ވިޔަފާރި

ޓީ-ބިލާއި ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށަށް

ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސަން ދޫކޮށްފައިވާ ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ތިން ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން ޖުލައި މަހުގެ ނިޔަލަށް ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު 22.3 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މަހުން މަހަށް ބަލާއިރު މި އަދަދު ވަނީ ތިން ޕަސެންޓް، 601.4 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އަދި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ވެސް އެއް ޕަސެންޓް، 61.9 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

މި އަދަދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރި ބޭންކްތަކުން ޓީ-ބިލަށް އިންވެސްޓްކޮށްފައިވާ އަދަދު ދަށްވުމެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި އަހަރު ދުވަހަށް ބަލާއިރު ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީސްގެ އައުޓްސްޓޭންޑިންގެ އަދަދު ޖޫން މަހު ވަނީ ފަސް ޕަސެންޓް، ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

"މީގެ މައިގަނޑު ސަބަބަކީ ޓީ-ބޮންޑްގެ އައުޓްސްޓޭންޑިން އަދަދު 19 ޕަސެންޓް [5.1 ބިލިއަން ރުފިޔާ] މައްޗަށް ދިއުމެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ޓީ-ބިލްގެ އައުޓްސްޓޭންޑިން އަދަދު ވަނީ 3 ޕަސެންޓް [8.409 މިލިއަން ރުފިޔާ] ދަށްވެފަ އެވެ. ޓީ-ބޮންޑްގެ އައުޓްސްޓޭންޑިން އަދަދު އިތުރުވެފައިވަނީ ސަރުކާރުން ދޫކޮށްފައިވާ ޓީ-ބިލްތަކުން ބައެއް ޓީ-ބޮންޑަށް ފާއިތުވި އަހަރުގެ ތެރޭގައި ބަދަލުކޮށްފައިވުމާ ގުޅިގެންނެވެ. އަދި ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ދަށްވެފައިވަނީ ބޭންކުނޫން މާލީ އިދާރާތަކުންނާއި ޕަބްލިކް ނޮން ފައިނޭންޝަލް ކޯޕަރޭޝަންރަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ދަށްވުމާ ގުޅިގެންނެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.