ރާއްޖޭގެ ގާނޫނީ ވަކީލުންގެ ދަފުތަރުގައި ވަކީލުންގެ އަދަދު ވަރަށް ގިނަ އެވެ. ނަމަވެސް އަމަލީ ގޮތެއްގައި ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރައްވާ ވަކީލުން އޭގެ ތެރޭގައި ނިސްބަތުން ވަރަށް މަދެވެ. ހާއްސަކޮށް ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލުންގެ އަދަދަށް ބަލާއިރު ހުށަހެޅޭ މައްސަލަތަކާ އަޅާ ކިޔާއިރު މަދެވެ. ހަރަކާތްތެރިކޮށް ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ވަކީލުން މަދެވެ.
އެހެން އޮތްވާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މިވަނީ 54 ވަކީލެއް ސަސްޕެންޑްކޮށްފަ އެވެ. އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ހަދާފަ އެވެ. މި 54 ވަކީލުންނަކީ ރާއްޖޭގައި ތިއްބެވި އެންމެ ހަރަކާތްތެރި ވަކީލުންނެވެ. އެ ވަކީލުންނަކީ ކޯޓުތަކަށް ހާއްސަކޮށް ކުރިމިނަލް ކޯޓަށް އެންމެ ގިނައިން ވަޑައިގަންނަވާ ވަކީލުންނެެވެ.
ސިޔާސީ ބޭފުޅުން ޝާމިލުވާ ގިނަ މައްސަލަތަކެއް ވެސް ކުރިމިނަލް ކޯޓުން ބަލަމުންދާއިރު އެ ހުރިހާ މައްސަލަތަކެއްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަކީލުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މުޅި ގާނޫނީ ޓީމު ވަނީ ސަސްޕެންޑްވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްސަލާގެ ޝަރީއަތް ފެށެން ތައްޔާރުވެފައިވާއިރު އެ މައްސަލާގައި މެންބަރުންގެ ވަކީލުން ވެސް އެވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެއް ފަހަރާ 54 ވަކީލުން ސަސްޕެންޑް ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ބޮޑު ކަމެކެވެ. އެތައް ބައެއްގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެކެވެ. އެ ވަކީލުންނަކީ އެތައް ބައެއްގެ މައްސަލަތައް ހިއްޕަވައިގެން ކޯޓަށް ވަޑައިގަންނަވާ ބޭފުޅުންނަށްވާއިރު އެ ހުރިހާ ބޭފުޅުން އެއް ފަހަރާ ސަސްޕެންޑްވުމުން ދައުވާ ލިބޭ ފަރާތްތަކުގެ ހައްގުތައް ވަރަށް ބޮޑު އުނިވެގެން ދާނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިމިނަލް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަނީ 172 ވަކީލުންގެ އެވެ. އޭގެ ތެރޭގައި ސަސްޕެންޑްކުރި 54 ވަކީލުންގެ އިތުރުން ޕްރޮސިކިއުޓާ ޖެނަރަލްގެ 40 ވަރަކަށް ވަކީލުން ހިމެނިވަޑައިގަންނަވަ އެވެ. އެހެންކަމުން މިހާރު ބާކީ ތިއްބެވީ މަދު ވަކީލެކެވެ. މައްސަލަތައް ބައިވަރެވެ.
އަލަށް އަމަލުކުރަން ފަށާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މިހާރު މައްސަލައެއްގައި ހިމެނޭ ދެ މީހަކަށް އެއް ވަކީލަކަށް ތަމްސީލެއް ވެސް ނުކުރެވޭނެ އެވެ. އެހެންކަމުން ވަކީލުން ބޭނުންވާ މިންވަރު މިހާރު ބޮޑެވެ. އެއް މައްސަލައެއްގައި ވެސް ދެ މީހަކު ހިމެނޭ ނަމަ ދެ ވަކީލުން ތިބެން ޖެހެ އެވެ.
ކުއްލި ގޮތަކަށް 54 ވަކީލުން އެއް ފަހަރާ ސަސްޕެންޑްކުރުމާއެކު އެ ވަކީލުން ވަކާލާތު ކުރައްވާ މައްސަލަތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެ ޝަރީއަތްތަކުގައި ވަކީލުންގެ ފުރުސަތު އަލުން ދޭން ޖެހޭނެ އެވެ. އެކަމަށް ވަގުތު ނަގާނެ އެވެ. ފުރުސަތު ދިން ނަމަވެސް އެ މައްސަލަތަކާ ހަވާޅުވާނެ ވަކީލުން އެބަ ތިއްބެވި ހެއްޔެވެ؟ ނެތެސް ތިއްބަސް މިއީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތަކަށް އަންނާނެ ހުއްޓުމެކެވެ. ބޮޑު ހުރަހެކެވެ.
