ރިޕޯޓް

ކޮތަރަށް ކުރާ އަނިޔާ ހުއްޓާލާ!

ކާއެއްޗެއް ހޯދަން ވުމުން ޖުމްހޫރީ މައިދާނަށް ނުވަތަ އެ ސަރަހައްދު ބާޒާރުމައްޗަށް ދަނީ ކޮތަރުތައް އެކަންޏެއް ނޫނެވެ. ސަލާން ޖަހައިގެން ކައިބޮއެ އުޅޭ މީހުން ވެސް އެ ހިސާބުގައި ގިނަ އެވެ. އެއިން އިންސާނަކު އަހަރެމެންގެ ފަހަތުން އައިސް، ކާއެއްޗެއް ދޭށޭ ބުންޏަސް އެކަން ކޮށްދޭނީ އަހަރެމެންގެ ތެރެއިން މަދު މީހެކެވެ. އިންސާނުންނަށް އިތުބާރު ނެތީ އެވެ. ދޮގު ހަދާ މީހުން ގިނައީ އެވެ. އެކަމަކު ޖުމްހޫރީ މައިދާން ރީތިކުރުމަށް، ކޮތަރަށް ކާންދިނުން ހައުސިން މިނިސްޓްރީން މަނާކުރުމާ އެކު އިންސާނިއްޔަތުގެ ސިފަ އުތުރިއަރައިގެން ގޮސް ކޮތަރުތަކުގެ ހައްގުގައި މި ތިބީ ނިކުމެ އެވެ. އެކަމަކު ކުރިން ބުނިހެން ދެއްކެން އުޅޭ އިންސާނުން ގިނަކަމުން، ކޮތަރުތަކުގެ ހައްގުގައި އުޅޭ މީހުންނާއި އެކަމުގެ ސިޔާސީ ފައިދާ ނަގަން އުޅޭ މީހުން ވަކިކުރާކަށް ނޭނގެ އެވެ.

އަހަރެމެން އިންސާނުން ބަދަލުވަމުން މި ދަނީ ދޫނިސޫފާސޫތްޕާއި ވަލުޖަނަވާރުންނަށް ވުރެ ވެސް ދަށު ދަރަޖައަކަށޭ ބައެއް ފަހަރު ބުނަނީ ކާންދޭ މީހާ ވެސް އިންސާނުންނަށް ނޭނގޭތީ އެވެ. ކޮތަރުތައް ކޮންމެ ދުވަހަކު ޖުމްހޫރީ މައިދާނަށް ދަނީ ބަޔަކު ކާންދޭތީ އެ މީހުންގެ ފަހަތުންނެވެ. މިހާރު ކާން ނުލިބުމުން މީހުންގެ ފަހަތުން "އާދޭސްކުރަމުން" ހިނގަނީ ވެސް އިންސާނުން އެސޮރުމެންނަށް ކާން ދޭނެ ކަމަށް ގަބޫލުކޮށް، ކުރާ އިތުބާރަކަށެވެ. އެކަމަކު އަހަރެމެން އިންސާނުން އަމިއްލަ އަށް ފުދިގަނެ މާ ވަރުގަދަ ބަޔަކަށް ވެގެން އުޅޭއިރު އަހަރެމެންގެ ރިޒުގު ލިބޭ ގޮތާ މެދު ވިސްނާލަން ވެސް އެބަ ޖެހެ އެވެ. ޝުކުރުވެރިވާން ޖެހެ އެވެ.

މައުލޫއިން ބޭރުވެވުނީތީ ހަވާސާގެ ތެރެއަށް ޖެހިލާނަމެވެ. ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން މަނާކުރުމުން އެއީ އަނިޔާވެރި އަމަލެއް ކަމަށާއި މިއީ ދުނިޔޭގެ އެއްވެސް ތާކު ނުކުރާ ކަހަލަ ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ސިފަކުރާ މީހުން ގިނަ އެވެ. އެކަމަކު ކޮތަރަށް ކާންދިނުން މަނާކުރުމުގެ ފިޔަވަޅު ވަރަށް ގިނަ ގައުމުތަކުގައި އަޅާފައިވެ އެވެ.

