ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން އިއުލާންކޮށްފައިވާ އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލުކުރަން ގުޅިފައިވާ ޕާޓީތަކުން ސުޕްރީމް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިދިކޮޅު އެހެން ޕާޓީތަކުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ހަ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ބައި އިލެކްޝަން އިއުލާންކޮށްފައިވަނީ ޕާޓީން ބަދަލުކޮށްފިނަަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ހިލާފަށް ކަމަށެވެ. އަދި މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި ގޮނޑީގެ މައްސަލާގައި އެ ކޯޓުން ނިންމި ނިންމުމާ ވެސް ހިލާފަށް ކަމަށެވެ.
އެހެންކަމުން މައްސަލާގައި އެދިފައިވަނީ އިލެކްޝަން ކޮމިޝަނުންގެ ނިންމުން ގާނޫނު އާސާސީއާ ހިލާފު ކަމަށް ކަނޑައަޅައި ދިނުމަށާއި އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުކުރުމަށް އަމުރު ކޮށްދިނުމަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ އެވެ.