މިހާ ގިނަ ވަކީލުންތަކެއް ސަސްޕެންޑް ކޮށްފައިމިވަނީ ސުޕްރީމް ކޯޓަށް އެ ވަކީލުން ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނެއްގެ ސަބަބުންނެވެ. އެ ޕެޓިޝަން އެ ކޯޓުން ބަލައިގެންފައެއް ނުވެ އެވެ. ވަކީލުން ސަސްޕެންޑްކުރީ އެއީ ގާނޫނާ ހިލާފު ލިޔުމެއް ކަމަށް ބުނެ އެ ލިޔުމުގައި ސޮއިކޮށްފައިވާތީ އެވެ. ނަމަވެސް އެ ޕެޓިޝަން ގާނޫނާ ހިލާފާ ސަބަބެއް ސާފުނުވާ ކަމަށް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޕެޓިޝަން ހުށަހެޅުއްވުމުގައި ވަރަށް އިސްކޮށް އުޅުއްވި އަދި ގިނަ ޖިނާއީ މައްސަލަތަކެއްގައި ވަކާލާތު ކުރައްވަމުން ގެންދެވި މަހުފޫޒު ސައީދު ވިދާޅުވީ، އެ ބޭފުޅުން ފާހަގަކުރެއްވީ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ކަމަށެވެ. އެ ކަންބޮޑުވުންތަކަކީ އެކަންކަން އެންމެ ގާތުން ފެންނަ މީހުންގެ ހައިސިއްޔަތުން ފާހަގަކުރެއްވި ކަންބޮޑުވުންތަކެއް ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ވަކީލުންނާމެދު ފިޔަވަޅު އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
ސަސްޕެންޑްކުރި ވަކީލުން ވަނީ އެ މެންބަރުން ސަސްޕެންޑްކުރި ގޮތާމެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަސްޕެންޑްކުރި ސަބަބުތަކުގެ ތެރޭގައި ސުޕްރީމް ކޯޓަށް ދޮށަށް އެއްވުން ވެސް ހިމެނޭއިރު އެ 54 ވަކީލުންގެ ތެރޭގައި ސުޕްރީމް ކޯޓު ދޮށަށް އެ ދުވަހު ވަޑައިނުގަންނަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންވަ އެވެ.
"އެންމެ ފުރަތަމަ މި ދެއްވީ އަދަބު، ދެން އެއަށް ފަހު އެ މީހަކު އެ އަމަލެއް ހިންގިތޯ އާއި އެ މީހަކު އެ ހިންގި އަމަލަކީ ކުށެއްތޯ އާއި އެ ކުށަކަށް ވަނީ ކިހިނެތްތޯ، މިކަންކަން ބެލުމުގެ މަރުހަލާ މިއައީ، މީގެން އެނގޭ އަނެއް ކަމަކީ އަޅުގަނޑުމެން ޕެޓިޝަންގައި މި ދައްކާ، އިންސާފުވެރިކަމާއެކު މީހުންގެ މައްޗަށް ކަންތައްތައް ނުކުރުމުގެ ވާހަކައަކީ ހަގީގަތުގައި ވެސް ހިނގާ ކަމެއްކަން،" ހިސާން ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި އަދިވެސް ވަކީލުން ފެށި މަސައްކަތް ދާނީ ކުރިއަށެވެ. އެ މަސައްކަތާ އިތުރު ވަކީލުން ވެސް ދާނީ ގުޅިވަޑައިގަންނަމުންނެވެ. އެ މަސައްކަތާ ގުޅިވަޑައިގަންނަވާ ކޮންމެ ވަކީލަކު ސަސްޕެންޑް ކުރަންވެއްޖެނަމަ ރާއްޖޭގެ މުޅި އަދުލުގެ ނިޒާމް ހުއްޓިގެން ގޮސްދާނެ އެވެ.
ސުޕްރީމް ކޯޓުން ބަލައިގެންފައިވެސް ނުވާ ޕެޓިޝަނެއްގެ ސަބަބުން ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑްކުރިއިރު އެކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާއާމެދު ވިސްނާނުލާ އޮތްކަން ސާފުވެ އެވެ. އެކަމުގައި ވަކީލަކާ ސުވާލުކޮށްލައި ނުވަތަ މައްސަލަ ބަލާކަން އެންގި ނަމަވެސް ވަކީލުން ސަސްޕެންޑް ކުރުމުން އައި ކުއްލި ސިހުން އެ ވަކީލުން ވަކާލާތު ކުރައްވާ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންނަށް ނުލިބުނީހެވެ.