އެކަމަކު އެއިން ކޮންމެ ގައުމެއްގައި ވެސް ބަޔަކު ވަނީ ކޮތަރުތަކުގެ ހައްގުގައި ނިކުމެފަ އެވެ. އެމެރިކާ އާއި އިޓަލީ އާއި އިނގިރޭސި ވިލާތް ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި، ކޮތަރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އެބަހުއްޓެވެ. ކޮތަރުގެ ހައްގުގައި އެ ގައުމުތަކުގައި ޖަމާއަތްތައް ހަދައި މުޒާހަރާ ވެސް ކުރި އެވެ. ބައެއް ޕާކުތަކާއި މައިދާންތަކުގައި ކޮތަރަށް ކާންދިނުން މަނާކޮށް، އެ އަމުރާ ހިލާފުވާ މީހުންނަށް ބޮޑެތި ޖޫރިމަނާ އަންނަ ގާނޫނުތަކާއި ގަވާއިދުތައް ވެސް ހެދި އެވެ.

އެމެރިކާގެ ނިއު ޔޯކްގައި 2007 ވަނަ އަހަރު ވަނީ އާންމު ތަންތަނުގައި ކޮތަރަށް ކާންދިނުން މަނާކޮށްފަ އެވެ. އެ ސިޓީގެ އޭރު މޭޔަރަށް ހުންނެވި މައިކަލް ބްލޫމްބާގް އެ ފިޔަވަޅު އެޅީ ކޮތަރުގެ ސަބަބުން ސިޓީ އަށް ކުރިމަތިވާ ނުތާހިރުކަން ނައްތާލައި އާންމުންގެ ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށެވެ.

އެމެރިކާގައި މި ފިޔަވަޅު އެޅުމުގެ ކުރިން އިޓަލީގެ ވެނިސް އާއި އިނގިރޭސި ވިލާތުގެ ލަންޑަންގައި ވެސް ކޮތަރުގެ މައްސަލާގައި އޮތީ ފިޔަވަޅު އަޅައިފަ އެވެ. ކޮތަރަކީ އިޓަލީގެ ވެނިސްގެ ރީތިކަމުގެ ރަމްޒެއް ކަމަށް ވެފައި ވުމުން، އެތަނަށް ދާ ޓޫރިސްޓުން ޕާކުތަކުގައި ކޮތަރުތަކާ އެކު ފޮޓޯ ނެގުމަކީ އާންމު ކަމެކެވެ. އެކަމަކު ވެނިސްގައި ކޮތަރު ގިނަވެ އުނދަގުލަކަށް ވެއްޖެ ކަމަށް ބުނެ، ކޮތަރުގެ ދަރިމައިވުން މަދުކުރުމަށް ބޭސް ދިނުމާއި ބަލިކޮށް ތިބޭ ކޮތަރު މެރުން ފަދަ ކަންކަން ކުރަން ފެށި އެވެ.

އެކަމަކު ލަންޑަންގެ ޓްރަފަލްގާ ސްކްއާގައި ކޮތަރަށް ކާންދިނުން މަނާކޮށް، ކާން ދީފި ނަމަ 500 ޕައުންޑުން ޖޫރިމަނާ ކުރެވޭ ގާނޫނެއް ހެދުމަކީ ކޮތަރާ ދެކޮޅަށް އެޅި އެންމެ މަޝްހޫރު ފިޔަވަޅަށްވި އެވެ. އޭރު ލަންޑަނުގެ މޭޔަރަކަށް ހުންނެވި ކެން ލިވިންސްޓޯންގެ މި ފިޔަވަޅާ ދެކޮޅަށް "ސޭވް ދަ ޓްރަފަލްގާ ޕިޖަންސް" ގެ ނަމުގައި ޖަމިއްޔާއެއް ވެސް ހެދި އެވެ.

