ވިޔަފާރި

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 30ލ، އަދި ޑީސަލް ލިޓަރަކުން 20ލ. މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނިން ބުނި ގޮތުގައި ތެލުގެ އަގު ބޮޑު ކުރުމާއެކު ޕެޓްރޯލް ލިޓަރެއް ވިއްކަމުން ގެންދާނީ 8.95ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކާނީ 8.64ރ. އަށެވެ.

"... ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު އެސްޓީއޯ އިން ބޮޑު ކުރަން ނިންމައިފި އެވެ،" ތެލުގެ އަގު ބޮޑު ކުރުމާ ބެހޭ ގޮތުން އެސްޓީއޯއިން ބުނެފައިވެ އެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ކުރިއިރު އެ ކުންފުނިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ ޖޫން މަހު އެވެ. ރާއްޖޭގައި ވިއްކާ ތެލުގެ ޑިއުޓީ ކުޑަކުރުމާ ގުޅިގެން ޑީސަލް ލިޓަރަކުން 51ލ. އަދި ޕެޓްރޯލް ލިޓަރަކުން 30ލ. ހެޔޮކޮށްފައިވެ އެވެ. އެ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޑީސަލް ލިޓަރެއް ވިއްކަމުން ގެންދިޔައީ 8.44 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއްގެ އަގު ހުރީ 8.65ރ. ގައެވެ.

ތެލުގެ އަގު ބޮޑު ކުރިއިރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އިއްޔެގެ ނިޔަލަށް ހުރީ 48.61 ޑޮލަރަށެވެ.