ހަބަރު

ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭ ހައިކޯޓުގައި މަސައްކަތްކުރަން ފަށައިފި

އައްޑޫ ސިޓީ، މަރަދޫފޭދޫގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން ކުރިއަށް އޮތް ތިން މަސް ދުވަހަށް މާލޭ ހައިކޯޓުގައި މަސައްކަތް ކުރުމަށް ސުޕްރީމް ކޯޓުން އަންގާފައިވާތީ، އެ ފަނޑިޔާރުން މާލޭ ހައިކޯޓުގައި މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.

ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މިއަދު ފެށިގެން ހައިކޯޓުގައި މަސައްކަތް ކުރައްވަން ފައްޓަވާފައިވާކަން ހާމަކުރައްވަމުން އެ ކޯޓުން ބުނީ، މިއަދުން ފެށިގެން ބާއްވާ ޝަރީއަތްތަކަކީ އެ ފަނޑިޔާރުން ވެސް ޝާމިލުވެގެން ބާއްވާނެ ޝަރީއަތްތަކެއް ކަމަށެވެ. މިއަދު ހައިކޯޓުގެ ތާވަލުކޮށްފައިވަނީ ދެ މައްސަލައެކެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެކަށީގެންވާ އަވަސްމިނެއްގައި އަދުލު އިންސާފު ލިބިދިނުން ކަށަވަރުކުރުމަށްޓަކައި، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމޭ އަދަދާއި ހަލުވިމިނަށް ބަލައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ނިންމުމުގެ މިންގަނޑުން ބެލިއިރު، މި އަހަރުގެ މިހާތަނަށް ނުނިމި 500 އަށްވުރެ ގިނަ މައްސަލަ ހައިކޯޓުގައި ހުރިކަމާއި އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ، މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ކަނޑައެޅި ފައިވާ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީގެ 141 ވަނަ މައްދާ އާއި، 144 ވަނަ މާއްދާ އާއި 156 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 35 ވަނަ މާއްދާ އާއި ކޭސް މެނޭޖްކުރުމަށް ކަ ނޑައެޅިފައިވާ އުސޫލުތަކާއި ޝަރީއަތްކުރުމުގައި
އަމަލުކުރެވޭ އިޖުރާއާތުތަކަށް ރިއާޔަތްކޮށް، ހައިކޯޓު ދެކުނު ގޮތްޕަށް ހަމަޖައްސާފައިވާ ތިން ފަނޑިޔާރުން، އެ ފަނޑިޔާރުން ހަމަޖައްސާފައިވާ ހައިކޯޓުގެ ގޮތްޕަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް ބަލައި ނިންމުމަށް ހުރަސްނޭޅޭނޭ ގޮތެއްގެ މަތިން، އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ތިންމަސް ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މަސައްކަތް ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން އެ އަމުރު ނެރުނުއިރު ހައިކޯޓުގެ ދެކުނު ގޮފީގައި ތިއްބެވީ، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އޭރު ދެކުނު ގޮފީގެ ޝަރީއަތްތައް ހުއްޓިފައިވާތާ ވެސް ވަނީ ހަ މަސް ދުވަސްވެފަ އެވެ. ހައިކޯޓުގައި އިސްތިއުނާފު ކުރާ މައްސަލަތައް ތިން ފަނޑިޔާރުންނަށް ބެއްލެވޭއިރު އެ ހައިކޯޓުގެ ދެކުނު ގޮފީގައި ތިން ފަނޑިޔާރުން ނުތިއްބަވަ އެވެ. ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ސުޖާއު އުސްމާނަށް އިންޒާރުތަކެއް ލިބުމާ ގުޅިގެން މާލެ ވަޑައިގެންނެވި ގޮތަށް ހުންނެވީ މާލޭގަ އެވެ. މިއަދުން ފެށިގެން ފަނޑިޔާރު ސުޖާއު އުސްމާނު ވެސް ވަނީ މާލޭ ހައިކޯޓުގައި މަސައްކަތް ކުރައްވަން ފައްޓަވާފަ އެވެ.

މި ބަދަލު ގެނެސްފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލާގެ ހުކުމް އިއްވުން ހައިކޯޓުގައި ލަސްވަމުންދާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުން ދަނިކޮށެވެ. އެ މައްސަލަ މިހާރު ވަނީ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރުގެ ސެކްޝަނުން ނަގައި އިސް ފަނޑިޔާރުގެ ބިއުރޯއަށް ބަދަލުކޮށްފަ އެވެ. އެކަމާ ފާރިސް ހިތްހަމަނުޖެހުން ފާޅުކޮށް ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ވައްދާފަ އެވެ.