މި ޖަމާއަތުން ހަޅުތާލުކޮށް، ގާނޫނާ ހިލާފަށް ކޮތަރަށް ކާން ދެމުން ދިޔަ އެވެ. އެންމެފަހުން ކޮންމެ ދުވަހެއްގެ ވަކި ވަގުތުތަކެއްގައި ކާންދެވޭ ގޮތަށް ބަދަލުކުރި އެވެ. އަދި ކާން ދޭ މިންވަރު މަދުކުރަމުން، މައިދާނުން ބޭރަށް ކޮތަރުތައް ގެންދަން، ކާން އަޅާ ތަން މައިދާނާ ކޮންމެ ދުވަހަކު ދުރަށް ޖައްސަމުން ދިޔަ އެވެ. އެކަމަކު، ކޮތަރުގެ ހައްގުގައި ނިކުތް މީހުންނާ އެކު މޭޔަރު ހެދި އެއްބަސްވުން އުވާލައި އެންމެ ފަހުން ހަމަ ގާނޫނަށް އަމަލުކުރަން ފެށީ އެވެ. އެކަމަކު ކޮތަރަށް ކާން ދިނުން އެކި ގޮތްގޮތަށް މިހާރުވެސް ކުރެ އެވެ. މިއީ އެ ދުވަސްވަރު ދުނިޔޭގެ ސަމާލުކަން ލިބުނު ބޮޑު ހަބަރެކެވެ.

މިހާ ހިސާބުން ސުވާލަކަށް ވީ ކޮތަރަށް ކާންނުދިނުމާއި ޒަހަރު ދިނުން ފަދަ ކަންކަން ކުރުމަކީ ކޮތަރުގެ ސަބަބުން ކުރިމަތިވާ ކަންކަމުން ސަލާމަތްވާން އޮތް ހަމައެކަނި ހައްލުތޯ އެވެ. ދިރޭތަކެތީގެ ހައްގުގައި މަސައްކަތްކުރާ މީހުން މި ބަހުސް ފުޅާކުރި އެވެ. ދިރޭތަކެތީގެ ތުރާލުން ސަލާމަތަވާން ވެސް ރަހުމުހުރި ގޮތަކަށް އަމަލުކުރަންޖެހޭ ކަމަށް ވަކާލާތުކުރަން ފެށި އެވެ.

ކޮތަރު ޖަމާވާ ތަންތަނުގައި، ދަޅަ އަޅާ ކަހަލަ ފުއްޕާހަން ބެހެއްޓުމާއި ކޮތަރު ގަޔާނުވާ ޒާތުގެ އަޑު އިވޭ އާލާތްތައް ހަރުކުރުން ފަދަ ކަންކަން މިހާރު ވަނީ އީޖާދުކޮށްފަ އެވެ. އެކަމަކު މި ކަންކަން ވެސް ކާމިޔާބު ވަނީ ކަމާ ކަންފަށާ ގޮސް ކޮތަރަށް ކާން ދިނުމަށް މީހުން މަސައްކަތް ނުކުރާ ހާލަތުގައި ކަމަށް، މިފަދަ ކަންކަން ކުރާ އެކި ފަރާތްތަކުން އިންޓަނެޓުގައި ލިޔެފައިވާ ލިޔުންތަކުން އެނގެ އެވެ.

އެންމެ މޮޅީ ވަކި ހިސާބަކަށް ކޮތަރު ޖަމާވިޔަ ނުދޭން ބޭނުން ނަމަ، ކާންދިނުން މަދުކުރަމުން ދިއުމާ އެކު ކާން އަޅާ ހިސާބު ބަދަލުކޮށްލުން ކަމަށް އެކި ފަރާތްތަކުގެ ތަޖުރިބާ އިން ހާމަވެ އެވެ. މިއީ އާންމު ގޮސް އުޅޭ ޕާކް ފަދަ ތަންތަން ކޮތަރުގެ ސަބަބުން ނަޖިސްވެ، ބަލި ފެތުރިދާނެ ކަމަށް ހީވާ ނަމަ ކުރަން ވެސް ޖެހޭނެ ކަމެކެވެ. އެކަމަކު މައްސަލަ އަކަށް ވަނީ އިސްކުރަންވީ އިންސާނީ ހައްގުތޯ ނުވަތަ ޖަނަވާރުންގެ ހައްގުތޯ ބަހުސަކަށްވާ ހިސާބުންނެވެ.