވަރަމްފަރުގައި ބޭއްވިއިރު މި ކުޅިވަރު މޫދުގައި އެހެން ރަށެއްގައި ކުޅޭ ކަމެއް އެނގިފައެއް ނުވެ އެވެ. ކުޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މި ކުޅިވަރުގެ އަސްލަކީ ފަނުން ބޮޑު މަސް ހެދުމަށްފަހު އެއްގަމުގައި ކުޅިވަރު ކުޅުމެވެ.

ގިނަ ރަށްރަށުގައި ބޮޑު މަސް ބޭނުމުގެ ކުޅިވަރު ކުރިއަށްދާއިރު ހދ އަތޮޅުގައި މި އަހަރު މި ކުޅިވަރު ކުޅުނު މަދު ރަށްތަކުގެ ތެރޭގައި ނޮޅިވަރަމްފަރު ހިމެނެ އެވެ.

ބޮޑު މަސް ބާނަނީ

ނޮޅިވަރަމްފަރުގައި އީދު ފާހަގަކުރުމަށް މި ނޫނަސް އިތުރު ކުޅިވަރުތައް ކުޅިފައިވެ އެވެ. ރަށުގައި މި އަހަރު އެންމެ ފޯރީގައި ކުރިއަށް ގެންގޮސްފައިވަނީ ސްޓޭޖް ޝޯ އެވެ. އީދުގައި އެންމެ މަގުބޫލް ސުނީތާ އަލީ ވެސް ވަނީ ނޮޅިވަރަމްފަރުގައި ޝޯ ދީފަ އެވެ.