ލައިފްސްޓައިލް

ޔަތީމު ދެ ކުދިންނަށް ކާން ދިން މީހާއަށް ލިބުނު ޝިފާ!

އިންސާނިއްޔަތު ކަމާއި އެކަމުގެ މުހިންމުކަން އެންމެ ބޮޑަށް އެނގޭނެ ބަޔަކީ އިންސާނީ ހައްގުތަކުން މަހުރޫމްވެފައިވާ މީހުންނަށެވެ. އެފަދަ އެއް ބަޔަކީ ސީރިއާގެ ރައްޔިތުންނެވެ. މިނިވަންކަމާއެކު އުޅުމުގެ ހައްގުން އެމީހުން ވަނީ މަހުރޫމްވެފަ އެވެ. ގެ ވަނީ ސުންނާފަތިވެފަ އެވެ. ގެދޮރާއި އަހުލުވެރިން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރަން ވަނީ ޖެހިފަ އެވެ.

މިއީ ސީރިއާގެ އުތުރުގެ ކޭމްޕެއްގައި ދިރިއުޅެމުންދާ އާއިލާއެއްގެ ވާހަކަ އެވެ. ކުޑަކުޑަ އާއިލާއެކެވެ. އެ އާއިލާގެ ކުޑަ ދެ ދަރިން ކަމަށްވާ އަހުމަދާއި ޖަމީލާގެ ބައްޕަ ވަނީ މަރުވެފަ އެވެ. މަރާލާފަ އެވެ. ކޭމްޕްގައި އެ ދެ ކުދިން އުޅެމުން ދަނީ މާމަ އާއި މަންމައާއެކު އެވެ.

ޖަމީލާގެ މަންމަ ބުނި ގޮތުގައި، ޖަމީލާގެ ބައްޕަ މަރުވީ، އެމީހުންގެ އަވަށުގައި ހިންގާ ޖަރީމާތަކާ ދެކޮޅަށް ތެދުވެ މަސައްކަތް ކުރަނިކޮށެވެ. އެކަމާ އަޑުއުފުލައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވިއިރު، ސިފައިން އެތަނުގައި ސިއްރުން މައިނުތަކެއް ވަޅުލާފައިހުރި ކަމަށް މާމަ ބުންޏެވެ. ދަރިންގެ ބައްޕަ މަރުވީ އެ މައިންތައް ގޮވައި ހިނގި ހާދިސާގަ އެވެ. އޭރު ޖަމީލާއަށް އެއް އަހަރެވެ. އަހުމަދަށް އެންމެ 14 ދުވަހެވެ.

ޖަމީލާގެ ބައްޕަ، އިތުރު ބަޔަކާއެކު ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރަން ދިޔައީ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފޭބި ގޮތަށެވެ. އެ ވާހަކަތައް ހިއްސާކުރަމުން ދިޔައިރު ދަރިންގެ މޫނުގައި ފިރުމާލަ ފިރުމާލަ އިން މާމަގެ ލޮލުން ކަރުނަ އޮހެމުން ދިޔަ އެވެ.

"އަހަރެމެންގެ ދިރިއުޅުން ވަރަށް ދަތި، އަހަރެން ދެރަވޭ މި ދަރިންގެ ހާލު ފެނިފަ، މި ހާލަތާމެދު ދެރަވެ ރޮވޭ އަދަދު އަހަރެންނަށް ބުނަން ނޭނގޭ، ކޮންމެ ދުވަހަކު އަހަރެން ދަރިންނަށްޓަކައި ރޮން، އަހަރެންނަށް ފެނޭ އެހެން ކުދިން އެކުދިންގެ ބައްޕައާއެކު، އެތަން ފެނި، އަހަރެންގެ މާމަ ދަރިންނާމެދު ދެރަވޭ،" މާމަ ރޮމުން ބުންޏެވެ.

އަހުމަދާއި ޖަމީލާގެ މާމަ ބުނީ، އެހެން ކުދިން އުޅޭ ގޮތަށް އުޅެން އެ ކުދިން ވެސް ބޭނުންވާ ކަމަށެވެ. އަވަށްޓެރި އެހެން ކުދިން ބައިސިކަލް ގެންގުޅޭތީ އަހުމަދު ވެސް ބައިސިކަލް ދުއްވަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަން ފުއްދައިދެވޭ ފެންވަރު އޭނާގެ ނެތް ކަމަށެވެ.

އޭނާ ބުނީ، އެ އާއިލާގެ އެއްވެސް ތަނަވަސްކަމެއް ނެތްއިރު ކާނެ އެއްޗެހި ގަންނާނެ ފައިސާ ވެސް ނުހުންނަ ކަމަށެވެ. ދަރިންނަށް ބޭނުންވާ ކާޏާ ހަދިޔާކޮށްދެނީ ހެޔޮ އެދޭ މީހެއް ކަމަށެވެ. އެމީހާއަކީ ތުރުކީއިން ހެދި ސްކޭނަކުން ބޮލުގައި ކެންސަރު ހުރިކަން އެނގިފައިވާ މީހެއް ކަމަށެވެ. އެމީހާ ވަނީ އެއް އަހަރުވަންދެން އެ އާއިލާ ބޭނުންވާ މިންވަރަށް ކޮންމެ ދުވަހަކު ވެސް އެއްގަމު މަސް ފޯރުކޮށްދީފަ ކަމަށް މާމަ ބުންޏެވެ.

އެމީހާ އޭގެފަހުން ބޮލުގެ އޮޕަރޭޝަން ކުރަން ދިޔުމުން ބޮލުގައި އެއްވެސް މައްސަލައެއް ނެތްކަން އެނގުނެވެ. އެމީހާ ބުނި ގޮތުގައި އެއީ، ޔަތީމު އެ ދަރިންގެ ދުއާގެ ސަބަބުން އޭނާއަށް މިންވަރު ކުރެއްވި ގޮތެވެ. މާމަ ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް އެ ކުދިން އެ ކުދިންނަށް ކާނަ ފޯރުކޮށްދޭ މީހާއަށް ހެޔޮ ގޮތްތައްވުމަށް އެދި ދުއާކުރެ އެވެ.